ޗައިނާގެ ވޫހާން ސިޓީން އުފަންވެގެން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރެމުން އަންނަ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ތިން ލައްކަ އަށް އަރައިފި އެވެ.
ކޮވިޑް-19 ފެތުރޭ މިންވަރު ޗައިނާގައި ކޮންޓްރޯލް ކުރެވިފައިވިޔަސް، އެމެރިކާގެ އިތުރުން ޔޫރަޕްގެ ގައުމުތަަށް ކަމަށްވާ އިޓަލީއާއި، ސްޕެއިންގައި ވައިރަސް ފެތުރެމުންދާ މިންވަރު ދަނީ ދުވަހެއް ދުވަހަށް އިތުރުވަމުންނެވެ.
އާދިއްތަ ދުވަހާ ހަމަޔަށް އިޓަލީގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 53 ހާހަށް އަރާފައިވާއިރު މަރުވި މީހުންގެ ޢަދަދު އުޅެނީ ޗައިނާއަށް ވުރެވެސް މަތީގައެވެ. އެއީ 4،825 އެވެ. އިޓަލީ އަށް އެހީވެ ދިނުމަށް ތައްޔާރަށް އޮތް ކަމަށް ރަޝިޔާއިން ވަނީ ބުނެފައެވެ.
ސްޕެއިންގެ އެންމެ ފަހުގެ ޢަދަދުތަކަށް ބަލާއިރުު ވައިރަސް ޖެހިގެން މަރުވި މީހުން އަދަދު ވަނީ ފާއިތުވި ގަޑިތަކުގައި ބޮޑު ތަނުން އިތުރުވެފައެވެ. ކޮވިޑް-19 ޖެހިގެން ސްޕެއިން ގައި މަރުވި މީހުންގެ އަދަދު 1،300 އަށް ވުރެެ މައްޗަށް ވަނީ އަރާފައެވެ. ސްޕެއިންގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުން އެ ޤައުމުގެ 24،926 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ހޮނިހިރު ދުވަހު ސްޕެއިންގެ ސަރުކާރުން ވަނީ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް އިތުރު 640،000 ކިޓް ގެނެސްފައެވެ. އެ ޢަދަދު އިތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ކޮވިޑް-19 މިހާރު ފެތުރެމުންދާ ލިސްޓުގައި ހިމެނޭ އެމެރިކާގައި އާދިއްތަ ދުވަހާ ހަމަޔަށް 26،892 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެ ޢަދަދަކީ ފާއިތުވި ހަފުތާއާ އަޅާބަލާއިރު، 10 ގުނަ ބޮޑު އަދަދެކެވެ.
ކޮވިޑް-19 ފެނުނު ޗައިނާގެ ވުހާން އިން އައު ކޭސްއެއްް ރިޕޯޓުނުކުރާތާ ހަތަރު ދުވަސްވެއްޖެއެވެ. މިހާރު ޗައިނާއިން އިން ފެންނަ ކޮވިޑް-19 ގެ ކޭސްތަކަކީ އިމްޕޯޓެޑް ނުވަތަ އެހެން ގައުމުތަކުން އެތެރެވި ކޭސްތަކެއްކަމަށް ރިޕޯޓުތައް ބުނެއެވެ.