ކ. މާލެ
|
12 މާރޗް 2020 | ބުރާސްފަތި 15:11
ސިންގަޕޫރުގެ ރައްޔިތުންތަކެއް ފޭސް މާސްކް އަޅައިގެން
ސިންގަޕޫރުގެ ރައްޔިތުންތަކެއް ފޭސް މާސްކް އަޅައިގެން
އޭޕީ
ކޮވިޑް-19
ކޮވިޑް-19: ސިންގަޕޫރުން ފިލާވަޅު
ސިންގަޕޫރުގެ ސްކޫލްތަކާއި ވިޔަފާރިތައް ބަންދުކޮށްފައެއް ނުވޭ
ހަރުކަށި ފިޔަވަޅުތަކެއް އެޅި، އިސްކުރީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން
ޑަބްލިޔުއެޗްއޯއިން ވަނީ ސިންގަޕޫރަކީ ނަމޫނާއެއް ކަމަށް ބުނެ ތައުރީފްކޮށްފަ

ކޮވިޑް–19 ގެ ނުރައްކާ މުޅި ދުނިޔެއަށް ފެތުރެމުންދާ އިރު، ބަލި ކޮންޓްރޯލް ކުރުމުގެ ރޭހުގައި ގައުމުތަކުން ގެންދަނީ ތަފާތު ފިޔަވަޅުތައް އަޅަމުންނެވެ. ކޮވިޑް–19 ކޮންޓްރޯލް ކުރުމަށް ގައުމުތަކުން ކުރަމުންދާ މަސައްކަތަށް ބަލާ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔު.އެޗް.އޯ އިން ބުނީ ސިންގަޕޫރަކީ ދުނިޔެއަށް އޮތް ނަމޫނާ އެއް ކަމަށެވެ.

ސިންގަޕޫރަކީ ނިސްބަތުން ކުޑަ ގައުމެކެވެ. ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅު ގައުމެކެވެ. އެހެން ކަމުން، ސިންގަޕޫރުގެ ނަތީޖާ ރަނގަޅުވާނެ ނޫންހޭ ބުނެވިދާނެ ޖާގަ އެބައޮތެވެ. އެކަމަކު، ސިއްހީ ޚިދުމަތް ރަނގަޅު އަދި ތަނަވަސް އެހެން ބައެއް ގައުމުތަކަށް ސިންގަޕޫރުން ހޯދި ނަން ނުހޯދުނީ ކީއްވެހެއްޔެވެ؟ އެކަމުގައި ސަބަބުތަކެއް އެބަހުއްޓެވެ.

ކޮވިޑް–19 ކޮންޓްރޯލް ކުރުމުގައި ސިންގަޕޫރުން ހޯދި ކާމިޔާބުގެ ފަހަތުގައި ވަނީ ސަރުކާރުން އެޅި އަވަސް ފިޔަވަޅުތަކާއި، އެ ފިޔަވަޅުތައް ތަންފީޒް ކުރުމުގައި ބެހެއްޓި ހަރުދަނާކަމެވެ.

ސިންގަޕޫރުގެ ސުޕަރމާކެޓެއްގައި ބަޔަކު ވިޔަފާރިކުރަނީ: ވިޔަފާރިތައް ބަންދެއް ނުކުރޭ

ވަކި ގޮތަކަށް ކަމެއް ކުރަން ސަރުކާރުން އިރުޝާދު ދިނުމުން އޭގެ މާނައަކީ ސަރުކާރުން އެ ބުނަނީ ސީރިއަސް ވާހަކައެކެވެ. އެކަމުގައި ފަރުވާ ކުޑަކޮށް އަޅާ ނުލައިފިނަމަ އޭގެ ނަތީޖާ އެމީހަކަށް ވަގުތުން ފެންނާނެ ކަން އެމީހަކު ގަބޫލު ކުރަން ޖެހެއެވެ.

