ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-19 އަށް ސްރީލަންކާއިން ޕޮޒިޓިވްވި މީހުންގެ އަދަދު 43 އަށް އަރައިފިއެވެ. ލަންކާގެ ނެޝަނަލް އޮޕަރޭޝަން ސެންޓަރ ފޮރ ޕްރިވެންޝަން އިން ހާމަކޮށްފައިވާ ގޮތުން އަންގާރަ ދުވަހު ޕޮޒިޓިވްވި ނުވަ މީހުންނާއެކު ލަންކާގައި ކޮވިޑް-19 ޖެހުނު މީހުން އަދަދު ވަނީ 43 އަށް އަރާފައެވެ.
އަންގާރަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ލަންކާގެ ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތު ޑރ. އަނިލް ޖަޔަސިންހަ ވިދާޅުވީ، އަލަށް ރިޕޯޓު ކުރެވުނު ކޭސްތަކުގެ ތެރެއިން 6 މީހުންގެތެރޭގައި، ޓުއަރ ގައިޑެއްގެ ގޮތުގައި މަސައްކަތްކުރާ މީހަކާއި، ޖަރުމަނުން އައި ލަންކާ މީހަކާ، އިނގިރޭސިވިލާތުން އައި ލަންކާ މީހެއްގެ އިތުރުން ކެލަނިޔާ މީހަކާ، މަރަވިލަ ސަރަހައްދުގެ މީހަކުގެ އިތުރުން ދާދި ފަހުން ގަތަރުން އައި މީހަކު ހިމެނޭ ކަމަށެވެ.
ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާދިނުމަށް ވެލިކަޑަ ބޭސް ހޮސްޕިޓަލް ހުސްކޮށް އެތަން ވަނީ ފަރުވާދޭ މަރުކަޒަކަށް ބަދަލުކޮށްފައެވެ. އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެމީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 40 މީހުން ހޯދިފައިވާއިރު، އެ ހުރިހާ އެންމެންވެސް ކަރަންޓީނު ކުރެވިފައިވާ ކަމަށް ޑރ. ޖަޔަސިންހަ ވިދާޅުވިއެވެ.
ލަންކާގެ ޗީފް އޮފް ޑިފެންސް ލެފްޓިނެންޓް ޖެނެރަލް ޝަވެންދްރަ ސިލްވާ ވިދާޅުވެފައިވަނީ، މާޗް މަހުގެ ކުރީކޮޅު ލަންކާއަށް އައިސްފައިވާ ގިނަ މީހުން ކަރަންޓީނު ކުރެވިފައިނުވާ ކަމަށެވެ. އެ ހުރިހާ އެންމެންވެސް ލަންކާގެ ފުލުސް އޮފީހުގައި ރަޖިސްޓްރީވެ ހެލްތު އޮފިޝަލުންގެ އިރުޝާދުތަކަށް އަމަލުކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.