ކްރިމިނަލް ކޯޓުގެ އެއްވެސް ޝަރީޢަތަކަށް "މިހާރު ނޫހުގެ" ނޫސްވެރިން ނުވެއްދުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ކަމަށް އެ ނޫހުން ބުނެފިއެވެ.
"މިހާރު" ނޫހުން ބުނީ ކްރިމިނަލް ކޯޓުގެ ޝަރީޢަތްތަކަށްް އެ ނޫހުގެ އެއްވެސް ނޫސްވެރިއަކު ނުވެއްދުމަށް އެ ކޯޓުން ނިންމާފައިވާކަން އެނގުނީ ހޯމަ ދުވަހު އެ ކޯޓުގައި ތާވަލް ކޮށްފައިވާ ޝަރީޢަތަކަށް އެ ތަނުގެ ނޫސްވެރިއަކު ވަންނަން ދިއުމުން ކަމަށެވެ.
އެގޮތުން ޝައރީޢަތަށް ވަންނަން ދިއުމުން "މިހާރު"ގެ ނޫހުގެ އެއްވެސް ނޫސްވެރިއަކު ނުވެއްދުމަށް އަންގާފައިވާ ކަމަށް ކޯޓުން ބުނި ކަމަށާއި ނަމަވެސް އެ ނޫހުގެ ނޫސްވެރިން ޝަރީޢަތްތަކަށް ނުވަންދަން ނިންމި ސަބަބެއް ހާމަކޮށްފައި ނުވާ ކަމަށް "މިހާރު" ނޫހުން ހާމަކުރެއެވެ.
މީގެ އިތުރުން "މިހާރު" ނޫހުން ހާމަކުރި ގޮތުގައި އެ ނޫހުގެ ނޫސްވެރިން ކްރިމިނަލް ކޯޓުގެ ޝަރީޢަތްތަކަށް ނުވައްދަން ނިންމި ސަބަބު ސާފް ކުރުމަށް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލަށް ގުޅި ނަމަވެސް ފޯނަށް ޖަވާބް ނުދެއްވާތީ އެކަން ސާފް ނުވާ ކަމަށް އެ ނޫހުން ހާމަކުރެއެވެ.
ހަމައެހެންމެ ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އަށް ގުޅައިގެން އެކަން ސާފް ކުރުމަށް މަސައްކަތް ކުރި ނަމަވެސް އެ ޑިޕާޓްމެންޓްގެ ތަރުޖަމާން ފޯނަސް ޖަވާބް ނުދެއްވާތީ ޑީޖޭއޭ އިން ވެސް އެކަން ސާފް ވެފައި ނުވާ ކަމަށް މިހާރު ނޫހުން ހާމަކުރެއެވެ.
ރާއްޖެ އެމްވީން ވެސް ވަނީ ކްރިމިނަލް ކޯޓުގެ ބަހެއް ލިބޭތޯ މަސައްކަތްކޮށްފައެވެ. ނަމަވެސް މީޑިއާ އޮފިޝަލް ފޯނު ނުނަންގަވާތީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ކްރިމިނަލް ކޯޓުން އެދިގެން ފުލުހުން ގެންދަނީ "މިހާރު" ނޫހުގައި ލިޔެފައިވާ ލިޔުމެއްގެ މައްސަލަ ވެސް ތަހްގީގުކުރަމުންނެވެ. އެގޮތުން އެ ނޫހުގައި ލިޔެފައިވާ ދެ އާޓިކަލަކާ ގުޅިގެން ފުލުހުން ބަލަމުންދާ މައްސަލައެއްގައި ސުވާލުކުރުމަށް އެ ނޫހުގެ މެނޭޖިން އެޑިޓަރު އިސްމާއިލް ނަސީރު ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.
ކްރިމިނަކް ކޯޓުން މީގެ ކުރިން ވެސް ވަނީ ބައެއް ނޫސްވެރިން ކޯޓަށް ނުވަންދަން ނިންމާފައެވެ. އެގޮތުން "މިހާރު" ނޫހުގެ ނޫސްވެރިން ކުރިން "ހަވީރު" ނޫހުގައި މަސައްކަތްކުރި އިރު ވެސް ބައެއް ނޫސްވެރިން ކޯޓަށް ނުވަންދަން ނިންމާފައި ވެއެވެ. އަދި ރާއްޖެޓީވި އާއި އެ ނޫން ވެސް ބައެއް މީޑިއާތަކުގެ ނޫސްވެރިންނަށް ކޯޓަށް ނުވައްދަން ނިންމާފައި ވެއެވެ. ނަމަވެސް ފަހުން އެ ނިންމުންތައް ބަދަލުކޮށް ނޫސްވެރިންނަށް ކޯޓަށް ވަދެވޭނެ ގޮތް ހަމަޖައްސައިދީފައި ވެއެވެ.