މުލަކު ދާއިރާގެ މެންބަރު ކަމުގައި ހުންނަވަނިކޮށް ރައީސް އަބްދުﷲ ޔާމީން އާރަށުގައި ބަންދުކުރި މައްސަލައިގައި ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ ކޮށްފި އެވެ.
ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކޮށް، އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވީ މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބުދަ ދުވަހުގެ މެންދުރު 1:30 އަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ.
ރައީސް ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރިއިރު، އެ މައްސަލައާ ގުޅިގެން އެއިރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކޮށް ޝަރީއަތް ދަނީ ހިންގަމުންނެވެ.
ރައީސް ޔާމީން ބަންދުކުރިއިރު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް ރިޓަޔާޑު މޫސާ އަލީ ޖަލީލު ވެސް ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ބަޔާން ނަގާފައި ވެއެވެ. ނަމަވެސް، އޭނާގެ މައްޗަށް ދައުވާ ކުރަން ނުފޮނުވުމަށް ފުލުހުން ވަނީ ނިންމާފަ އެވެ.
ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރި އިރު، މިހާރު ވެސް އެމަނިކުފާނު ގެންދަވަނީ ޓެރަރިޒަމުގެ ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުންނެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު(އަބްދުﷲ ގާޒީ) ސިފައިންގެ ބެލުމުގެ ދަށުގައި ގިރިފުށީގައި ބެހެއްޓި މައްސަލައިގައި އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ 2015 ވަނަ އަހަރުގެ މާޗް 13 ވަނަ ދުވަހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު ކަމުގައި ހުންނަވަނިކޮށް ޔާމީން ހައްޔަރުކޮށްގެން އާރަށަށް ގެންގޮސްފައި ވަނީ 2010 ވަނަ އަހަރުގެ ޖުލައި 14 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އަދި އެމަނިކުފާނު ދޫކޮށްލާފައި ވަނީ ޖުލައި 23 ވަނަ ދުވަހު އެވެ.
ޔާމީން އާރަށުގައި ބެހެއްޓީ ސަރުކާރު ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހަޅުއްވާފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން އެމަނިކުފާނު ހައްޔަރުކޮށްފައިވަނިކޮށް ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ދޫކޮށްލިފަހުންނެވެ.
ރައީސް ނަޝީދުގެ ސަރުކާރުން އެއިރު ބުނެފައިވަނީ ޔާމީން އާރަށަށް ގެންދިޔައީ މާލެ ތެރޭގައި ހާލަތު ނުރައްކާވަމުން ދާތީ ޔާމީންގެ ހަށި ފުރާނަ އަށް ނުރައްކާވެދާނެ ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހަށް ފެނުމުން އެ މަޖިލީހުން އެ ގޮތަށް ނިންމުމުން ކަމަށެވެ.
އާރަށަކީ އެއްވެސް އިރެއްގައި މީހުން ހައްޔަރުކޮށްގެން ގެންގުޅޭ ތަނެއް ނޫން ކަމަށާއި ޔާމީން އާރަށަށް ގެންދިޔައީ ވެސް މީހުން ހައްޔަރުކުރުމަށް އޮންނަ އުސޫލުތަކުގެ ދަށުން ނޫން ކަމަށް އެއިރުގެ ސަރުކާރުން ބުނެފައި ވެއެވެ. އަދި ޔާމީން އާރަށަށް ގެންދިޔައީ އެއީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރަކަށް ވެސް ވާތީ ހިމާޔަތް ދޭންޖެހޭ ހާލަތެއްގައި ގާނޫނު އަސާސީ އާއި ގާނޫނީގެ އިމުގެ ތެރެއިން ސިފައިންނަށް ލިބިދޭ ބާރުގެ ދަށުން ކަމަށް އޭރު ސަރުކާރުން ބުނެފައި ވެއެވެ.
އާރަށުގައި ބަންދުކޮށްފައި ބެހެއްޓި މައްސަލައިގެ ތަހުގީގަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސް ޔާމީން ދެއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، ސިފައިންގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރީ އާރަށުގެ ބަންގަލޯއެއްގައި ކަމަށާއި ބޭނުން މީހަކާއި ބޭނުން އިރަކު ފޯނު ވެސް ކުރެވުނު ކަމަށެވެ. އަދި ހިމާޔަތް ދިނުމަށް އެމަނިކުފާނަށް ގުޅުއްވީ މޫސާ އަލީ ޖަލީލު ކަމަށާއި މޫސާ އަލީ ޖަލީލު ފިޔަވައި އިތުރު ބޭފުޅަކު އެމަނިކުފާނަށް ގުޅުއްވައި ހިމާޔަތްދިނުމާ ގުޅޭ ވާހަކަ ދައްކާފައިނުވާ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވެފައިވަނީ، އެމްއެންޑީއެފްގެ ހިމާޔަތުގައި ކަމަށް ބުނެ އެމަނިކުފާނުގެ ނުރުހުމުގައި، އާރަށުގައި ބަހައްޓާ މިނިވަންކަމެއްނެތި އެއްވެސް ކަމެއް ނުކުރެއްވެވޭ ގޮތަށް އަދި އެއްވެސް ތަނަކަށް ވެސް ވަޑައިނުގެންނެވޭ ގޮތަށް ބަހައްޓާފައިވާ ބެހެއްޓުމަކީ ހައްޔަރެއް ކަމަށެވެ. އަދި އެފަދައިން އެމްއެންޑީއެފްގެ ބާރުވެރިކަމުގައި ދަށުގައި މިނިވަންކަން ގެއްލޭ ގޮތަށް ހިމާޔަތް ދިނުމުގެ ނަމުގައި ބެހެއްޓޭނެ ގާނޫނީ އެއްވެސް ހަމައެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ތަހުގީގު ކުރެއްވި އެ މައްސަލައިގައި ދައުވާ ކުރައްވަން ބޭނުންފުޅުވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.