ކޮވިޑް-19 އާ ގުޅިގެން ނިއުޒިލޭންޑް ހުއްޓުމަކަށް ގެނެސް، އެއްކޮށް ''ބަންދު'' ކުރަން އުޅެވޭ ކަމަށް ދެކެވޭ ވާހަކަ އެ ގައުމުގެ ބޮޑު ވަޒީރު ޖަސިންޑާ އާޑަން ދޮގުކުރައްވައިފި އެވެ.
ރޮޓޮރޫރަ ސިޓީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބޮޑު ވަޒީރު ޖަސިންޑާ ވަނީ ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުން ފޯރުކޮށްދެމުންދާ މައުލޫމާތުތަކަށް އެކަނި ބަރޯސާވުމަށް ނިއުޒިލޭންޑް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. ޖަސިންޑާ ވިދާޅުވީ، އޮޅުން އަރާ ފަދަ މައުލޫމާތު ފެތުރުމުގެ ސަބަބުން އެތައް ބަޔަކު ހާސްކަމެއްގެ ތެރެއަށް ވެއްޓޭނެ ކަމަށެވެ.
'' އެކި ކަހަލަ މެސެޖްތައް ފެނުނަސް، އެއީ އަހަރުމެންގެ ފަރާތުން އަޑުނީވޭ ވާހަކައެއް އެއްނަމަ، އެއީ ދޮގު''ޖަސިންޑާ ވިދާޅުވިއެވެ. އެކަމަނާ ވަނީ ހާސްނުވެ، ހުރިހާ ރައްޔިތުންވެސް ތައްޔާރުވެ ތިބުމަށް ގޮވާލައްވާފައެވެ. ސަރުކާރުން އެންމެ ފަހުން މައުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވަމުންދާނެކަމުގެ ޔަގީންކަން އެކަމަނާ ވަނީ ދެއްވާފައެވެ. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު ވަނީ ކޮވިޑް-19 އާ ބެހޭ މައުލޫމާތު ހޯދުމަށް އެކަމަށް ހާއްސަކޮށްފައިވާވެބްސައިޓަށްޒިޔާރަތް ކުރެއްވުމަށް ހުރިހާ ފަރާތްތަކުން އިލްތިމާސް ކުރައްވާފައެވެ. ގައުމުގައި ކުއްލި ހާލަތު އިއުލާންކުރައްވާނެތޯ ނޫސްވެރިޔަކު ސުވާލު ކުރެއްވުމުން ޖަސިންޑާ ވަނީ، ހުރިހާ ފަރާތްތަކުންވެސް ތައްޔާރުވެ ތިބުމަށެވެ.
އެކަމަނާގެ ނޫސްކޮންފަރެންސް އަށް ފަހު ނިއުޒިލޭންޑްގެ ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތް ޑރ. އޭޝްލީ ބްލޫމްފީލްޑް ވަނީ އިތުރު 8 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ހާމަކުރައްވާފައެވެ. އެއާއެކު އެ ގައުމުގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 28 އަށް އަރާފައެވެ.
ކޮވިޑް-19 އިތުރުށް ފެތުރިޔަނުދީ ކޮންޓްރޯލް ކުރުމުގެ ފިޔަވަޅެއްގެ ގޮތުން 500 އަށްވުރެ ގިނަ މީހުން އެއްތަނަކަށް ޖަމާނުވުމަށް ބޮޑު ވަޒީރު ޖަސިންޑާ ވަނީ އިރުޝާދު ދެއްވާފައެވެ. އަދި ގައުމަށް އެނބުރި އަންނަ ނިއުޒިލޭންޑްގެ ހުރިހާ ރައްޔިތުންވެސް އައިސޮލޭޓްވާން އެކަމަނާ ގޮވައިލެއްވިއެވެ.