މި ގޮތުން ހިނގި އެއް ހާދިސާ އަކަށް ބަލާއިރު، އުމުރުން 45 އަހަރުގެ މީހަކަށް ގެއިން ނުނިކުމެ އެކަހެރިކޮށް ހުރުމަށް ސިންގަޕޫރު ސަރުކާރުން އެންގި އެންގުމާ ޚިލާފަށް އޭނާ ބޭރަށް ނުކުތުމުން، ވަގުތުން އޭނާއަށް ސިންގަޕޫރުގައި ދިރިއުޅުމަށް ދީފައިވާ ދާއިމީ ހުއްދަ ބާތިލް ކުރިއެވެ.

މި މީހަކީ ޗައިނާ ގައި އުޅުމަށްފަހު އެނބުރި ސިންގަޕޫރަށް އައި މީހެކެވެ. އުސޫލުތައް ހަމަޖެހިފައި އޮތް ގޮތުން، ކޮވިޑް–19 އުފަންވި ޗައިނާ އިން ސިންގަޕޫރަށް އަންނަ ކޮންމެ މީހަކު 14 ދުވަހުގެ މުއްދަތަކަށް އެކަހެރިކޮށް ހުންނަން ޖެހެއެވެ. އޮފިޝަލުން އޭނާ އަށް ފޯނު ކުރި އިރު ފޯނެއް ނުނެގިއެވެ. އަދި ގެއަށް ގޮސް ބެލި އިރު ގެޔަކު ނެތެވެ. އޭގެ ނަތީޖާ އަކީ އޭނާ އަށް ސިންގަޕޫރަށް ވަދެވެން ހުރި ހުރިހާ ދޮރުތަކެއް އަބަދުގެ އަބަދަށް ބަންދުވުމެވެ.

މި ހާދިސާ އާ ގުޅިގެން ސިންގަޕޫރުގެ ދާޚިލީ ވަޒީރު ފޭސްބުކް ގައި ވިދާޅުވެފައިވަނީ، މި މީހާއަށް ސިންގަޕޫރު ސަރުކާރުން އެޅި ފިޔަވަޅަކީ މާ ހަރުކަށި ފިޔަވަޅެއް ކަމަށް ބައެއް މީހުން ބުނެފާނެ ކަމަށާއި، ނަމަވެސް، މިފަދަ ދަނޑިވަޅުގައި އެންމެންގެ އެއްބާރުލުން ސަރުކާރަށް ބޭނުންވާނެ ކަމަށެވެ. އަދި ބަލި ކޮންޓްރޯލް ކުރުމަށް ކިތަންމެ ހަރުކަށި ފިޔަވަޅެއް ވިޔަސް ސަރުކާރުން އަޅަން ފަސް ނުޖެހޭނެ ކަން މީހުންނަށް އެނގެން ޖެހޭ ކަމަށްވެސް އޭނާ ލިޔުއްވާފައިވެއެވެ.

އެހެން ހާދިސާ އެއްގައި ނުބައި މައުލޫމާތު ދީގެން ޗައިނާގެ ދެ ރައްޔިތެއްގެ މައްޗަށް ގައިންގަޔަށް އަރާ ބައްޔާބެހޭ ގާނޫނުގެ ދަށުން ދައުވާ ކުރުމަށް ވަނީ ފޮނުވާފައެވެ.

އެހެން ބައެއް ގައުމުތަކުގައި ހަރުކަށި ކަމަށް މާނަ ކޮށްފާނެ ކިތަންމެ ކަމެއް ސިންގަޕޫރު ސަރުކާރުން ބަލި ކޮންޓްރޯލް ކުރުމަށް ވަނީ އަޅާފައެވެ. އަދި އެ ފިޔަވަޅުތަކަށް ތަބާވުމުގައި ސިންގަޕޫރު ރައްޔިތުންގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ނަމޫނާއެކެވެ. މުޅި ސިންގަޕޫރު އެކުއެކީގައި ސަރުކާރަށް ދިން އެއްބާރުލުމަކީ ބައްޔާ ދެކޮޅަށް އެ ގައުމުން ކުރާ ހަނގުރާމަ ކާމިޔާބު ކުރުމުގައި މުހިންމު ބައެއް އަދާކުރާ ކަމެކެވެ.

ކޮވިޑް – 19 އާ ދެކޮޅަށް ސިންގަޕޫރުން އިއުލާން ކުރި ހަނގުރާމައިގެ ޕްލޭންގެ އެންމެ އިސްކަމެއް ދީފައި އޮތީ "ކޮންޓެކްޓް ޓްރޭސިން" އަށެވެ. އެއީ ބައްޔަށް ޕޮސިޓިވް ވުމާއެކު، ބަލި މީހާ، އޭގެ ކުރިން އެޅި ކޮންމެ ފިޔަވަޅެއް ޗާޓު ކުރުމެވެ. ބައްދަލުވި ކޮންމެ މީހެއް ދެނެގަތުމެވެ. ދިޔަ ކޮންމެ ތަނެއް ހޯދުމެވެ. މި ކަމުގައި ބަލި މީހާއަށް ގިނަ ސުވާލުތަކެއް ކުރެއެވެ. އެމީހަކާ ގުޅުން އޮތް ކޮންމެ މީހަކާ ފޯނުން ގުޅާ މައުލޫމާތު ހޯދައެވެ. އޭނާ ދަތުރު ކުރި އުޅަނދުތަކާއި އެތަންތާނގެ ސީސީޓީވީ ކެމެރާތަކުން ފެންނަ މަންޒަރުތައް ދިރާސާ ކުރެއެވެ. ކުރު ގޮތަކަށް ދަންނަވާނަމަ ބަލި ޖެހުމުގެ ފުރުސަތު އޮތް މީހުން ދެނެގަތުމަށް ނުފޮރޮޅާ އެންމެ ގައު ކޮޅެއްވެސް ނުބާއްވައެވެ.

ސިންގަޕޫރުގެ މަޝްހޫރު ލަޔަންސް ހެޑް ބިނާ ކައިރިން ބަޔަކު ހިިނގާފައިދާ މަންޒަރު

އެތެރޭގެ މޮނިޓަރިން ވަރުގަދަ ކުރި އިރު، ބަލި އިތުރަށް އިމްޕޯޓު ވިޔަ ނުދިނުމަށް، ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޗައިނާއިން ސިންގަޕޫރަށް ފްލައިޓުތައް އޮޕަރޭޓް ކުރުން ހުއްޓުވާލިއެވެ.

"ކޮންޓެކްޓް ޓްރޭސިން" ވަރުގަދަ ކުރުމާއި ޗައިނާ އިން މީހުން އައުން ހުއްޓުވުމުގެ ތެރެއިން ބަލި ކޮންޓްރޯލް ކުރުމުގައި ސިންގަޕޫރުން ބޮޑު ކާމިޔާބެއް ހޯދިއެވެ. ސިންގަޕޫރުގައި ސްކޫލްތައް ބަންދެއް ނުކުރެއެވެ. ވިޔަފާރިތައްވެސް ބަންދެއް ނުކުރެއެވެ. ނަމަވެސް ހާލަތާ ގުޅޭ ގޮތުން އަޅަން ޖެހޭ މުހިންމު ފިޔަވަޅުތައް ދިޔައީ އަޅަމުންނެވެ. އޭގެ ތެރޭގައި އެއްވުންތައް ބޭއްވުން މަނާ ކުރުމާއި، މޫނުގައި އަޅާ މާސްކް ލިބޭ މިންވަރު ކޮންޓްރޯލް ކުރުން ހިމެނެއެވެ. ކޮންމެ ގެޔަކަށް ސަރުކާރުން ދޭން ނިންމީ 4 ފޭސް މާސްކެވެ.

ފެބްރުއަރީ މަހުގެ މެދުތެރޭގައި ހާވާޑް ޔުނިވަސިޓީން އާއްމު ކުރި ދިރާސާ އެއްގައި ބުނާ ގޮތުން، ބަލިޖެހިފައި ތިބި މީހުން ދެނެގަތުމުގެ ގޮތުން ސިންގަޕޫރުން ކުރާ މިންވަރަށް ގައުމުތަކަށް މަސައްކަތް ކުރެވޭ ނަމަ، 2.8 ގުނަ އިތުރަށް ބަލި ޖެހިފައި ތިބި މީހުން ހޯދައިގަނެވޭނެއެވެ. އެކަމަކު އެއީ ވަސީލަތާއި ހާލަތައް ބަލާއިރު ކޮންމެ ގައުމަކަށް މަސައްކަތް ކުރެވޭނެ މިންވަރެއްވެއް ނޫނެވެ.

ކޮވިޑް-19 ގެ ގޮންޖެހުމާ ސިންގަޕޫރުން ކުރިމަތިލީ 2003 ގައި އެ ގައުމަށް ކުރިމަތިވި ސާސް ބަލީގެ ތަޖުރިބާގެ އަލީގައެވެ. މައުލޫމާތު ހޯދުމާއި ރައްކާކުރުމާއި ދިރާސާ ކުރުމުގައި ސިންގަޕޫރަކީ ފާހަގަ ކުރެވޭ ގައުމަކަށް ވުމާއެކު، މި ފަހަރުގެ ޕްލޭން އެކުލަވާލާ ތަންފީޒް ކުރުމުގައި މައުލޫމާތު މުހިންމު ދައުރެއް އަދާ ކުރިއެވެ. ބަލި ކޮންޓްރޯލް ކުރުމުގައި ޒާތީ މައުލޫމާތު ސިއްރު ކުރުމުގެ ބަދަލުގައި ސިންގަޕޫރުން އިސްކަން ދިނީ ވީހާވެސް ގިނަ މައުލޫމާތު ހާމަ ކުރުމަށެވެ. މި ގޮތުން ބަލި މީހާ ހުރި ތަނާއި، އޭނާ ދިޔަ ތަންތަންނާއި، މަސައްކަތް ކުރި ތަންތަނާއި، ގުޅުން އޮތް ފަރާތްތައްވެސް ގެންދިޔައީ ހާމަ ކުރަމުންނެވެ.

ސިންގަޕޫރުން މަސައްކަތްކުރީ އާންމު ދިރިއުޅުމަށް ބުރޫނާރާނެހެން ބަލި ކޮންޓެއިން ކުރުމަށް

ހަރުކަށި ފިޔަވަޅުތަކުގެ އިތުރުން، ސިންގަޕޫރުން ސަރުކާރުގެ އޮފިޝަލުން ގެންދިޔައީ، ނޫސް ކޮންފަރެންސްތައް ބާއްވާ އާއްމު ސާފުތާހިރު ކަމާއި ރައްކާތެރި އާދަކާދަ ތަކާ ބެހޭ ގޮތުން ރައްޔިތުންނަށް ކުދިކުދި ކަންތައްތަކުގައިވެސް އިރުޝާދު ދެމުންނެވެ. މި ގޮތުން ރެސްޓޯރެންޓު ތަކުން ކައިފައި ތަބައް ގެންދަންވާ ތަނަކަށް މީހެއްގެ އަތައް ނުދީ ކެއި މީހާ ގެންދިއުން ފަދަ ކަންކަންވެސް ދިޔައީ ބުނެދެމުންނެވެ.

ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ރަސްމީ ވަޓްސްއެޕް ޗެނެލެއް އުފައްދާ ވަގުތުން ވަގުތައް މައުލޫމާތު ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ އިތުރުން، ނޫސްތަކުގެ އެންމެ މަތީގައި އިންނަ އިޝްތިހާރު ބެނަރ ސަރުކާރުން ނަގާ، އެ ބެނެގައިވެސް ރޯގާގެ ކިތަންމެ ކުޑަ އަލާމާތެއް ފެންނަން ހުއްޓަސް އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އިރުޝާދު ދީ މެސެޖް ލިޔެފައި ހުއްޓެވެ.

