ކޮވިޑް-19 މިވަނީ މުޅި ދުނިޔެ ހިސާރުކޮށްފަ އެވެ. އިންސާނުން ދިރިއުޅެމުން އަންނަ ހަލަބޮލި ދިރިއުޅުން މިވަނީ މަޑުޖައްސާލާފަ އެވެ. އެތައް މިލިއަން އިންސާނުން ދިރިއުޅެމުން އަންނަ ބޮޑެތި ސިޓީތަކުގެ މަގުތަކުން މިއަދު ފެންނަނީ ފަޅު ކަމެވެ. މިވައިރަސް މިވަނީ އިންސާނުންގެ ދިރިއުޅުން ހުއްޓުމަކަށް ގެނުވާފަ އެވެ.
އެންމެ ފުރަތަމަ ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮންނަ ޗައިނާގެ ހޫބޭ ޕްރޮވިންސް ދެ މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް އެއްކޮށް ލޮކްޑައުންކޮށްލި އެވެ. 58 މިލިއަން މީހުންގެ ދިރިއުޅުން ހުއްޓުމަކަށް ގެނެސް އެމީހުން ގެތަކުގައި ބަންދުކުރިއެވެ. މިހާރު އިޓަލީ އެވެ. ހަގީގަތަކީ ލޮކްޑައުންވެފައި އޮންނަ ސިޓީއެއްގައި ދިރިއުޅުމަކީ ނަފްސާނީގޮތުންވެސް އެތައް މައްސަލަތަކެއް ދިމާވާނެ ކަމެވެ. ގެއިން ނުނިކުމެ އާންމު ދިރިއުޅުމުގައި ކުރަމުން އައި އެތައް ކަމަކުން މަހުރޫމްވެފައި ތިބެންޖެހުމަކީ ފަސޭހަ ކަމެއް ނޫނެވެ.
މިކަންތައް އެންމެ ފުރަތަމަ ތަޖުރިބާ ކުރި ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ރައްޔިތުން ލޮކްޑައުންގައި ގެތަކުގައި ތިބެގެން ކުރި ކަންތައްތައް ދުނިޔެ ވަނީ ދެކެފަ އެވެ. ފޫހި ފިލުވުމަށް އެމީހުން ތަފާތު ކަންތައްތައް ކުރަމުން އައެވެ. އެކަކު އަނެކަކަށް ހިތްވަރު ދިނުމަށް ހޫބޭ ޕްރޮވިންސް ތެރޭގައިވެސް ގެތަކުގައި ތިބެގެން އެމީހުން ދިޔައީ އަޑުހަރުކޮށް މެސެޖް ފޯރުކޮށްދެމުންނެވެ. މިހާރު އިޓަލީންވެސް ފެންނަނީ އެފަދަ މަންޒަރުތަކެވެ.
އިޓަލީގައި މިހާރު ގެތަކުގައި ތިބި މީހުން އަންނަނީ އެއްބަޔަކު އަނެއްބަޔަކަށް ހިތްވަރުދީ އަމިއްލައަށް ހިތްވަރު ހޯދުމަށް ހަރުއަޑުން ލަވަތައް ކިޔަމުންނެވެ. އެގައުމުގެ ގެތަކުގެ ކުޑަދޮރުތަކުންނާއި ބެލްކަނިތަކުން އިވެމުންދަނީ ލަވައިގެ އަޑުތަކެވެ.
ޓްވިޓަރ އަށް ޕޯސްޓްކޮށްފައިވާ ވީޑިއޯއެއް ހުކުރު ދުވަހު 77،000 ށް ވުރެ ގިނަ މީހުން ލައިކްކޮށްފައިވާއިރު އެވީޑިއޯ 23،000 ށް ވުރެ ގިނަ ފަހަރު ވަނީ ޝެއަރ ކޮށްފަ އެވެ. މިހާތަނަށް އާއިރު 5.2 މިލިއަން މީހުން ވަނީ މިވީޑިއޯ ބަލާފަ އެވެ.
އިޓަލީއަކީ މިވަގުތު ޗައިނާ ނެގުމަށްފަހު އެންމެ ގިނަ އަދަދެއްގެ މީހުންނަށް މިވައިރަސް ޖެހިފައިވާ ގައުމެވެ. ހަލުވިމިނުގައި މިވައިރަސް ފެތުރެމުންދާތީ އިޓަލީގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ. ވީޑިއޯއިން ފެންނަނީ އަންހެނަކާއި ފިރިހެނަކު އެގައުމުގައި ކުރީއްސުރެ ކިޔަމުން އަންނަ ގައުމީ ލޯބި އާލާވާފަދަ ލަވައެއް ކިޔާއަޑެވެ. މި ދެމީހުން ހަރުއަޑުން ލަވަކިޔަން ފެށުމާއެކު އެސަރަހައްދުގައި ދިރިއުޅޭ އެހެން މީހުންވެސް ބެލްކަނިތަކުގައި ތިބެގެން ލަވަކިޔާ އިޓަލީން ވައިރަސް ދިޔުމަށް ގޮވާލަމުންނެވެ.
އެމީހުން ސީއެންއެންއަށް މައުލޫމާތުދެމުން ބުނެފައިވަނީ މިކަންތައް ކުރިޔަށް ހުރި ދުވަސްތަކުގައިވެސް ކުރިޔަށް ގެންދާނެކަމަށެވެ. ވައިރަސް އާ ގުޅިގެން އެމީހުންގެ ހިތްތަކުގައި ނުތަނަވަސްކަން ވެރިވެފައިވީނަމަވެސް މިކަމާއި ކުރިމަތިލާ މީހުންނަށް ހިތްވަރުދޭން ބޭނުންވާކަމަށް އެމީހުން ބުނެއެވެ.
އަދި ވައިރަސް ޖެހިފައިވާ މީހުންނަށް ފަރުވާދޭ ޑޮކްޓަރުންނާއި ނަރުހުންނަށް ޝުކުރުއަދާ ކުރަން ބޭނުންވާކަމަށް އެމީހުން ބުނެއެވެ.
އިޓަލީގައި މިހާތަނަށް މިވައިރަސް 24,747 މީހުންނަށް ޖެހިފައިވެ އެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 1,809 އަށް އަރާފަ އެވެ.