ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މަގާމުން ދުކުރަން އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލަ ފާސްކުރުމަށް ނެގި ވޯޓަކީ މިނިވަން އިންސާފުވެރި ދެފުށް ފެންނަ ވޯޓެއް ކަމަށް ސަރުކާރުން ބުނެފިއެވެ.
މަޖިލީހުގައި އިއްޔެ ހިންގާ ދިޔަ ކަންތައްތަކާއި ގުޅިގެން އެމެރިކާ އިނގިރޭސިވިލާތުން ކަންބޮޑުވުން ފާޅުކޮށް ނެރެފައިވާ ބަޔާނާ ގުޅިގެން ފޮރިން މިނިސްޓްރީން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދައުލަތުގެ މުއައްސަސާތަކުން ނިންމާ ނިންމުންތަކަށް އިހުތިރާމު ކުރާ ހާލު، ސަރުކާރު އޮތީ ޑިމޮކްރަޓިކް ހަމަތައް ނަގަހައްޓާ ދެމެހެއްޓުން މަތީ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަކީ 1932 ވަނަ އަހަރު އުފެދުނީއްސުރެ ރާއްޖޭގައި ޑިމޮކްރަޓިކް ހަމަތައް އެންމެ ބޮޑަށް ނަގަހައްޓާ ދަމަހައްޓާ މުއައްސަސާ ކަމަށް ސަރުކާރުންވަނީ ބުނެފައެވެ.
ހޯމަދުވަހުގެ ވޯޓު ނަގާފައިވަނީ ދެފުށް އެންމެ ބޮޑަށް ފެންނާނެ ގޮތަށް ގާނޫނު އަސާސީއާއި ގާނޫނުތަކާއި މަޖިލީހުގެ ގަވާއިދާ ވެސް އެއްގޮތްވާ ގޮތަށް ޑިމޮކްރަޓިކް އުސޫލެއްގެ މަތިން ކަމަށް ވެސް ބަޔާނުގައިވެ އެވެ،. އެހެންކަމުން ދައުލަތުގެ ބާރުތަކުން ނިންމާ ނިންމުންތަކަށް ބޭރުގެ ފަރާތްތަކުން އިހުތިރާމު ކުރުމަށް ސަރުކާރުން ގޮވާލާފައިވެއެވެ.
ސަރުކާރުން މިހެން ބުނެ ބަޔާންނެރުނު އިރު، މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ވަންނަން މަސައްކަތްކުރި ނޫސްވެރިންނާއި، ޖަމިއްޔާތަކަށާއި ޖަލްސާ އަށް ދިޔަ އާންމު ރައްޔިތުން ވެސް ނުވައްދަ އެވެ.
މަސީހުގެ އިތުބާރު އޮތް ކަމަށް މެންބަރުންނާއި ސުވާލުކޮށްގެން ވޯޓު ނަގާފައިވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށްކަމަށް އިދިކޮޅު ފަރާތްތަކުންވެސް އަންނަނީ ބުނަމުންނެވެ.