ކ. މާލެ
|
27 މާރޗް 2017 | ހޯމަ 18:43
އައިޖީއެމްއެޗް ފްލޫ ކްލިނިކް
އައިޖީއެމްއެޗް ފްލޫ ކްލިނިކް
މުހައްމަދު ޝަރުހާން
ރާއްޖޭގައި ފެތުރެމުންދާ ރޯގާ
ބެލެނިވެރިން ސްކޫލުތަކަށް ކުދިން ނުފޮނުވާތީ، ބައެއް ސްކޫލްތައް އިތުރު ތިން ދުވަހަށް ބަންދުކޮށްފި
ސްކޫލުތަކުގެ ކިޔެވުން ބަންދު ކުރީ، ސްކޫލުތަކަށް ކުދިން ނުފޮނުވާތީ

މިހާރު ފެތުރެމުންދާ ރޯގާގެ ހާލަތު ރަގަޅުވި ނަމަވެސް ބެލެނިވެރިން ސްކޫލުތަކަށް ކިޔަވާ ކުދިން ފޮނުވަން ޖެހިލުންވާކަން ފާހަގަކުރެވޭތީ، ބައެއް ސްކޫލްތައް ބަންދުކުރަން ނޭޝަނަލް ޕެންޑެމިކް ކޮމިޓީން ނިންމައިފި އެވެ.

ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ، ރާއްޖޭގައި އިންފްލުއެންޒާ އެޗްވަންއެންވަން ރޯގާ ފެތުރެން ފެށުމާ ގުޅިގެން ރޯގާ ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ދިޔައީ ކުރަމުން ކަމަށާއި އަދި އެކަމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލެވުނު ކަމަށެވެ. އެގޮތުން ނޭޝަނަލް ޕެންޑެމިކް ކޮމިޓީގެ ނަމުގައި އެކުލަވާލެވުނު ކޮމިޓީގައި ޑިފެންސް މިނިސްޓަރާއި ފޮރިން މިނިސްޓަރާއި ޓޫރިޒަމް މިނިސްޓަރުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރާއި ހެލްތު މިނިސްޓަރ ހިމެނޭ ކަމަށް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވި އެވެ.

ނަމަވެސް ނިއުސް ކޮންފަރެންސަށް ފަހު އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލް މީޑިއާތަކަށް މައުލޫމާތު ދެއްވި ގޮތުގައި ކިޔެވުން ބަންދުކުރަނީ ބައެއް ސްކޫލްތަކެވެ. އެގޮތުން ބަންދުކުރަން ނިންމާފައި ވަނީ މާލެ، ހުޅުމާލެ، ވިލިމާލޭގެ ހުރިހާ ސްކޫލަކާއި އަތޮޅުތަކުގެ ފަސް ސްކޫލެކެވެ. އޭގެ ތެރޭގައި ހިމެނެނީ ރ. އިންގުރައިދޫ ސްކޫލާއި އެ އަތޮޅު އުނގޫފާރު ސްކޫލާއި ހދ. އަތޮޅު ތައުލީމީ މަރުކަޒާއި، އެއަތޮޅު ޖަލާލުއްދީން ސްކޫލުގެ އިތުރުން އަފީފުއްދީން ސްކޫލެވެ. މިގޮތަކަށް ކަނޑައަޅާފައިވަނީ އެޗްޕީއޭގެ ލަފާގެ މަތިން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ގިނަ ބަޔަކަށް އިންފްލުއެންޒާ ފެތުރިގެން ދިޔަ ނަމަވެސް މިހާރު ބަލިން ގިނަ ބަޔަކު ރަގަޅު ވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރ ޝަރީފު ވިދާޅުވި އެވެ. އަދި ރޯގާ މިހާރު ވަރަށް ބޮޑަށް ކޮންޓްރޯލު ކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރ ޝަރީފު ފާހަގަކުރެއްވިއެވެ.

ސްކޫލުތަށް އަލުން ހުޅުވަން ނިންމީ، ބަލި ކޮންޓްރޯލު ކުރެވި، ސްކޫލުތަކުން ގެއްލުނު ފިލާވަޅުތަށް އިތުރަށް ނަގަން ފަސޭހަ ވެގެންދާނެ ކަމަށް ގަބޫލު ކުރެވުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދިވެހިންނަކީ ތައުލީމަށް ލޯބިކުރާ ބައެއް. ސަރުކާރުންވެސް ކިޔަވާކުދިންގެ ތައުލީމަށް ޚާއްސަ އިސްކަމެއް ދެން. ސްކޫލުތަށް ހުޅުވަން ނިންމީ އިތުރު ދުވަސްތަކެއް ބަންދުވެގެން ހިގައްޖެ ނަމަ ކުދިންނަށް އިތުރަށް ނަގަން ޖެހޭ ފިލާވަޅުތަށް އިތުރުވެ، މުގައްރަރު ފުރިހަަމ ކުރުމަށް ދަތިތަކާ ކުރިމަތިވެދާނެތީ،" އާދަމް ޝަރީފު ވިދާޅުވި އެވެ.

އެހެން ނަމަވެސް މިދިއަ މުއްދަތުގެ ތެރޭގައި، އެންމެ އެކަށީގެންވާ މައުލޫމާތުތަށް ލިބިފައިނުވާތީ، އާއްމުންގެ މެދުގައި އުފެދިފައިވާ ބިރުވެރިކަމުގެ ސަބަބުން ކުދިން ސްކޫލަށް ފޮނުވުމަށް ބެލެނިވެރިން ޖެހިލުންވެފައި ވާތީ، ސްކޫލުތަށް ބަންދުކުރުމަށް ނިންމީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

 ސްކޫލުތަށް ތިން ދުވަހަށް ބަންދުކުރުމަށް ނިންމާފައިވާ އިރު، ހޯމަ ދުވަހު އަދި އާދިއްތަ ދުވަހު ވެސް  މާލޭގެ ސްކޫލުތަކަށް ގޮސްފައި ވަނީ ވަރަށް މަދު އަދަދެއްގެ ކުދިންނެވެ.

 

- ކޮމެންޓް