ކޮވިޑް-19 އާއެކު އެތައް ބިލިއަން ބަޔަކަށް މިއަދު މިވަނީ އެމީހުން ދިރިއުޅެމުން އައި އާންމު ދިރިއުޅުން މެދުކަނޑާލާ ގޭތެރޭގައި މުޅި ދުވަސް ހޭދަކުރަން ޖެހިފަ އެވެ. ގޭތެރޭގައި މުޅި ދުވަސް ހޭދަކުރަން ޖެހުމުން އައު ކަންކަން ކުރުމަށް އިންސާނުންނަށް މިއަދު ވަގުތު ލިބެއެވެ. އެކިކަންކަމުގައި އެމީހުންނަށް ލިބިފައި ހުރި ހުނަރު ތަރައްޤީ ކުރާނެ ވަގުތު މިއަދު ލިބިއްޖެއެވެ. ކުރިން ކުރަމުން އައި ކަންކަންވެސް މުޅިން ތަފާތުގޮތަކަށް ކުރުމަށް ވިސްނާނެ ވަގުތުވެސް މިއަދު އެބައޮތެވެ. ގޭތެރޭގައި ފޫހިވެގެން، ވައިވެގެން ވަގުތުތައް ދުއްވާލުމުގެ ބަދަލުގައި އެވަގުތުތައް ބޭނުންތެރިގޮތުގައި ހިފޭނެ ގިނަ ގޮތްގޮތް މިއަދު ފެނެއެވެ.
ގޭތެރޭގައި ތިބެގެން އެކިގައުމުތަކުގައި މިގޮތަށް ކުރާކަންކަން ތަފާތެވެ. ކޮވިޑް-19 އާއި ގުޅިގެން އެންމެ ފުރަތަމަ ލޮކްޑައުންކުރި ޗައިނާގެ ހޫބޭ ޕްރޮވިންސުގެ ގެތަކުގެ އެޕާޓްމަންޓްތަކުން މަސްޓޭންކުތަކުން މަސްބާނާ މަންޒަރާއި އެނޫންވެސް މަންޒަރުތަކަށް ދުނިޔޭގެ ލޯ ހުއްޓުނިިއިރު ޔޫރަޕް ލޮކްޑައުން ވެގެންދިޔުމާއެކު ފެންނަންފެށި މަންޒަރަކީ ބެލްކަނިތަކުން ލަވަކިޔަމުންދިޔަ މަންޒަރެވެ. ބައެއް އިސްލާމީ ގައުމުތަކުގެ ރައްޔިތުން ގޭގައި ތިބެންޖެހުމުން ގުރުއާން ކިޔަވާ އަޑު ފަޒާގެ ތެރޭގައި ގުގުމަމުންދިޔަ އެވެ. ރާއްޖެއަށް ބަލާލާއިރު ރާއްޖޭގައިވެސް އަންނަނީ ތަފާތު ކަންކަން ކުރަމުންނެވެ. ސޯޝަލް މީޑިޔާއަށް އަބަދުވެސް ރައްޓެހި ދިވެހިން ގޭތެރޭގައި ގިނަ ވަގުތުހޭދަކުރަން ޖެހުމުން ސޯޝަލް މީޑިޔާގެ ޒަރީޢާއިން އެކިކަންކަން ކުރާތަން އަންނަނީ ފެންނަމުންނެވެ.
އެގޮތުން ފާއިތުވި ދެދުވަހަށް ބަލާލާއިރު އެކިއެކި އިމޯޖީ ކިޔުޒްތަކުން ވައިބަރ ގްރޫޕްތަކާއި ވަޓްސް އެޕް ގްރޫޕްތައް އަންނަނީ ފުރާލަމުންނެވެ. ކުރިން އެކަކު އަނެކަކަށް މެސެޖްކުރުމުގައި ބޭނުންކުރަމުން އައި އެމޯޖީތައް މިހާރު މިވަނީ ހުސްވަގުތުތައް ފުރާލަދޭނެ އެއް ބައިވެރިއަކަށްވެފަ އެވެ. އިމޯޖީތައް ބޭނުންކޮށްގެން ހަދާފައި ހުންނަ އެކިއެކި ކުއިޒްތަކުގެ ޖަވާބުތައް ހޯދުމުގެ ރޭހެއްގައި މިއަދު ގިނަ ބަޔަކު އަންނަނީ އުޅެމުންނެވެ.
ކޮންމެހެން ނިކުންނަން ޖެހިއްޖެކަމެއްގައި ނޫނީ ނުނިކުތުމަށް ކަމާބެހޭ ފަރާތްތަކުން އަންގާފައިވާއިރު ކެފޭ ، ރެސްޓޯރެންޓްތައް ވަނީ ބަންދުކުރެވިފަ އެވެ. އެހެންކަމުން ކުރިން ކޮންމެ ދުވަހަކު ކޮފީ މޭޒުތަކުން ބައްދަލުވި ގާތް ރައްޓެހިންނާއި މިއަދު ބައްދަލެއް ނުވެއެވެ. އެމީހުންނާއި މިއަދު ދިމާވަނީ ސޯޝަލް މީޑިޔާގެ އެކި ޕްލެޓް ފޯމްތަކުންނެވެ. މިޕްލެޓްފޯމްތަކުގައި ރައްޓެހިންނާ ވާހަކަދައްކާލާ ސިކުނޑި ހަމަޖައްސާލާ ހީސަމާސާ ކޮށްލުމަށްވެސް މިއަދު މިއެމޯޖީ ކުއިޒްތަކުގެ ބޭނުން އަންނަނީ ކުރަމުންނެވެ.
