ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް މިއަދު ބާއްވާ ޖަލްސާ ފެށުނީއްސުރެ ވޯޓިން ސިސްޓަމް މަސައްކަތް ނުކުރާ ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު( އިބޫ) ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަގައި ބަހުސް މަރުހަލާ ނިންމާލުމަށް ފަހު ރާއްޖެޓީވީއާ ވާހަކަދައްކަވުމުން ވިދާޅުވީ، މަޖިލީހުގެ ގަވައިދުގެ 164 މައްދާގައި ވާގޮތުން މަޖިލީހުގެ ތަޅުމުގައި ނެގޭ ހުރިހާ ވޯޓަކީވެސް އިލެކްޓްރޯނިކް ވޯޓު ކަމަށާއި އެކަން ބަދަލު ކުރެވޭނީ ކަނޑއެޅިގެން، ފާޅުގައި ވޯޓުގައި މައްސަލައެއް އުޅޭ ނަމަ ކަމަށެވެ. އަދި އެ މައްސަލައެއްގައި ވޯޓުލުމަށް ހަދާނެ ގޮތެއް ކަނޑައެޅޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ވަކި ވަކި މެންބަރުންނާ ސުވާލު ކޮށްގެން ވޯޓު ނެގޭނީ މަޖިލީހަށް ހުށަހަޅާ އެކަން ފާސްކޮށްގެން ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އަދި މިއަދު ފެނިގެން މިދިޔައީ މަޖިލީހުގެ ރިޔާސަތުން ގަވައިދާ ހިލާފަށް ކަންކަން ކުރަން ފެށިތަން ކަަމަށް އޭނާ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ މިގޮތަށް ނަގާ ވޯޓަކީ ގަބޫލު ކުރެވޭނެ ވޯޓެއް ނޫން ކަމަށެވެ.
" މިއީ ވަރަށް ބޮޑު މައްސަލަ އެއް. މިއާ ދޭތެރޭގައި އަޅުގަނޑުމެން ކުރިއަށްދާނެ ގޮތެއް، ނިންމާނެ. މިއީ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ނަގާ ވޯޓެއް ކަމަށް ގަބޫލެއް ނުކުރެވޭ" އިބޫ ވިދާޅުވި އެވެ.
މަޖިލީހަށް ވަނީއްސުރެ ސިސްޓަމް ބޭނުން ނުކުރެވޭ ކަމަށާއި އެ މައްސަލަ އެތަށް ފަހަރެއްގެ މަތިން ހުށަހެޅި ނަމަވެސް ހައްލު ލިބިފައި ނުވާ ކަމަށް އިބޫ ވިދާޅުވި އެވެ. މިއަދު މަޖިލީހުގައި ހުރި ސިސްޓަމްތަކުގައި މައްސަލައެއް ނޫޅޭނެ ކަމަށް އެއްވެސް މެންބަރަކަށް ޔަގީން ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިއީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ވޯޓްނެގުމުގައި އަމަލުކުރަން ޖެހޭ އުސޫލް ބަޔާން ކޮށްފައިވާ މާއްދާ މަޖިލީހުގެ ގަވާއިދުގެ 164 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ މަޖިލީހުގައި ވޯޓު ނަގާނީ އިލެކްޓްރޯނިކް މެޝިން ބޭނުންކޮށްގެންނެވެ. ވޯޓުލާނީ ފެންނަ ކަމަށް ނުވަތަ ނުފެންނަ ކަމަށާއި ނުވަތަ ވަކިކޮޅަކަށް ވޯޓުދޭން ބޭނުންނުވާ ކަމަށް ކަމަށެވެ.
ހަމައެހެންމެ 164 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ އިލެކްޓްރޯނިކް ވޯޓިންގ ސިސްޓަމް މެދުވެރިކޮށް ނަގާ ވޯޓު ނެގުމުގައި، ޖަލްސާގެ ހާޒިރީ އާއި، ހާޒިރުވި ކޮންމެ މެންބަރެއްގެ ނަމާއި، އެ މެންބަރަކު ވޯޓުދިނީ މައްސަލައެއް ފާސްކުރުމަށް ފެންނަ ކަން، ނުވަތަ ނުފެންނަ ކަން، ނުވަތަ އެ މެންބަރަކު ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާކަން، މެންބަރުންނަށް ސްކްރީނަކުން ފެންނަން ހުންނަ ގޮތަށް މަޖިލީހުގެ ރައީސް ހަމަޖައްސަންވާނެއެވެ
މަޖިލީހުގެ ގަވާއިދުގެ 164 ވަނަ މާއްދާގެ (ނ) ގައި ބުނެފައި ވަނީ ކަނޑައެޅިގެން ފާޅުގައި އެނގެން އޮތް މައްސަލައެއް ދިމާވެއްޖެ ޙާލަތެއްގައި މެނުވީ، މި މާއްދާގެ (ހ) ގައި ވާގޮތުގެ މަތިން އިލެކްޓްރޯނިކް ވޯޓިންގ ސިސްޓަމް މެދުވެރިކޮށް ނަގާ ވޯޓަކާ މެދު އިތުރު ސުވާލެއް ނުކުރެވޭނެ ކަމަށެވެ. އަދި ސުވާލުކޮށްފި ނަމަ، ދެން އެ މައްސަލައިގައި ވޯޓު ނަގާނީ، ވަކިވަކި މެންބަރުންނާ ސުވާލުކޮށްގެން ކަމަށް ގަވާއިދުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ވަކިވަކިން މެމްބަރުންނާ ސުވާލު ކޮށްގެން ވޯޓަށް އެހުމާ ބެހޭ ގޮތުން މަޖިލީހުގެ ގަވާއިދުގެ 165 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި ވަކިވަކިން މެންބަރުންނާ ސުވާލުކޮށްގެން ވޯޓު ނެގުމަށް ހުށަހެޅި ތާއީދު ލިބިގެން އެގޮތަށް ފާސްވާ މައްސަލަތަކުގަ އާއި، މަޖިލީހުގެ ގަވާއިދުގެ ދަށުން ވަކިވަކި މެންބަރުންނާ ސުވާލުކޮށްގެންކަމުގައި ބަޔާންކޮށްފައިވާ ޙާލަތުގައި، ނަގަންޖެހޭ ވޯޓު ނަގާނީ، ކޮންމެ މެންބަރަކާ ސުވާލުކޮށްގެން، އޭނާ ވޯޓު ދޭން ބޭނުންވާ ގޮތެއް އޮޅުން ފިލުވަމުންނެވެ.
މީގެ އިތުރުން ގަވާއިދުގެ 165 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގައި ވަކިވަކި މެމްބަރުންނާ ސުވާލު ކޮށްގެން ވޯޓް ނެގުމުގައި، ކޮންމެ މެންބަރެއްގެ ނަން އިއްވުމުން، އެ މެންބަރަކު ތެދުވެ، އޭނާއަށް ފެންނަ ގޮތެއް ހާމަކުރަން ވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިފައިވާ އިރު މިހާރު ވަނީ މެންބަރުންގެ ބަހުސް މަރުހަލާ ނިމިފަ އެވެ. މިކަމާ ގުޅޭ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، މެންދުރު 01:30 ގަ އެވެ.
މި ވޯޓާ ގުޅިގެން ސަރުކާރަށް ތާއީދުކުރާ މެންބަރުން ވަނީ އެވޯޓް ކާމިޔާބު ނުވާނެ ކަމަށާއި މަސީހާ އެއްކޮޅަށް މައްސަލަ ނިންމާލާނީ، އިދިކޮޅު ފަރާތްތަކުގެ ވޯޓާ ވެސް އެކުގައި ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް އިދިކޮޅު މެންބަރުން ވަނީ މަޖިލީހުގެ ރައީސް މަގާމުން ދުރުކުރުމަށް ބޭނުންވާ ވަރަށް ވޯޓު ކަށަވަރުވެފައިވާ ކަން ހާމަކޮށްފަ އެވެ.