ކ. މާލެ
|
19 މާރޗް 2020 | ބުރާސްފަތި 17:58
(ކ- ވ) މަތި- ގަލް ގަޑޯޓް، ޖިމީ ފެލަން، ކްރިސް މާޓިން، ތިރި - ކީތު އަރބަންއާއި ނިކޯލް ކިޑްމަން، ޕިންކް އަދި ޖޯން ލެޖެންޑާއި ކްރިސީ ޓީގަން
(ކ- ވ) މަތި- ގަލް ގަޑޯޓް، ޖިމީ ފެލަން، ކްރިސް މާޓިން، ތިރި - ކީތު އަރބަންއާއި ނިކޯލް ކިޑްމަން، ޕިންކް އަދި ޖޯން ލެޖެންޑާއި ކްރިސީ ޓީގަން
ރާއްޖެއެމްވީ
ކޮވިޑް-19
ކޮވިޑް-19: ގޭގައި މަޑުކުރަން ފޫހިވާ ފަރާތްތަކަށް ލައިވް ޝޯވތަކެއް!
އެކި ގައުމުތަކުން ކޮވިޑް-19 ފެތުރުން ކުޑަކުރުމަށް ކުރާ މަސައްކަތުގައި ކޮންމެހެން ޒަރޫތީ ހާލެއް މެދުވެރިވެގެން ގެއިން ނުނިކުތުމަށް ދަނީ އަންގަމުން

ދުނިޔޭގައި ހަލުވިކަމާއެކު ނޮވެލް ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ފެތުރެމުންދާއިރު، މި ވައިރަސް ފެތުރުން ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

ސަރުކާރުތަކުން ކުރާ މި މަސައްކަތުގައި އެކި ގައުމުތަކުން އަންނަ ފްލައިޓްތައް ހުއްޓުވުން (ބޯޑަރ ކޮންޓްރޯލް) ކުރުންވެސް ހިމެނޭއިރު، ކޮންމެހެން ޒަރޫރީ ހާލެއް މެދުވެރިވެގެން ގެއިން ނުނިކުތުމަށް އެންގުން ވެސް ހިމެނެއެވެ.

ރާއްޖޭގައި ވެސް މިހާރު ޒަރޫރީ ހާލަތެއް މެދުވެރިވެގެން ނޫނީ ގެއިން ނުނިކުތުމަށް އިލްތިމާސްކޮށް، މިފަދައިން ކަންނުކުރާ ފަރާތްތަކަށް ނަސޭހަތްތެރިވުމަށް ފުލުހުން ވަނީ އޮޕަރޭޝަނެއްވެސް ފަށާފައެވެ.

ދެން މިހާރު އެންމެ ގިނައިން އަޑު އިވެނީ ގޭގައި ހުންނަން ފޫހިވާ ވާހަކައެވެ.

ފުރަތަމަކަމަކަށް، ނޫނީ ހަގީގަތަށް ބުނާނަމަ، ކުޑަކޮށް ފޫހިވިޔަސް އެންމެ ރަނގަޅުވާނެއެވެ. އެހެން ނޫނަސް، ކުރީ ޒަމާނާ އަޅާކިޔާއިރު ޓެކްނޮލޮޖީއަށް އައިސްފައި ހުރި ކުރި އެރުންތަކުގެ ސަބަބުން ގޭގައި މަޑުކޮށްލަން އެހާ އުނދަގުލެއް ނުވާނެއެވެ.

މި ވައިރަސްގެ ސަބަބުން ދުނިޔޭގެ އެކި ކަންކަން ހުއްޓުމަކަށް އައިސްފައިވާއިރު، މީގެ ތެރޭގައި ކުޅިވަރު މުބާރާތްތަކާއި ފަންނާނުންގެ ޝޯވތައް ހިމެނެއެވެ. އަދި ގިނަ ފަންނާނުންތަކެއް ވަނީ އަމިއްލައަށް ގޭގައި ކަރަންޓީނުވެފައެވެ.

އަމިއްލައަށް ކަރަންޓީނުވެފައިވާ ފަންނާނުންގެ ތެރޭގައި ހޮލީވުޑްގެ ގިނަ ތަރިންވެސް ހިމެނޭއިރު، މި ފަރާތްތައް މިހާރު މިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ތަފާތުކަމެއް ކުރަން ފަށާފައެވެ. އެ ފަރާތްތަކުން ވަނީ މި ޕްލެޓްފޯމްތައް މެދުވެރިކޮށް "ޓުގެދަރ އެޓް ހޯމް"ގެ ނަމުގައި ލައިވް ޝޯތައް ކުޅެން ފަށާފައެވެ. އަދި މީގެ ބައެއް ޝޯވތަކަކީ ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާއާއި ގްލޯބަލް ސިޓިޒަންއާ ގުޅިގެން ކުރިއަށްދާ ޝޯވތަކެކެވެ.

