ކ. މާލެ
|
28 މާރޗް 2017 | އަންގާރަ 21:21
ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކް
ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކް
މުހައްމަދު ޝަރުހާން
މަޖިލިސް
އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް
އެހެން މެމްބަރުންގެ ސިސްޓަމްތައް ބޭނުން ކުރި މެމްބަރުންނާ މެދު ފިޔަވަޅު އަޅާނަން
ސިސްޓަމްގައި މައްސަލަ އުޅޭކަން ރަސްމީކޮށް އެއްވެސް މެމްބަރަކު ރިޔާސަތަށް އަންގާފައެއް ނުވޭ
މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގުމުގެ ކުރިން ނެގި ވޯޓަކީ ސައްހަ ވޯޓެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓް ނެގުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް އެހެން މެމްބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ފަހު ވީޑިއޯ ފުޓޭޖް އާންމު ކުރާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަކިވަކިން މެމްބަރުންނާ ސުވާލު ކޮށްގެން މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގަ ކުރިއަށް ގެންދަން ފެނޭތޯ ނެގި ވޯޓުގައި މި ވަގުތު ޖަލުގައި ހުކުމް ތަންފީޒް ކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްގެ ސިސްޓަމުންނާއި މަޖިލީހުގެ ރިޔާސަތުގައި އިންނެވި ހުޅުހެންވޭރު ދާއުރާގެ މެމްބަރު މޫސާ މަނިކް ސިސްޓަމުންނާއި އެ ވަގުތު ވޯޓުގައި ބައިވެރިވަޑައި ނުގަންނަވާ އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރު އަހުމަދު މަރުޒޫގް ސިސްޓަމުން ވަނީ ވޯޓް ދީފައެވެ.

މިކަމާ ގުޅިގެން ރާއްޖެއެމްވީ އަށް ދެއްވި އިންޓަވިއުއެއްގައި މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކް ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ހުންނަ ސީސީޓީވީ ފުޓޭޖްތައް ބެލުމުން އެކަން ކުރީ ކޮން މެމްބަރުންނެއްކަން އެނގިގެންދާނެ ކަމަށެވެ. އަދި އެ ވީޑިއޯތައް އާންމު ކުރާނެ ކަމަށާއި އަކަން ކުރި މެމްބަރުންނާ ދޭތެރޭ އަޅަން ޖެހޭ ފިޔަވަޅު އަޅުއްވާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ މެމްބަރުންގެ ސިއްޓަމުންތަކުގައި އެއްވެސް މައްސަލައެއް ޖެހިފައިވާކަން މަޖިލީހުގެ ތަޅުމުގައި އެއްވެސް މެމްބަރަކު ރިޔާސަތަށް ހުށަހަޅާފައި ނުވާ ކަމަށާއި އަދި މަޖިލީހުގެ އައިޓީ ޑިޕާޓްމެންޓުން ވެސް ސިއްޓަމްތަކުގައި އެއްވެސް މައްސަލައެއް އުޅޭކަން އަންގާފައި ނުވާ ކަމަށެވެ.

 މޫސަ ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ކުރިން ނެގި ވޯޓުގައި މައްސަލަތަކެއް ހުރި ނަމަވެސް އެ ވޯޓް ސައްހަ ވޯޓެއް ކަމަށެވެ. މަޖިލީހުގެ ތަޅުމަށް ހުށަހަޅާ މައްސަލައެއްގައި މެމްބަރަކު ހުށަހެޅުމެއް ހުށަހެޅައި އެ ހުށަހެޅުމަކަށް ތާއިދު ލިބިއްޖެ ނަމަ އެ ހުށަހެޅި ހުށަހެޅުމަކާ މެދު ގޮތެއް ނިންމުމަށްޓަކައި ވޯޓަށް އަހަން ޖެހޭނެ ކަމަށް މޫސަ ވިދާޅުވިއެވެ.

އެގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަަމުގެ ވޯޓް ވަކިވަކި މެމްބަރުންނާ ސުވާލު ކޮށްގެން ކުރިއަށް ގެންދިއުމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކް ހުށަހަޅައި އަދި އެ ހުށަހެޅުމަށް ތާއިދު ލިބިފައި ވާތީ އެކަމަށް ވޯޓަށް އަހަން ޖެހޭނެ ކަމަށާއި އަދި އެ ނެގި ވޯޓާގެ ސައްހަ ކަމާމެދު ވޯޓްލީ މެމްބަރުން ސުވާލު ނޫފައްދާހާ ހިނދަކު ރިޔާސަތަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

- ކޮމެންޓް