ކ. މާލެ
|
14 މާރޗް 2020 | ހޮނިހިރު 09:56
ބިލް ގޭޓްސް
ބިލް ގޭޓްސް
ޒީރޯ ހެޑްޖް
ބިލް ގޭޓްސް
މައިކްރޯސޮފްޓްގެ ބޯޑުން ބިލް ގޭޓްސް އިސްތިއުފާ ދެއްވައިފި
އިސްތިއުފާ ދެއްވީ ދުނިޔޭގެ ސިއްހަތާއި ކުރިއެރުވުމަށް ވަގުތުދެއްވުމަށް
ކުންފުނީގެ ލީޑަރުންނަށް ޓެކްނޮލޮޖީ އެޑްވައިޒަރެއްގެ ގޮތުގައި އަބަދުވެސް އުޅުއްވާނެ
ބިލް ގޭޓްސް ވަނީ ބާރކްޝައަރ ހެތަވޭގެ ބޯޑުންވެސް އިސްތިއުފާ ދެއްވާފަ

މައިކްރޯސޮފްޓްގެ ބޯޑުން ބިލް ގޭޓްސް އިސްތިއުފާ ދެއްވައިފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، ދުނިޔޭގެ އެންމެ ބޮޑު އެއް މަހްޖަނު، މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސް މައިކްރޯސޮފްޓްގެ ބޯޑުން އިސްތިއުފާ ދެއްވީ ދުނިޔޭގެ ސިއްހަތާއި ކުރިއެރުވުމަށް ވަގުތުދެއްވުމުގެ ގޮތުންނެވެ. މިީގެ އިތުރުން ބިލް ގޭޓްސް ވަނީ ބާރކްޝައަރ ހެތަވޭގެ ބޯޑުންވެސް އިސްތިއުފާ ދެއްވާފައެވެ. މިކަމާއި ގުޅިގެން މައިކްރޯސޮފްޓުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބިލް ގޭޓްސް ބޯޑް މެންބަރުކަމުން ފެޔަށް ޖެހިވަޑައިގެންނެވީ ދަރުމަވެރި މަސައްކަތަކަށް އިތުރު ވަގުތު ދެއްވުމަށްކަމަށާއި ނަމަވެސް ކުންފުނީގެ ލީޑަރުންނަށް ޓެކްނޮލޮޖީ އެޑްވައިޒަރެއްގެ ގޮތުގައި އަބަދުވެސް އުޅުއްވާނެކަމަށެވެ.

މައިކްރޯސޮފްޓް ހިންގެވުމުން ފެޔަށް ޖެހިވަޑައިގެން ގޭޓްސް ގެންދަވަނީ އަނބިކަނބަލުން މެލިންޑާއާއިއެކު އެދެމަފިރިންގެ އެހީދޭ ފައުންޑޭޝަން ހިންގަވަމުންނެވެ. އެގޮތުން ކޮންމެ އަހަރަކު އެތައް މިލިއަން ޑޮލަރެއް އެހީގެ ގޮތުގައި އެކި ޖަމްއިއްޔާތަކަށާއި ސަރުކާރުތަކަށް އެފައުންޑޭޝަނުން ދެއެވެ. އެގޮތުން މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ވެކްސިން އެއް ހޯދުމަށް ކުރާ މަސައްކަތައް ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނުން ވަނީ 100 މިލިއަން ޑޮލަރު ހަދިޔާ ކުރައްވާފައެވެ.

103.6 ބިލިއަން ޑޮލަރުގެ މިލްކިއްޔާތަކާއިއެކު، ގޭޓްސް މިވަގުތުވެސް ހުންނެވީ ފޯބްސް ބިލިއަނަރުންގެ ދެވަނައިގައެވެ. އަދި ފާއިތުވިވެގެން ދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި އޭނާ އަބަދުވެސް އެލިސްޓުގެ އެންމެ މުއްސަނދި 5 މީހުންގެ ތެރޭގައި ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް