ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރުމުން، ސްޓޭޝަންގެ ނޫސްވެރިންގެ މައްޗަށް އުފުލައި، ހުކުމްކޮށްފައިވަނީ އަސްލެއް ނެތް ދައުވާތަކެއްގައިކަން ހާމަވެގެންގޮސްފައިވާކަމަށް ރާއްޖެޓިވީން ބުނެފި އެވެ. ރާއްޖެޓީވީން އެގޮތަށް ބުނީ، ވިސާމަށް ހުކުމްކުރުމައި ގުޅިގެން ފާހަގަކުރެވުނު ކަންތައްތައް ބަޔާންކޮށް، ސްޓޭޝަނުން އާންމުކުރި ބަޔާނެއްގައެވެ.
ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމުގެ މައްޗަށް ދައުލަތުން އުފުލި ފުލުހުންގެ ދައުރަށް ދަތިކުރުމުގެ ކުށުގެ ދައުވާ އަކީ ވިސާމުގެ މައްޗަށް ސާބިތު ނުވާ ދައުވާއެއް ކަމަށް ކްރިމިނަލް ކޯޓުން 28 މާޗް 2017 ވީ އަންގާރަ ދުވަހު ވަނީ ކަނޑައަޅާފަ އެވެ.
ވިސާމްގެ މައްޗަށް އިއްވި ހުކުމް ފާހަގަކޮށް ރާއްޖެޓީވީން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ އެ ހުކުމުން ޔަގީންވެގެން ދަޔައީ، ސްޓޭޝަނުން މިހާތަނަށް ދައްކަމުން އައި ވާހަކަތަކުގެ ތެދުކަން ކަމަށެވެ. އަދި މިހާތަނަށް ރާއްޖެޓީވީ އަށާއި ރާއްޖެޓީވީގެ ނޫސްވެރިންގެ މައްޗަށް، ތަހްގީގުކޮށް، ޝަރީއަތްކޮށް ހުކުމްވެސް ކޮށްފައިވާ އަދި އެކި މަރުހަލާތަކުގައިވާ އެހެން މައްސަލަތަކީ އެއްވެސް އަސްލެއް ނެތް މައްސަލަތަކެއްކަމަށް ސްޓޭޝަނުން ބުނެ އެވެ.
ރާއްޖެޓީވީން ބުނީ، މައްސަލަތަކަކީ، ރައްޔިތުންނަށް މައުލޫމާތާއި ހަބަރު ގެނެސްދިނުމާއި، ދައުލަތުގެ އެކި ފަށަލަތައް ޖަބުދާރީކުރުވުމަށްޓަކައި، ނޫސްވެރިކަމުގެ ހަމަތަކާއި އުސޫލްތަކާ އެއްގޮތްވާ ގޮތުގެ މަތިން ސްޓޭޝަނުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އަޅައި، ނޫސްވެރިންނަށް ބިރު ދައްކައި، ބިރުވެރިކަން އުފެއްދުމަށްޓަކައި، އުފައްދާފައިވާ މައްސަލަތަކެއް ކަމުގައި ގަބޫލުކުރެވޭ ކަމަށެވެ.
ވިސާމުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ 2015 ވަނަ އަހަރުގެ މާޗް 25 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާ ކުރަމުންދަނިކޮށް، ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ ފުލުހުންގެ ދައުރަށް ހުރަސް އަޅާފައިވާ ކަމަށް ބުނެ އެވެ. ދައުވާ އުފުލާފައިވަނީ 2016 ވަނަ އަހަރުގެ އޭޕްރީލް 5 ވަނަ ދުވަހު އެވެ.
ރާއްޖެޓީވީން ބުނީ، ދެ އަހަރަށް ފަހު ދައުވާގައި އެއްވެސް އަސްލެއް ނެތްކަން ކޯޓުން ކަނޑައެޅުމުން ދޭހަވަނީ އެއްވެސް ކުށެއް ނެތް މީހަކު ހައްގަކާއި ނުލައި ދިގު މުއްދަތަކަށް ޝަރުއީ މަރުހަލާގައި ގެންގުޅެ ނަފްސާނީ ގޮތުން ބޮޑު އަނިޔާއެއް ދިނުމަށް ޖެހިލުންނުވާ ފަރާތްތައް ދައުލަތުގެ ބޮޑެތި މަގާމުތަކުގައި ތިއްބެވިކަން ކަމަށެވެ. ވިސާމްގެ މައްސަލާގައި ފުލުހުންނާއި އަދި ޕްރޮސިކިއުޓަ ޖެނެރަލް ލަދުވެތިވާންޖެހޭ ކަންކްނަ ހުރިކަން ސްޓޭޝަނުން ފާހަގަކުރެއެވެ.
ވިސާމްގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ވީޑިއޯ ފުޓޭޖްގެ ޗެއިން އޮފް ކަސްޓަޑީ ރިޕޯޓް ހުށަހަޅާފައި ނުވާކަން ހުކުމުގައި ފާހަގަ ކޮށްފައިވެއެވެ. ވީޑިއޯ އިން ވިސާމް ހައްޔަރުކުރާ މަންޒަރެއް ނުފެނެ އެވެ. އެހެން ކަމުން ހައްޔަރު ކުރި ސަބަބެއް ވީޑިއޯއިން ހާމަކޮށްދެވިފައެއް ނުވެއެވެ. ވިސާމް ހައްޔަރުކުރިއިރު ވިސާމަކީ ނޫސްވެރިއެއްކަން ފުލުހުންނަށް އެނގެ އެވެ. އޭނާ ހުރީ ނޫސްވެރިއެއްކަން އަންގައިދޭ ފާސް އަޅައިގެންނެވެ. ވިސާމާ ދެކޮޅަށް ހުށަހެޅި ވީޑިއޯގައި ބެރިކޭޑުން ބޭރަށް ނުކުންނަން ޖެހެނީ ނޫސްވެރިން ނޫން މީހުން ކަން އެނގެއެވެ. އަދި ވިސާމު ހައްޔަރު ކުރި އިރު ހައްޔަރު ކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައިގެން ކަން ދައުލަތުން ހުށަހެޅި އެއްވެސް ހެއްކެއްގެ ހެކި ބަހުން ސާފު ނުވާކަންވެސް އެނގެއެވެ.
ވިސާމް ހައްޔަރުކުރި ސަރަހައްދުގައި ނޫސްވެރިންގެ ފާސް އަޅައިގެން ތިބި އެހެން ބަޔަކު ވެސް ވީޑީއޯއިން ފެނެ އެވެ. އެހެންކަމުން އެ ސަރަހައްދުގައި ނޫސްވެރިން ތިބުމަކީ ގާނޫނީ ގޮތުން ބަލާއިރު ފުލުހުންގެ ދައުރަށް ދަތިކުރުން ކަމަށް ނުބެލެވޭނެ ކަމަށް ކޯޓުން ވެސް ކަނޑައެޅި އެވެ.
ކޯޓުގެ ހުކުމްގައިވާ އެ ނުކުތާތައް ފާހަގަކޮށް ސްޓޭޝަނުން ބުނީ، އެކަމުންވެސް އެނގެނީ ފުލުހުން މުޒާހަރާތަކުގައި އަމަލުކޮށް، މީހުން ހައްޔަރުކުރަނީ އެއްވެސް އުސޫލެއް ހަމައެއް ނެތިކަން ކަމަށެވެ. އަދި އެ ކަންކަން އެގޮތަށް ހުއްޓާ ޕްރޮސިކުޓަރ ޖެނެރަލަށް މައްސަލައަކީ ދައުލަތުން ދައުވާ ކުރައްވަންޖެހޭ ވަރުގެ މައްސަލައެއް ކަމަށް ފެނިވަޑައިގެން ކަމީ ސުވާލު އުފެދޭ ކަމެކަމަށް ރާއްޖެޓީވީގެ ބަޔާނުގައި ބުނެފައިވެއެވެ.
ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާގައި ވިސާމުގެ މައްޗަށް އަންގާރަ ދުވަހު ހުކުމް އިއްވިއިރު، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާގައި 28،800 ރުފިޔާ އިން އޭނާ ޖޫރިމަނާ ކުރުމަށް ޖެނުއަރީ 24 ވަނަ ދުވަހު ހުކުމް ކޮށްފައިވެ އެވެ. ވިސާމާއެކު ރާއްޖެޓީވީގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރުގެ މައްޗަށް ވެސް އެ ހުކުމް އިއްވާފައި ވެއެވެ. މި މައްސަލަތައް މިހާރު ވަނީ ރާއްޖެޓީވީގެ ފަރާތުން އިސްތިއުނާފުކޮށްފަ އެވެ.
ފުލުފުލުގައި ރާއްޖެޓީވީ އާއި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ދައުވާކޮށް ހުކުމް އިއްވަމުންދާއިރު، ސްޓޭޝަނާއި މި ސްޓޭޝަންގެ ނޫސްވެރިންނަށް ބިރު ދައްކާ މައްސަލަތަކާއި ރާއްޖެޓީވީ ރޯކޮށްލި މައްސަލަ އަދި ބައެއް ނޫސްވެރިންނަށް މަރުގެ އިންޒާރުދިން މައްސަލަ އާއި މަރުގެ ހަމަލާތައް ދިން މައްސަލަތައް ވަނީ ހުއްޓިފަ އެވެ.