އިދިކޮޅު މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ނެރެ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު އޮތް ކަމަށް ފާސްކޮށްފި އެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި މަސީހުގެ އިތުބާރު ނެތްކަމަށް ފާސްކޮށްފައި ވަނީ 48 މެމްބަރުންގެ އިއްތިފާގުންނެވެ. ވޯޓް ނެގިއިރު އިދިކޮޅު އެއްވެސް މެމްބަރަކު މަޖިލީހުގެ ތަޅުމުގައި ނެތެވެ.
ޖަލްސާގައި ވޯޓުލާފައިވަނީ ރޯލްކޯލް ވޯޓެކެވެ. އެއީ ވަކިވަކި މެމްބަރުންނާ ސުވާލުކޮށްގެން ވޯޓު ނެގުމެވެ. އެގޮތުން ސަރުކާރު ކޯލިޝަންގެ މައިޕާޓީ ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަންގެ މެމްބަރުންނާއި ސަރުކާރު ކޯލިޝަން އެމްޑީއޭ މެމްބަރުން ހިމެނޭ ގޮތަށް 48 މެމްބަރުން ވަނީ މަސީހުގެ އިތުބާރު ނެތްކަމަށް ނުފެންނަ ކަމަށް ވިދާޅުވެފަ އެވެ.
ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވަނީ އިދިކޮޅު ގިނަ މެމްބަރުންތަކެއް ނަން އިއްވާފަ އެވެ. އަދި މަޖިޖިލީހުގެ ތަޅުމުން އެމެމްބަރުން ބޭރުކޮށްފައިވަނީ ސިފައިން ބޭނުންކޮށްގެންނެވެ. އެ ގޮތުން 13 މެންބަރެއްގެ ނަން އިއްވައި ސިފައިން މެދުވެރިކޮށް މެންބަރުން ޖަލްސާއިން ބޭރުކޮށްފައި ވެއެވެ.
އިދިކޮޅު ފަރާތްތަކުގެ ތެރެއިން ނަން އިއްވާފައި ނުވާ އެހެން މެމްބަރުން ވަނީ ވޯޓަށް އެހިއިރު މަޖިލީހުގެ ޖަލްސާ ދޫކުރައްވައި ވަޑައިގަންނަވާފަ އެވެ.
މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރޯލްކޯލް ވޯޓެއް ނެގި މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މިހާރު އަމަލު ކުރަމުންދާ ގާނޫނުއަސާސީ އެކުލަވާލިއިރު، އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުން ވަނީ ރޯލްކޯލް ވޯޓެއް ނަގާފަ އެވެ. ރޯލް ކޯލް ވޯޓްގައި ރިޔާސަތުގައި އިންނެވި މޫސަ އާއި ޖަލުގައި ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ވެސް ވޯޓު ދެއްވި ކަމަށް ވޯޓް ލިސްޓްގައި ވެއެވެ. އެހެން ކަމުން މަސީހްގެ އިތުބާރު ނެތް ކަމަށް ނެގި ވޯޓަކީ ސައްހަ ވޯޓެއް ކަމަށް ބެލެން ނެތް ކަަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.