Advertisement
ކ. މާލެ
|
27 މާރޗް 2017 | ހޯމަ 05:54
 ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް
މިހާރު
ރައީސް މައުމޫން
އަޅުގަނޑަކީ ޕީޕީއެމްގެ މެމްބަރެއް، ޕާޓީން ވައްކެތް ނުކުރެވޭނެ: ރައީސް މައުމޫން
ޕާޓީގެ މެމްބަރުން ވަކިކުރެވެން އޮންނާނީ ފަސް ގޮތް
ޕާޓީގެ މެމްބަރުކަމުން ވަކިވުމުގެ އެއްވެސް ސަރުތެއް ހަމައެއް ނުވޭ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ މެންބަރުކަމުން އެމަނިކުފާނު ވަކިނުކުރެއްވޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

 

ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން މައުމޫން ވިދާޅުވީ ރައީސް ޔާމީންގެ ފެކްޝަންގެ ކައުންސިލް ބައްދަލުވުމުން، އެމަނިކުފާން ވަކިކޮށްފައި ވަނީ އެޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެމަނިކުފާން އަދިވެސް އެ ހުންނެވީ ޕީޕީއެމްގެ އާންމު މެމްބަރުން ވޯޓުން ހޮއްވަވާފައިވާ ޕާޓީގެ ރައީސްގެ މަގާމުގައި ކަމަށް މައުމޫން ވިދާޅުވިއެވެ.

 

"އަޅުގަނޑު މި ހުރީ ޕީޕީއެމްގެ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑު ހުންނަނީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި، އަޅުގަނޑު ވައްކެތް ނުކުރެވޭނެ، އަޅުގަނޑު ވަކިކުރެވޭނެ ގޮތް ވަރަށް ރީތިކޮށް އޮންނާނެ ޕާޓީގެ އަސާސީ ގަވައިދުގައި ބަޔާންކޮށްފަ" ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގައިވައިދުގައި ބަޔާންކޮށްފައިވާ ގޮތުން އެމަނިކުފާނު ޕާޓީގެ މެމްބަރުން ވަކިކުރެވެން އޮންނާނީ ފަސް ގޮތެށް ކަމަށެވެ. އެއީ އެމަނިކުފާން ޕީޕީއެމްގެ ރައީސްގެ މަގާމުން އިސްތިއުފާން ދެއްވުމުންނާއި، އެމަނިކުފާން ދުނިޔެ ދޫކޮށް ދިއުމުންނާއި، އެޕާޓީގެ ރައީސްގެ މަގާމުގެ ފަސް އަހަރުގެ މުއްދަތު ހަމަވުމުންނާއި، ނުވަތަ އެމަނިކުފާން އެ މަގާމުން ވަކިކުރުމަށް އެޕާޓީގެ ގައުމީ ޖަލްސާއިން ނިންމުމުން ކަމަށް މައުމޫން ވިދާޅުވިއެވެ.

 

"އަޅުގަނޑު ވަކިކުރާކަން ގައުމީ ޖަލްސާއަކުން ފާސްކޮށްފައި ނެތް ، އަދި އަޅުގަނޑެށް އިސްތިއުފާއެއް ނުދެން، އަދި މަގާމުގެ މުއްދަތެއް ވެސް ހަމައެއް ނުވޭ، އެހެންވީމަ އަޅުގަނޑު ވަކިވުމުގެ އެއްވެސް ސަރުތެއް ހަމައެއް ނުވޭ" ރައީސް މައުމޫން ވިދާޅުވިއެވެ.  

އާދިއްތަ ދުވަހު ބޭއްވި ރައީސް އަބްދުﷲ ޔާމީން ފެކްޝަނުގެ ޕީޕީއެމް ކައުންސިލް ބައްދަލުވުމުން މައުމޫން އެޕާޓީގެ ރައީސް ކަމުގެ މަގާމުން ވަކިކޮށްފައި ވަނީ ޕާޓީގެ އަސާސީ ގަވައިދާއި ހިލާފަށް ކަމަށް ވުމުން އެމަނިކުފާނަކީ އަދިވެސް އެޕާޓީގެ އިންތިހާބީ ރައީސް ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.

 

ރައީސް މައުމޫންގެ އެއްބަފާ ކޮއްކޯފުޅު، ރައީސް ޔާމީން ރިޔާސަތުގައި އިންނެވި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ނިންމީ ރައީސް މައުމޫން ޕާޓީން ވަކިކުރުމަށެވެ.. އަދި މެންބަރުކަމުން ރައީސް މައުމޫން ވަކިކުރުމަށް އެ މައްސަލަ ސުލޫކީ ކޮމެޓީއަށް ފޮނުވާލުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް