ސަރުކާރު ބަލިވެ ފިނޑިވެއްޖެ ކަމަށާއި ދެން މަޖިލިސް ބޭނުންކޮށްގެން ޖަރީމާއެއް ނުހިންގޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މަސީހުގެ އިތުބާރު ނެތްކަން ވެސް ކަށަވަރުވެގެން ހިނގައްޖެ ކަމަށާއި ރައްޔިތުން ކާމިޔާބު ހޯދާނެ ކަމަށެވެ.
"ސަރުކާރު ބަލިވެ ފިނޑިވެއްޖެ. ދެނެއް މަޖިލިސް ބޭނުންކޮށްގެން ޖަރީމާއެއް ނުހިންގޭނެ. ރައްޔިތުން ކާމިޔާބު ހޯދާނެ،" ޖަމީލް ވިދާޅުވިއެވެ.
މިއަދު ކަންތައް ހިނގައިދިޔަ ގޮތުން ވޯޓް އިދިކޮޅުން ކާމިޔާބު ކުރާނެ ކަން ސަރުކާރަށް ކަށަވަރުވި ކަމަށާއި ދެން މަޖިލީހުގައި ސަރުކާރުގެ ސްޕީކަރ އެއް ނުހުންނާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އާއި ދެކޮޅަށް، މިއަދު ނެގި އިތުބާރު ނެތްކަމުގެ ވޯޓު ނަގާފައިވަނީ، މަޖިލީހުގެ 13 މެމްބަރަކު މަޖިލީހުގެ ޗެމްބަރުން ބޭރަށް ނެރުމަށް ފަހުއެވެ.
އެމަނިކުފާނަށް އިތުބާރު އޮތްކަމަށް 48 މެމްބަރުން ވޯޓު ދެއްވިއެވެ. އިތުބާރު ނެތް ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.