ކޮވިޑް-19 އިންޑިޔާގައި ފެތުރެމުންދާތީ އެކަމުން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އިންޑިޔާގެ މައި ސިޓީ ނިއުދިއްލި އާއި އިތުރު ސިޓީތަކެއް މާރޗް މަހުގެ 31 ވަނަ ދުވަހާ ހަމައަށް ލޮކްޑައުން ކުރުމަށް ނިންމައިފި އެވެ.
އެންމެ ފުރަތަމަ އިންޑިޔާއިން ނިންމާފައިވަނީ 14 ގަޑިއިރު ވަންދެން ލޮކްޑައުންކޮށްފައި ބޭއްވުމަށެވެ. އާދީއްތަ ދުވަހުގެ ހެނދުނު 7:00 ން ރޭގަނޑު 9:00 އަށް އިންޑިޔާގައި ވަނީ ކަރފިއު އިއުލާންކޮށް އެންމެން ގޭގައި ތިބެފަ އެވެ. އެއަށްފަހު މިވަނީ 14 ގަޑިއިރުގެ މުއްދަތު މައި ސިޓީތަކުގައި ދިގު ދައްމާލާފައެވެ.
ލޮކްޑައުންކުރުމަށް ހަމަޖެހިފައިވާ ސިޓީތަކުގެ ތެރޭގައި ހިމެނެނީ މުމްބާއީ، ބެންގަލޯރު، ޕޫނޭ، ހައިދްރައާބާދު އަދި ކޮލްކަތާ އެވެ. މިނިންމުމާއެކު މިމަސް ނިމެންދެން އިންޑިޔާގެ ފައިނޭންޝަލް އަދި ޓެކްނޮލޮޖީގެ ދާއިރާގައި މަސައްކަތްކުރާ އެތައް މިލިއަން ބަޔަކު ދެން މަސައްކަތްކުރާނީ ގޭގައި ތިބެގެންނެވެ.
އިންޑިޔާގެ އިންފޮރމޭޝަން ބިޔުރޯއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޒަރޫރީ ބޭނުންތަކަށް ޚިދުމަތްދޭ ތަންތަން ނޫން ހުރިހާ ތަނެއް މިމުއްދަތުގެ ތެރޭގައި ބަންދުވާނެކަމަށެވެ. ހުރިހާ ފިހާރަތަކާއި، ފެކްޓްރީތަކާއި، ވާރކްޝޮޕް، އޮފީސްތައް، މާރުކޭޓްތައް އަދި އަޅުކަންކުރާ ތަންތަން ބަންދުކުރުމަށް ހަމަޖެހިފައިވާއިރު އެކި ސްޓޭޓްތަކަށް ދަތުރުކުރާ ބަސްތަކާއި މެޓްރޯތަކުގެ ޚިދުމަތްވެސް މެދުކަނޑާލުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެއިތުރުން އިންޑިޔާއިން އަންނަނީ 4 މީހުންނަށް ވުރެ ގިނައިން އެއްވާނަމަ އަދަބު ދިނުމަށް ޤާނޫނަކުން ކަނޑައެޅުމަށް މަސައްކަތް ކުރަމުންނެވެ.
އެކި ސްޓޭޓްތައް ލޮކްޑައުން ކުރަމުންދާއިރު އުތުރު ޕަންޖާބު ސްޓޭޓުގެ ޗީފް މިނިސްޓަރ ވިދާޅުވެފައިވަނީ ޒަރޫރީ ބޭނުންތަކުގެ ޚިދުމަތްދޭ ތަންތަން ނޫން ހުރިހާ ތަނެއް މާރޗް މަހުގެ 31 ވަނަ ދުވަހާ ހަމައަށް ބަންދުވާނެކަމަށެވެ.
އިންޑިއާ އިން ވަނީ ބޭރު ޤައުމުތަކުގެ މީހުން އެ ގައުމަށް އެތެރެވުން ވަގުތީ ގޮތުން މަނާ ކޮށްފައެވެ. އަދި އޮން އެރައިވަލް ވިސާ ދޫކުރުންވެސް ވަނީ ހުއްޓާލާފައެވެ.
މިހާތަނަށް އާއިރު އިންޑިޔާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 400 އަށް ވުރެ މައްޗަށް އަރައެވެ.