ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަަމުގެ ވޯޓް ނެގި މަޖިލީހުގެ ޖަލްސާ އަށް ނޫސްވެރިންގެ އިތުރުން އެހެން ވެސް ފަރާތްތައް ޖަލްސާ އަޑުއެހުމަށް ނުވެއްދަން ނިންމީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ކަމަށް މަޖިލީހުގެ ނައިބް ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކް ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީ އަށް ދެއްވި އިންޓަވިއުއެއްގައި މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކް ވިދާޅުވީ ހޯމަ ދުވަހު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާ އަޑުއެހުމަށް ނޫސްވެރިންގެ އިތުރުން އެހެން ވެސް ފަރާތްތައް މަޖިލީހަށް ނުވެއްދުމަށް މަޖިލީހުގެ ރިޔާސަތުން ނިންމާފައި ނުވާނެ ކަމަށެވެ.
ނަމަވެސް މޫސަ ވިދާޅުވީ މަޖިލީހުގު ވަށައިގެން މަޖިލިސް ގޯތިތެރެ އާއި އަދި މުޅި މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓުމާއި މަޖިލީހުގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމަކީ އެމްއެންޑީއެފްގެ ޒިންމާއެއް ކަމަށެވެ. އެހެން ކަމުން ސަލާމާތީ ސަބަބުތަކަށްޓަކައި އެކިއެކި ފަރާތްއް މަޖިލީހުގެ ޖަލްސާ އަޑުއެހުމަށް ނުވެއްދުމަށް ނިންމުމުގެ ބާރު އެމްއެންޑީއެފް އަށް ލިބިގެންވާ ކަމަށްވާ ކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެމްއެންޑީއެފް އިން އެފަދަ ނިންމުމެއް ނިންމީ މަޖިލީހުގެ ޖަލްސާ ކުރިއަށްދާ ވަގުތު އެސަރަހައްދަށް އައުމަށް އިދިކޮޅު ފަރާތްތަށް ގޮވާލާ އަދި މަޖިލީހުގެ ޖަލްސާ އަޑުއަހަން ނޫސްވެރިންނާ އެހެން ވެސް ފަރާތްތައް ވައްދައިފި ނަމަ ހަމަނުޖެހުމެއް ހިނގައިފާނެ ކަމަށް އެމްޑީއެފް އަށް ގަބޫލު ކުރެވޭތީ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެ ނިންމުމަކީ މަޖިލީހުގެ އިދާރާއިން ނުވަތަ މަޖިލީހުގެ ރިޔާސަތުން އަދި މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް އަންގަވައިގެން ނިންމި ނިންމުމެއް ނޫން ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.
މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖާ އަދުނާން މުހައްމަދު ވިދާޅުވީ މިވަގުތު އެމްއެންޑީއެފް އިން އެއްވެސް ކޮމެންޓެއް ކުރަން ބޭނުންނުވާ ކަމަށެވެ.