ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ ވޯޓު އިދިކޮޅު ފަރާތްތަކަށް ކާމިޔާބުވާނެ ކަމަށާއި، މި ވޯޓަކީ ފުރަތަމަ ވޯޓު ކަމަށާއި، އެ ވޯޓަށްފަހު ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށައަޅުއްވާނެކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސްރީލަންކާގެ ކޮޅުނބުގައި ހުންނަވާ ރާއްޖެޓިވީގެ 60 މިނެޓަށް މައުލޫމާތުދެއްވަމުން އާދިއްތަ ދުވަހުގެ ރޭ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މި ވޯޓު ކާމިޔާބު ކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި މިއީ ފެށުމެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ނަޝީދު ވިދާޅުވީ، މި ވޯޓަށްފަހު، ވަޒީރުންގެ އިތުބާރު ނެތްކަމަށްވެސް ހުށައަޅުއްވާނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ހަރާބުވެގެންދާއިރު، ބަލަހައްޓައިގެން ނުތިބެވޭނެ ކަމަށެވެ. އަދި ވިދާޅުވީ މިހަރު މިސްރާބު މި ހރު ދިމާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވަރަށް ބޮޑަށް ސާފުވެވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން ރައީސް މައުމޫނު އަބްދުލް ޤައްޔޫމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އަދި އަދާލަތު ޕޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގުޅިގެން ފެއްޓެވި މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތްޕުޅެއްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުދެކޭގޮތުގައި އަޅުގަނޑުމެންނަށް މި ވޯޓް މާ ކާމިޔާބުގޮތެއްގައި ކުރިހޯދޭނެ." ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އިސްލާހު ކުރަންޖެހޭ ގާނޫނުތަކާއި، ބަދަލު ގެންނަންޖެހޭ މުއައްސަސާތައްވެސް މިހާރު ހުރީ ފާހަގަ ވެފައި ކަމަށެވެ.
"އަޅުގަނޑުދެކޭގޮތުގައި އަޅުގަނޑުމެންނަށް މި ވޯޓް މާ ކާމިޔާބުގޮތެއްގައި ކުރިހޯދޭނެ. އަޅުގަނޑުމެންގެ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރުން ގެންދަވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން. އެހެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއިވެސް ގެންދަވަނީ ވާހަކަދައްކަވަމުން. އަޅުގަނޑުމެންނަށް މިހާރު އެނގިފައިވާގޮތުގައި ތަނަވަސް އަޤުލަބިއްޔަތަކުން މި ވޯޓު ކާމިޔާބުކުރެވޭނެ." ރައީސް ނަޝީދު ވިދާޅުވި އެވެ.