Advertisement
ކ. މާލެ
|
27 މާރޗް 2017 | ހޯމަ 05:48
ރައީސް މައުމުނު އަބްދުއް ޤައްޔޫމް - ރައީސް މައުމޫނު ވަނީ މަސީހުގެ އިތުބާރު ނެތްކަމަށް ވޯޓުދެއްވުމަށް އެދިވަޑައިގެންފަ
ރައީސް މައުމުނު އަބްދުއް ޤައްޔޫމް - ރައީސް މައުމޫނު ވަނީ މަސީހުގެ އިތުބާރު ނެތްކަމަށް ވޯޓުދެއްވުމަށް އެދިވަޑައިގެންފަ
މިހާރު
މަސީހުގެ ވޯޓް
މިއީ ރަނުގެ ފުރުސަތެއް، މި ފުރުސަތު ނަގާނުލުން އެދެން:ރައީސް މައުމޫން
ޕީޕީއެމްގެ ތެރެއިން ޤައުމަށް ވަފާތެރި، އަމާނަތްތެރި މެމްބަރުން މަސީހުއާއި ދެކޮޅަށް ވޮޓުދެއްވުމަށް ގޮވާލެއްވި
މިއީ ޤައުމު އިސްލާހުކުރަން އަޅުގަނޑުމެންނަށް ލިބިފައިވާ ފުރުސަތު
މަސީހާއި ދެކޮޅަށް ވޯޓު ދޭ މެމްބަރުންނަށް 2019 ގައި އެހީތެރިވާނަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބަރު ނެތްކަމަށް ނަގާ ވޯޓަކީ ލިބިފައިވާ ރަނުގެ ފުރުސަތެއް ކަމަށާއި، އެ ފުރުސަތު ނަގާނުލުމަށް ކުރީގެ ރައީސް މައުމޫނު އަބްދުއް ޤައްޔޫމް ގޮވާލައްވައިފި އެވެ.

 

އިންޑިއާގައި ހުންނަވާ ރާއްޖެޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް މައުމޫނު ވިދާޅުވީ ޕީޕީއެމްގެ މެމްބަރުން ކުރައްވާ ކަންތައްތައް ވަރަށް ގާތުން ބަލަމުންގެންދާކަމަށެވެ. އަދި ޕީޕީއެމްގެ ތެރެއިން ޤައުމަށް ވަފާތެރި، އަމާނަތްތެރި މެމްބަރުން މަސީހުއާއި ދެކޮޅަށް ވޮޓުދެއްވުމަށް ގޮވާލައްވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މަސީހާއި ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުންނަށް ކުރިއަށްއޮތްތަނުގައިވެސް އެހީތެރިކަންދޭނެ ކަމަށެވެ.

 

"އަދި 2019 ވަނަ އަހަރު ބާއްވާ އިންތިހާބުގައިވެސް އަޅުގަނޑު އެ ބެފުޅުންނަށް ތާއީދުކޮށް މަސައްކަތްކޮށްދޭނަމޭ. އެއާއި ހިލާފަށް ކުރައްވާ މެމްބަރުންނަށް ވަރަށް އަސަރާއެކީ ދަންނަވާނީ އެ ކަންތައް ކޮށްދެވޭކަށް ނޯންނާނެއޭ. އަޅުގަނޑުމެން ބަލާނަން އެ ބޭފުޅުން ކަންތައްތައް ކުރައްވާގޮތް. ކޮންބަޔެއްތޯ ޤައުމަށް ތެދުވެރި ބަޔަކަށްތިބީ. ޤައުމަށް ހިޔާނަތްތެރިިނުވެ، ޤައުމުގެ މަސްލަހަތު ހިމާޔަތްކުރަން އަޅުގަނޑުމެންނާއި ގުޅިގެން މަސައްކަތްކުރައްވަނީ ކޮން މެމްބަރުންނެއްތޯ އަޅުގަނޑުމެން ބަލާނަން. އެހެންވީމަ އެކަން ތިޔަބޭފުޅުން ވިސްނަވައްޗޭ. މިއީ ރަނުގެ ފުރުސަތެކޭ. މި ފުރުސަތު ނަންގަވާނުލައްވައްޗޭ. މިއީ ޤައުމު އިސްލާހުކުރަން އަޅުގަނޑުމެންނަށް ލިބިފައިވާ ފުރުސަތެކޭ މިއީ" މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅޭގޮތުން ރާއްޖެޓީވީއަށް ރައީސް މައުމޫނު ވިދާޅުވި އެވެ.

 

ރައީސް މައުމޫނު ވިދާޅުވީ ލިބިފައިވާ ރަނުގެ ފުރުސަތު ގެއްލުވާލައިފިނަމަ ކުރިއަށް އޮތް ޖީލުތަކުން އެ މެމްބަރުންނަށް "މައާފެއް ނުކުރާނެ" ކަމަށެވެ. އަދި މުޅި ޤައުމު އެ މެމްބަރުންނަށް ފާޑުކިޔާނެ ކަމަށް ރައީސް މައުމުނު ވިދާޅުވި އެވެ.

 

އިތުރަށް ވާހަކަދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކާމިޔާބުވާނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. ރައީސް މައުމޫނު ވިދާޅުވީ ގުޅިގެން މަސައްކަތްކުރާ ސިޔާސީ ޕާޓީތަކުގެ މަޤްސަދަކީ ވަކި މީހަކަށް ދެރަޔެއް ދިނުން ނޫން ކަމަށެވެ.

 

ރައީސް މައުމޫނު ވިދާޅުވީ ކުރައްވާ މަސައްކަތަކީ ރައްޔިތުންގެ މަޖިލީހުގެ ކަންކަން ހަމަޔަކަށް އެޅުމަށް ކުރައްވާ މަސައްކަތެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ ޒިންމާ އަދާކުރުވުމަށް ކުރާ މަސައްކަތެއް ކަމަށާއި، އެ މަޖިލީހަކީ ހުރިހާ އިދާރާތަކެއް ޒިންމާދާރުކުރުމުގެ ބާރުވެރިކަން ދީފައިވާ ބަރުކަމަށެވެ.

 

"މަސީހުގެ އިތުބާރު ނެތްކަމަށް ފާސްކުރުމުގެ ބޭނުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހަމަޔަކަށް އެޅުވުން. ރައްޔިތުންގެ މަޖިލީހުގެ ޒިންމާ ޤާނޫނު އަސާސީ ބުނަގޮތަށް ފުރިހަމައަށް އެ މަޖިލީހަށް ހޯދައިދިނުން. އެހެންވީމަ މިކަމަށްޓަކައި އަޅުގަނޑުމެން މި މަސައްކަތްކުރަނީ" ރައީސް މައުމޫނު ވިދާޅުވި އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް