ކޮވިޑް-19 ހަލުވި މިނެއްގައި ދުނިޔޭގެ ހުރިހާ ބައްރެއްގައި ދަނީ ފަތުރެމުންނެވެ. ސައިންސްވެރިން މިބަލީގެ އަސްލު ދެނެގަނެ، ޚާއްސަ ވެކްސިންއެއް އުފެއްދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިއަދާ ހަމައަށް މިބަލި ކޮންޓްރޯލް ކުރެވިފައިނުވާއިރު، މިހާތަނަށް މިބައްޔަށް ޚާއްސަ ފަރުވާއެއް ހޯދިފައިނުވަމަކީ މުޅި ދުނިޔޭގެ ކަންބޮޑުވުމުކެވެ.
މި ހާލަތުގައި އެކިގައުމުތަކުން އެ ގައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ކޮވިޑް-19 އިން ރައްކާތެރިވެވޭނެ މަންޒިލުތައް ސައިންސްވެރިން ވަނީ ކަނޑައަޅާފައެވެ.
ސައިންސްވެރިން ހާމަކޮށްފައިވާ ގޮތުގައި ޖަޒީރާވަންތަކޮށް ނުވަތަ ވަކިން އޮންނަ ގައުމުތަކަކީ އޭގެ ޒާތުގައި އަމިއްލައަށް އައިސޮލޭޓްވެފައި ހުންނަ ގައުމުތަކެވެ.
ދަ ސަންގައި ޝާއިއުކޮށްފައިވާ ސައިންސްވެރިންގެ ރިޕޯޓުގައި ބުނެފައިވަނީ ބޮޑު ބަލިމަޑުކަމެއް ފެތުރި ދުނިޔެއިން ގިނަ ބަޔަކު މަރުވާން ފަށައިފިނަމަ، ސަލާމަތްވާންދާނެ އެންމެ ރައްކާތެރި ތަންތަނުގެ 14 ވަނައިގައި ދިވެހިރާއްޖެ ހިމެނޭ ކަމަށެވެ. އެންމެ ރައްކާތެރި 20 ސަރަހައްދެއް ސައިންސްވެރިން ކަނޑައަޅާފައިވާއިރު، ދެން ހުރި ގައުމުތަކަކީ، ރާއްޖެގޮތަށް ވަކިން އޮންނަ ޖަޒީރާވަންތަ ގައުމުތަކެވެ. އެއީ ކޮންޓިނެންޓަކާ ނުގުޅި ވަކިން ހުންނަ ގައުމުތައް ކަމަށްވާ ސްރީލަންކާ، އޮސްޓްރޭލިއާ ފަދަ ގައުމުތަކެވެ.
ރައްކާތެރި ގައުމުތައް ރޭންކް ކޮށްފައިމިވަނީ އެތަނުގައި ހުރި ގުދުރަތީ ވަސީލަތްތަކާއި، އަދި ގައުމު އޮންނަ ސަރަހައްދު (ލޮކޭޝަން)އަށް ބެލުމަށްފަހުއެވެ.
ސައިންސްވެރިންގެ މި ރީސާޗްގައި ބުނެފައިވަނީ ބޮޑު ބަލިމަޑުކަމެއް ފެތުރި އިންސާނީ ނަސްލު ނެތިދާނެކަމުގެ ބިރު ހީވެއްޖެނަމަ ގިނަ ދުވަހު ދެމި ތިބެވޭނެ ފަދަ ސޮސައިޓީއެއް ގާއިމްކުރެވޭނެ ތިން ގައުމަކީ އޮސްޓްރޭލިއާ، ނިއުޒިލެންޑް އަދި އައިސްލެންޑް ކަމަށެވެ.
ބާކީ ތިބި ގައުމުތަކަށް ވެސް ސަރވައިވަލް ރޭޓް އިތުރު ކުރުމަށް، ކާބޯތަކެތި ރައްކާތެރިކުރުމާއި، ޕޮލިޓިކަލް ސްޓެބިލިޓީ ރަނގަޅުކޮށް މި ރޭޓް އިތުރު ކުރެވިދާނެއް ކަމަށް.ރީސާޗް
މި ރިސާޗްގައި ސައިންސްވެރިން ދެއްކި ވާހަކައަކީ ހަގިގަތެއްކަން މިއަދު ފެންނަން އެބައޮތެވެ. ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހެއް ފެނުމުން އެންމެ ފުރަތަމަ ވެސް އަމަލުކޮށްފައިވަނީ ރަށްތައް އައިސޮލޭޓް ކޮށްގެން ނުވަތަ ކަރަންޓީން ކޮށްގެންނެވެ. މިއާއެކު ފަރުވާދޭ މީހުންނަށް ވަކި ރަށެއް ހާއްސަވުމުގެ ސަބަބުން އެމީހުންނަށް ވަކި ތަނެއްގައި ފަރުވާދެވެއެވެ.
ރާއްޖެއިން ބަލި ފެނުނު ނަމަވެސް، ފެތުރިގެން ދިއުމުގެ އަސަރު ކުޑަވެ ބައްޔާ ހަނގުރާމަކުރަން ފަސޭހަވެގެން ދެއެވެ. ރާއްޖެއިން ބައްޔާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެންމެ ފަސޭހަވާ އެއްކަމަކީ ވެސް ރާއްޖެ ޖަޒީރާކޮށް އޮތުމެވެ.