ރައްޔިތުންގެ އިތުބާރާއި މުޖުތަމައުގައި ގައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި އާއި ސަރުކަރު ޖަވާބުދާރީ ކުރުމަށް އެދިފައިވާ ހާލަތްތަކުގައި، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކަންކަން ކުރައްވަމުން ގެންދަވާ ކަމަށް ދިއްގަރު ދައިރާގެ މެންބަރު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުން ފާރިސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ކަންކަން ހިނގަމުންދާ ގޮތުން މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ވަރަށް ގިނަ ދަތިތައް ކުރިމަތިވަމުންދާ ކަމަށާއި ރައްޔިތުންގެ ހައްގުގައި ގާނޫނު އަސާސީން މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމަށް ހުރަސް އެޅިފައިވާ ކަމަށެވެ.
ފާރިސް ވިދާޅުވީ، މަޖީލީހުގެ ތެރެއިން ކުރާ މަސައްކަތުގައި ސަރުކާރުގެ ވަޒީރުންނަށް ކުރަން ބޭނުންވާ ސުވާލު ކުރުމުގެ ފުރުސަތާއި ބަހުސް ކުރުމުގައި ވަގުތު ދިނުމުގައި މަޖިލީހުގެ ރައީސް މަސައްކަތް ކުރައްވަނީ އެމަނިކުފާނުގެ ސިޔާސީ ފިކުރަށް ބުރަވެގެން ކަމަށެވެ. އަދި މެންބަރުން ކޮމިޓީތަަކަށް ކަނޑައަޅާ، ތަރުތީބު ކުރުމުގައި ވެސް ގެންގުޅުއްވަނީ ނާއިންސާފު އުސޫލުތަކެއް ކަަމަށް ފާރިސް ވިދާޅުވި އެވެ.
މީގެ އިތުރުން ގާނޫނު އަސާސީއާ ތައާރަޒްވާ ބިލްތައް މަޖިލީހަށް ހުށަހެޅުމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް ހުށަހަޅާ ބިލްތައް މަޖިލީހަށް ހުށަހަޅަ އިރު އެކަމަށް ހިތްވަރު ލިބޭ ގޮތަށް މަޖިލީހުގެ ރައީސްގެ އަމަލުތައް ބަހައްޓާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފާރިސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތު އަދާކުރުމުގައި ސިޔާސީ ގޮތުން ވަކި އަތަކަށް ޖެހިފައިވާ ކަމަށާއި އެހެން ކަމުން މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާ ކުރައްވަމުން ނުދާކަން ފާހަގަކުރައްވާފަ އެވެ.