ކ. މާލެ
|
10 މާރޗް 2020 | އަންގާރަ 13:50
އދ. ގެ ސަލާމަތާބެހޭ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން
އދ. ގެ ސަލާމަތާބެހޭ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން
އޭޕީ
ޕާކިސްތާން
ހިއުމަން ރައިޓްސް ކައުންސިލްގައި ޕާކިސްތާން ބޭޒާރުކޮށްލައިފި
ޖެނީވާގައި ޕާކިސްތާނާ ދެކޮޅަށް މަގުތަކުގައި އަޑުއުފުލާފައިވޭ
ޕާކިސްތާނާ ދެކޮޅަށް އަޑު އުފުލާފައިވަނީ އެކްޓިވިސްޓް މަންޒޫރު ޕަޝްތީން ޕާކިސްތާނުން ހައްޔަރުކޮށްގެން އުޅޭތީ

އިންސާނީ ހައްޤުތަކާ ބެހޭ އދގެ ކައުންސިލް ޖެނީވާގައި ހިނގަމުން ދާއިރު ޕާކިސްތާންގެ އަނިޔާވެރި އަމަލުތައް އެކިފަރާތްތަކުން ވަނީ ދުނިޔެއަށް ބޭޒާރުކޮށްފައެވެ.

ޕާކިސްތާންގެ ބައިމަދު މީހުންގެ ފަރާތުން ވަނީ ޖެނީވާގެ މަގުތަކުގައި ބެނާތައް ދަމަހައި ކުރެހުންތައް ބަހައްޓައި ޕާކިސްތާން ސަރުކާރާއި ސިފައިންގެ އަނިޔާވެރި އަމަލުތައް ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކޮށްފައެވެ.

މިގޮތުން ބައިވެރިން ދައްކައިދީފައިވާ އެއް މަންޒަރެއްގައި ވަނީ ޕާކިސްތާން ސިފައިން އަންހެނުންނާއި ކުދަކުދިން ޖަލަށް ލައިގެން ގެންގުޅޭ މަންޒަރު ދައްކާފައެވެ. ޖަލުގެ ތޭރީގެ ފުރަގަހުގައި އަންހެނުންނާއި ކުޑަ ކުދިން ބައިތިއްބާފައި ތިބި އިރު ޖަލުގެ ކުރިމަތީގައިވަނީ ޕާކިސްތާން ބޮޑު ވަޒީރާއި ސިފައިގެ ވެރިޔާ ޖެނެރަލް ގަމަރް ބާޖްވާއާއި ޖާސޫސީ އިދާރާގެ ވެރިޔާ ފާއިޒް ހަމީދުގެ ސިފައިގައި ކަނޑައި ހަދާފައިވާ ބުދުތަކެއް ބަހައްޓާފައެވެ. އަދި އެހެން ތަނެއްގައި ބަހައްޓާފައިވާ ބޮޑު ބެނާ އެއްގައި ގޮވާލާފައިވަނީ ސިންދީންނާއި ބަލޫޗީންނާއި ޕުޝްތޫންނާ ދެކޮޅަށް ކުރާ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށެވެ.

މިމީހުން ބުނެފައިވަނީ ޕާކިސްތާނަކީ ޓެރަރިސްޓުންނާއި ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއް ކަމުގައެވެ. އަދި ޕާކިސްތާނުން ޕާކިސްތާންގެ އެތެރޭގައި ހަރަކާތްތެރިވާ މީހުންނާއި ޕާކިސްތާނުން ބޭރުގައި ހަރަކާތްތެރިވާ ޓެރަރިސްޓުންނަށް ވާގިވެރިވާ ކަމުގައިވެސް މިމީހުން ބުންޏެވެ. އދގެ ހިއުމަންރައިޓްސް ކައުންސިލްގައި ވާހަކަ ދައްކަމުން އިންޑިއާއިންވެސް ވަނީ ޕާކިސްތާނުން ޓެރަރިޒަމަށް ވާގިވެރިވާކަމަށް ތުހުމަތުކޮށްފައެވެ.

ޕާކިސްތާނާ ދެކޮޅަށް އަޑު އުފުލި މީހުން އަޑު އުފުލާފައިވަނީ އިންސާނީ ހައްގަށް މަސައްކަތް ކުރާ ޕަޝްތޫން ތަހައްފުޒް މޫވްމަންޓްގެ އެކްޓިވިސްޓް މަންޒޫރު ޕަޝްތީން ޕާކިސްތާނުން ހައްޔަރުކޮށްގެން އުޅޭތީއެވެ. އޭނާއަށް ތުހުމަތުކޮށްފައިވަނީ ޕާކިސްތާންގެ މިނިވަންކަން ނަގާލަން މަސައްކަތް ކުރުމާއި ހަމަނުޖެހުން އުފައްދަން އުޅުމާއި، ނަސަލީ ދެކޮޅުވެރިކަމަށް ހިތްވަރު ދިނުމުގެ ތުހުމަތުގައެވެ.

ޕާކިސްތާނާ ދެކޮޅަށް އަޑު އުފުލާ މީހުން އަޑު އުފުލަމުން ދަނީ ބައިމަދު މީހުންނާއި އަންހެނުންނާ ދެކޮޅަށް ޕާކިސްތާނުން ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް