ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ދުނިޔޭގެ ބޮޑެތި ގައުމުތައް ލޮކްޑައުން ކުރަނީ އެވެ. އެއްކޮށް ލޮކްޑައުން ނުކުރާ ގައުމުތަކުންވެސް އަންނަނީ އެގައުމުތަކުގެ ސްކޫލްތަކާއި އޮފީސްތައް ބަންދުކުރަމުންނެވެ. އަދި އޮފީސްތަކުގައި ކުރަމުން އައި މަސައްކަތްތައް ގޭގައި ތިބެގެން ކުރެވޭނެ ގޮތަށް އިންތިޒާމުތައް އަންނަނީ ހަމަޖައްސަމުންނެވެ. މިއީ މުޅި ދުނިޔޭގެ ތާރީޚަށް ބެލިއަސް މިހާ ގިނަ ޢަދަދެއްގެ ބަޔަކު ގޭގައި ތިބެގެން މަސައްކަތްކުރާ ފުރަތަމަ ފަހަރޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ގޭގައި ތިބެގެން ގިނަ އަދަދެއްގެ ބަޔަކު މަސައްކަތްކުރުމަކީ އަދި މިހާތަނަށް ދުނިޔެއަށް އެހާ ރައްޓެހި މޮޑެލް އެއް ނޫނެވެ. އަބަދުވެސް ގިނަ ސެކްޓަރ ތަކުގައި މަސައްކަތްކުރަމުން އަންނަނީ އޮފީސްތަކަށް ސްޓާފުން ނެރިގެންނެވެ.
އޮފީސްތަކުގައި ކުރަމުން އައި މަސައްކަތްތައް މިހާރު ގޭގައި ތިބެގެން ކުރާއިރު އެމީހުންގެ ލެޕްޓޮޕާއެކު ގޭގެ ތެރެއަށް ވަދެގެން އެދަނީ މަސައްކަތްކުރާ އޮފީހެއްގެ ނުވަތަ ކޮމްޕެނީތަކުގެ ޑޭޓާ އެވެ. އެއާއެކު އަބަދުވެސް މިފަދަ މައުލޫމާތުތަކަށް ކަޅި އަޅައިގެން ތިބި ހެކަރުންނަށް މިވަނީ އައު ފުރުސަތުތަކެއް ފަހިވެގެން ގޮސްފަ އެވެ. ކުންފުނިތަކުގެ އާއި އޮފީސްތަކުގެ ސިއްރު މައުލޫމާތުތަކާ ހަމައަށް ފަސޭހަކަމާއެކު ވާސިލްވެވޭނެ ގޮތް މިވަނީ ފަހިވެފަ އެވެ.
އޮފީސްތަކުގައި ބޮޑެތި ނެޓްވާރކްތަކުގައި ރައްކާކުރެވިފައި ހުރި މައުލޫމާތުތައް ގޭގެ ވައިފައިން ވަދެވޭއިރު ގެތަކުގައި ހުންނަ ވައިފައި ޕާސްވޯޑްތަކަކީ އާދައިގެ ޕާސްވޯޑުތަކެވެ.
މިނުރައްކާ ވަނީ އެމެރިކާ ، އިނގިރޭސިވިލާތް ފަދަ ބޮޑެތި ބާރުގަދަ ގައުމުތަކުން ފެށިގެން ކުދި ގައުމުތަކަށްވެސް ފޯރާފަ އެވެ. އެހެންކަމުން މިހާރު ހުރިހާ ކުންފުނިތަކުންވެސް މަސައްކަތް ކުރަމުން އަންނަނީ ގޭގައި ތިބި އެމީހުންގެ ސްޓާފުންގެ ލެޕްޓޮޕްތަކުން ލިބެންހުރި މިފަދަ މައުލޫމާތުތައް ހެކަރުންގެ ކިބައިން ސަލާމަތްކުރުމަށެވެ. އެހެންކަމުން ޓެކް ކުންފުނިތަކަށް ވަނީ ވަރަށް ބޮޑަށް މިދުވަސްވަރު ބާރުބޮޑުވެފަ އެވެ.
އެފަދަ ކުންފުންޏެއްކަމަށްވާ ސިސްކޯ ސިސްޓަމްސް އިންކޯޕަރޭޓަޑުން ބުނެފައިވަނީ ގޭގައި މަސައްކަތްކުރަމުންދާ ސްޓާފުން ބޭނުންކުރާ ސިސްޓަމްތަކުގެ ސެކިޔުރިޓީ ވަރުގަދަ ކުރުމުގެ ޕްރޮގްރާމްތައް ހޯދުމަށް އެދޭމިންވަރު ވަނީ ހަފުތާއެއްގެ ތެރޭގައި 10 އިންސައްތަ އަށް ވުރެ މަތީގައެވެ. ކުއްލިއަކަށް މިއައި ބަދަލާއެކު މިކަމުގެ ތެރެއިން ހެދޭ ގޯސްތަކުގެ ސަބަބުން ހެކަރުން ޕާސްވޯޑް ހެކްކުރުމާއި ޕާސްވޯޑް ހޯދުމަށް ކުރާ މަސައްކަތްތައް ތަފާތުވެފައި ގިނަ ވާނެ ކަމަށް މިކަމާބެހޭ މާހިރުން ބުނެއެވެ. އަދި އެއާއެކު އެކަމުގު މައުލޫމާތު އެހާ ރަނގަޅަށް ނެތް ސްޓާފުންގެ ފުށުން ގޯސްތަކެއް ހެދުމުގެ ފުރުސަތު އެބައޮތްކަމަށް މާހިރުން ފާހަގަކުރެ އެވެ.
އެކިގޮތްގަތަށް ޕާސްވޯޑް ހޯދުމުގެ ކަންކަން ހެކަރުން ކުރާއިރު މިކަމުގައި ދުނިޔޭގެ އެކިގައުމުތަކުގެ ހެކަރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި އެމީހުން މަސައްކަތްކުރަނީކީ ވަކި އެގައުމެއްގެ ތެރޭގައި ހުރި މުހިންމުތަންތަނުގެ ވެބްސައިޓްތައް ހެކްކުރުމަކަށް ނޫނެވެ.
އެހެންކަމުން ކުންފުނިތަކުން ވީޕީއެން އަޕްޑޭޓްކޮށް މިފަދަ ހަމަލާތަކުން ސަލާމަތްވުމަށް އެމެރިކާގެ ސައިބަރ ސެކިޔުރިޓީގެ އޮފިޝަލުން ވަނީ ގޮވާލާފަ އެވެ.