ޕީޕީއެމްގެ މެމްބަރުކަމުން، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެ ޕާޓީގެ ރައީސް މައުމޫނު އަބްދުއްޤައްޔުމް ވަކިކޮށްފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގެ ސުލޫކީ ކޮމެޓީން ހޯމަ ދުވަހުގެ ރޭ މި ނިންމުން ނިންމީ 5 މެމްބަރުންގެ އަޤުލަބިއްޔަތުންނެވެ.
ސުލޫކީ ކޮމެޓިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނި ރައީސް މައުމޫނަށް ޖަވާބުދާރީވުމަށް ފުރުސަތު ދިން ނަމަވެސް ޖަވާބުދާރީވުމަށް ހާޒިރުވެވަޑައިގެންފައި ނުވާ ކަމަށެވެ. އެހެންކަމުން ޕީޕީއެމްގެ މެމްބަރުކަމުން މައުމޫނު ވަކިކުރުމަށް ކައުންސިލްއިން ހުށައަޅަފަިއވާ ގޮތަށް ސުލުކީ ކޮމެޓީން ނިންމާފައިވާ ކަމަށެވެ.
ރައީސް މައުމޫނު ޕީޕީއެމްގެ މެމްބަރުކަމުން ވަކިކުރުމާއެކު، އެ ޕާޓީގެ ރައީސްގެ މަޤާމު ވެސް ގެއްލިގެންދާނެ އެވެ.
ރައީސް މައުމޫންއާ ދެކޮޅަށް ސުލޫކީ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ސަރުކާރަށް ކުރައްވަމުން ގެންދެވި ތާއީދު އަނބުރާ ގެންގޮސް އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރަން ފަށާފައިވާ ކަމަށާއި ފާޅުކަން ބޮޑު ގޮތެއްގައި ފޯރަމްތަކާއި ސޯޝަލް މީޑިއާގައި ޕީޕީއެމްގެ ފިކުރާ ދެކޮޅު ވާހަކަތައް ދައްކަވަމުން ގެންދެވާ ކަމަށެވެ. އަދި ސަރުކާރުން ހިންގަވާ ބޮޑެތި މަޝްރޫތަކާ ބެހޭ ގޮތުން ހަގީގަތާ ހިލާފަށް ވާހަކަދައްކަވާ އިދިކޮޅު ފަރާތްތަކާއެކު އެއްބަސްވުމެއްގައި ސޮއި ކުރެއްވި މައްސަލަ ވެސް ހިމެނޭ ކަމަށެވެ.
ރާއްޖެޓީވީއަށް މައުލޫމާތުދެއްވަމުން ރައީސް މައުމޫނު އާދިއްތަ ދުވަހުގެ ރޭ ވިދާޅުވީ އެމަނިކުފާނު ޕީޕީއެމް އިން ވަކިނުކުރެވޭނެ ކަމަށެވެ. އަސާސީ ގަވާއިދުގައި ބުނެފައިވާ އެއްވެސް ހާލަތެއް އެއްވެސް ސަބަބެއް، އެ މަނިކުފާނު މަގާމުން ދުރުކުރަން ކުރިމަތިވެފައި ނެތް ކަމަށެވެ.