ވައިބަރ ގްރޫޕަކަށް ރައްޓެއްސަކު ފޮނުވާލި އިމޯޖީ ކިއުޒްއަކާއެކު އެންމެން އެއަށް ޖަވާބު ދިނުމަށް އަވަސްވެގަތެވެ. އެއާއެކު އެކަކު ބުންޏެވެ. މިކުއިޒްތައް ހަދާ މީހުންވެސް މޮޅީ އެވެ. ތެދެކެވެ. އިމޯޖީ ކުއިޒްތަކުގެ ތެރޭގައި ސީދާ ދިވެހިންނާއި ގުޅުންހުރި ކުއިޒްތައް އެބަހުއްޓެވެ. އެކުއިޒްތަކަކީ ގޫގުލްކޮށްގެން ނަގާފައިވާ ކުއިޒްތަކެއް ނޫނެވެ. އެހެންކަމުން އެއީ ކޮންމެސް ދިވެހިންތަކެއްގެ އުފެއްދުންތަކެއްކަން އެނގެއެވެ.
ދިވެހި ބަހާއި، ރަށްރަށާއި، ދިވެހި ފިލްމު އަދި ލަވަ ހިމެނޭ އެމޯޖީ ކިއުޒްތައް މީގެތެރޭގައި ހިމެނެއެވެ.
ދިވެހިންނާއި ގުޅުންހުރި މިފަދަ ކިއުޒްތަކާއެކު ރާއްޖެއާ ގުޅުންހުރި އެކި ކަންކަމުގެ މައުލޫމާތު މުއްސަނދިކުރުމަށްވެސް މިކަމުން މަގުފަހި ވެގެންގޮސްފި އެވެ. ސްކޫލްގައި ކިޔަވަން އުޅުނުއިރު ކިޔަވާފައިހުރި އެއްޗެހީގެ ހަނދާން އައު ކޮށްލުމުގެ ފުރުސަތުވެސް މިއާއެކު ލިބިގެންގޮސްފި އެވެ.
އެންމެ މުހިންމު ކަމަކަށް ކުރިން ދިމާނުވެ ތިބި ގާތް މީހުންނާއި ބައްދަލުވެ ވާހަކަދައްލާ ހީސަމާސާކޮށްލާނެ ވަގުތު މިއަދު ލިބިއްޖެ އެވެ. މީގެއެތައް މަހެއްކުރިއްސުރެ އަގައިން ބުނެނުލާ ހުރި ވައިބަރ ގްރޫޕްތަކާއި ވަޓްސް އެޕްޓް ގްރޫޕްތަކަށް މިއަދު މި އެމޯޖީ ކިއުޒްތަކާއެކު ދިރުމެއް ގެނުވައިފި އެވެ. އެއާއެކު ހަލަބޮލި ދިރިއުޅުމުގެ ތެރެއިން ވަގުތު ނުދެވި ތިބި ރަހުމަތްތެރިންނާއި ވާހަކަ ދައްކާލާނެ ވަގުތެއް މިއަދު މިކުއިޒްތަކުގެ ޒަރީޢާއިން ލިބިގެންގޮސްފި އެވެ.
ކޮންމެއަކަސް އިމޯޖީ ކިއުޒްތަކާއެކު ގޭތެރޭގައި ދުވަސް ހޭދަކުރަން ޖެހިފައިވާ ދިވެހިންނަށް އައު ކަންތައްތަކެއް މިވަނީ ދަސްވެގެންގޮސްފަ އެވެ. އެއާއެކު މިއެމޯޖީ ކިއުޒްތައް ހަދަމުންދާ މީހުންނަށްވެސް މިވަނީ އެމީހުންގެ އުފެއްދުންތެރި ސިކުނޑިތަކުން އައު ކަންތައްތަކެއް ގެނެސްދީފަ އެވެ. މިއަދުގެ ހަގީގަތަކީ ގޭތެރޭގައި ތިބުން ނޫން އެހެން ގޮތެއް ނެތްކަމެވެ. އެހެންކަމުން ގޭތެރޭގައި ތިބެގެން މިފަދަ އުފެއްދުންތެރި ކަންކަން ކުރަމުން ދާށެވެ. މިއީވެސް ވަގުތުގެ ބޭނުން ރަނގަޅުގޮތުގައި ހިފިގެންދާނެ އަދި އެތައް ބަޔަކު ސޯޝަލް މީޑިޔާގެ އެކިއެކި ޕްލެޓް ފޯމްތަކުގެ ޒަރީޢާއިން ބައްދަލުވެގެންދާނެ ގޮތަކަށް މިވަނީވެފަ އެވެ.
އެކަނި ވަގުތުތައް ހޭދަކުރަމުންދާ އަދި ހޭދަކުރަން ޖެހިފައިވާ އެތައް ދިވެހިންގެ ސިކުނޑިތައް އެމީހުން އަބަދު ވިސްނަމުންދާ ކަންކަމުން ދުރަށް ގެންގޮސްދޭނެ ކުއިޒްތަކަކަށް މިއަދު މިކުއިޒްތައް ވަނީ ގޮސްފަ އެވެ. އަދިވެސް މިފަދަ އެތައް ކުއިޒެއް އަންނަން ހުރީ ކަމަށް ބަލަމާށެވެ.