ލައިވް ޝޯވއެއް ފުރަތަމަ ދީފައިވަނީ ދިވެހިންގެ ތެރޭގައިވެސް މަޝްހޫރު ބޭންޑެއްކަމަށްވާ "ކޯލްޑްޕްލޭ"ގެ ލީޑް ލަވަކިޔުންތެރިޔާ، ކްރިސް މާޓީންއެވެ. އޭނާވަނީ ޕިއާނޯއިން މިއުޒިކް ކުޅެމުން، 30 މިނިޓްގެ ޝޯވއެއް އިންސްޓަގްރާމް ލައިވް މެދުވެރިކޮށް ގެނެސްދީފައެވެ. އަދި މި "ޝޯވ"ގައި ފޭނުންގެ ރިކުއެސްޓްތަކެއްވެސް އޭނާ ކުޅެފައިވެއެވެ.

ދެން މިފަދަ ޝޯވއެއް ދީފައިވަނީ މަޝްހޫރު އާރްއެންޑްބީ ލަވަކިޔުންތެރިޔާ، އަދި އީގޮޓް (އެމީ، ގްރެމީ، އޮސްކާ އަދި ޓޯނީ އެވޯޑްތައް) ހާސިލްކޮށްފައިވާ ޖޯން ލެޖެންޑްއެވެ. އޭނާ އާއި އަންހެނުން، ސުޕަރމޮޑެލް އަދި ޓީވީ ޝަހްސިއްޔަތެއްކަމަށްވާ ކްރިސީ ޓީގަން މީގައި ބައިވެރިވިއިރު، ކްރިސީ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ގޭގައި އޮންނަ ޝޯވއަށް އޭނާ ލާންވީ ހެދުމަކަށް ފޭނުންގެ ވޯޓަކަށް ހުޅުވާލާފައެވެ. އަދި ޝޯވ ދެމުން ޖޯން ވަނީ "ހުރެވޭނަމަ، ގޭގައި މަޑުކޮށްލަން" ފޭނުންނަށް ގޮވާލާފައެވެ.

"ޓުދެދަރ އެޓް ހޯމް"ގެ ނަމުގައި ނޫނަސް މިފަދަ ޝޯވތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ބާއްވާފައިވާ ފަރާތްތަކުގެ ތެރޭގައި ޕިންކް، ނީލް ޔަންގް، ޑިޕްލޯ، ކެތަރިން މެކްފީއާއި ފިރިމީހާ ޑޭވިޑް ފޯސްޓަރ، މައިލީ ސައިރަސް އަދި ކީތު އަރބަން ހިމެނެއެވެ. ކީތުއާއެކު އޭނާގެ އަންހެނުން، ފިލްމީ ތަރި ނިކޯލް ކިޑްމަން ވެސް ބައިވެރިވެފައިވެއެވެ.

މީގެ އިތުރުން، ބިލްބޯޑުންވަނީ "ބިލްބޯޑް ލައިވް އެޓް ހޯމް" ނަމުގައި ޝޯވތަކެއް ބުދަ ދުވަހު ފަށާފައެވެ. ފޭސްބުކް މެދުވެރިކޮށް ކުރިއަށްދާ މި ޝޯވގައި މިހާތަނަށް ބައިވެރިވެފައިވާ ފަންނާނުންގެ ތެރޭގައި ލޫކް ބްރަޔަން، ޖޯޝް ގްރޯބަން، ޖޯޖޯ އަދި ރަސަލް ޑިކަރސަން ހިމެނެއެވެ.

މީގެ އިތުރުން، ލައިވް ކޮމެޑީ ޝޯވތައްވެސް ކުރިއަށް ދެއެވެ.

ޑީސީ ފިލްމްތަކުގައި ވޮންޑަރވުމަންގެ ރޯލުން ފެންނަ ގަލް ގަޑޮޓްވެސް ވަނީ ފޭނުންނަށް ވީޑިއޯއެއް ތައްޔާރުކޮށްފައެވެ. ޖޯން ލެނަންގެ "އިމެޖިން" ލަވައަށް ތައްޔާރުކޮށްފައިވާ މި ވީޑިއޯގައި ހޮލީވުޑް ބޮޑެތި ތަރިންތަކެއް ފެނެއެވެ. އޭގެ ތެރޭގައި، ޖޭމްސް މާސްޑަން، ޖިމީ ފެލަން، އޭމީ އެޑަމްސް، ޒޯއީ ކްރެވިޓްޒް އަދި ނެޓަލީ ޕޯޓްމަން ހިމެނެއެވެ.

މީގެ އިތުރުން، ގިނަ ލޭޓް ނައިޓް ޝޯވަތަކުގެ ހޯސްޓުންވެސް ކަރަންޓީނުގައި ތިބި އިރު، ޝޯވތަކުގެ ސްޕެޝަލް އެޑިޝަންތަކެއް ގެނެސްދެނީ ގެއިންނެވެ.

މިފަދަ ލައިވް ޝޯވއެއް ރާއްޖޭގައި މިހާރު ވަނީ ބާއްވާފައެެވެ. އެގޮތުން، އިކުއަޓިކް ވައިބްގެ ލަވަކިޔުންތެރިޔާ ޝައްމޫން މުހައްމަދު ވަނީ މިފަދަ ޝޯވއެއް އިންސްޓަގްރާމް ލައިވް މެދުވެރިކޮށް ބުދަ ދުވަހު ދީފައެވެ.

- ކޮމެންޓް