އަނެއްކޮޅުން ސިއްހީ ދާއިރާގެ ޚިދުމަތްތެރިންނަށް އިހްތިރާމް ކުރުމަށާއި އެމީހުންގެ ޚިދުމަތައް ޝުކުރުވެރިވުމުގެ މުހިންމު ކަމުގެ ވާހަކަވެސް ރައްޔިތުންނަށް ސަރުކާރުން ދިޔައީ ކިޔައި ދެމުންނެވެ. ސިއްހީ ދާއިރާގެ ޚިދުމަތްތެރިންގެ ޚިދުމަތުގެ އަގު ވަޒަން ކުރުމަށް އިތުރު ބޯނަސް ސަރުކާރުން ހަމަ ޖެއްސި އިރު، ބަލީގައި އުޅެން ޖެހިފައިވާ މީހުންނަށް ރަހުމު ކުރުމުގެ ގޮތުން، ކެބިނެޓް މިނިސްޓަރުންގެ އެއް މަހުގެ މުސާރަ ނުނަގާ ގޮތައް ހަމަޖެއްސިއެވެ.

ސިންގަޕޫރު ސަރުކާރުން ކޮވިޑް–19 އާ ހަނގުރާމަ ކުރުމުގައި ރައްޔިތުންނަށް އިތުބާރު ލިބިފައި ވިޔަސް ބަލީގެ ހާސްކަން ރައްޔިތުންގެ ހިތުން މުޅިން ފިލައިގެންނެއް ނުދެއެވެ. ނުރައްކަލުގެ ހާލަތު "ޔެލޯ" އިން "އޮރެންޖް" އަށް ފެބްރުއަރީ 7 ގައި ބަދަލު ކުރުމާއެކު، ކުއްލިއަކަށް ފެނުނީ މީހުން ހާސްވެގެން އުޅުނު ތަނެވެ. އިންސްޓަންޓް ނޫޑްލްސް އާއި ފާޚާނާ ކަރުދާސް ރޯލުތައް ގެއަށް ޖަމާ ކުރުމަށް ކޮޅުކޮޅު މައްޗަށް މީހުން ދުއްވައިގަތް މަންޒަރު ފެނުނެވެ. އެ ހާދިސާ އާ ގުޅިގެން، ބޮޑު ވަޒީރު ލީ ޓީވީ މެދުވެރި ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައްޔިތުން ގާތުގައި ވިދާޅުވީ "ވައިރަސްގެ ސަބަބުން ލިބޭ ގެއްލުމަށްވުރެ ބޮޑު ގެއްލުމެއް ބިރުގެ ސަބަބުން ލިބިދާނެ" ކަމަށެވެ.

މެރީނާ ބޭ ފިނޭންޝަލް ސެންޓަރު: ވިޔަފާރިތައް ހުއްޓާނުލަން ނިންމީ އެޅުނު ފިޔަވަޅުތަކާ ގުޅިިގެން

ސިންގަޕޫރު ސަރުކާރުން ދެކޭ ގޮތުގައި ކޮވިޑް–19 އާ ކުރާ ހަނގުރާމަ އަދި ނުނިމެއެވެ. ބަލި ކޮންޓްރޯލް ކުރުމަށް އިތުރަށް އެޅިދާނެ ފިޔަވަޅުތަކަށް ސިންގަޕޫރު ސަރުކާރުން ދަނީ އަދިވެސް ވިސްނަމުންނެވެ. ސިންގަޕޫރުގެ ނޭޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރ ވިދާޅުވީ، ބަލިން ސަލާމަތް ވުމަށް ދުނިޔެއާ ސިންގަޕޫރު މުޅިން އެކަހެރި ވުމަކީވެސް އެޅިދާނެ ފިޔަވަޅެއް ކަމަށެވެ. ނަމަވެސް އޭނާގެ ނަޒަރުގައި އެއީ ކުރަން ރަނގަޅު ކަމެއް ނޫނެވެ.

- ކޮމެންޓް