ކ. މާލެ
|
26 މާރޗް 2017 | އާދީއްތަ 23:28
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚްލޫފް
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚްލޫފް
މުހައްމަދު ޝަރުހާން
މަސީހުގެ އިތުބާރު
ރައީސް މޮޑޭ ފުށްގަނޑަކަށް، މެޑަމް ހަލުވަން ގެންގުޅޭ ބޮލިރަވަ ފުއްތަކަކަށް މެންބަރުން ހެދީ މަސީހު: މަޚްލޫފް
ދެކަނބަލުން ވަށައިގެން އެނބުރެން މަޖުބޫރުވެފައިވާ މެހިމާބުރުތަކަކަށް މެންބަރުން ހެއްދެވީ މަސީހު
ވޯޓް ގުނަން ފަށަންވާނީ ޖަލުގައި ބަންދުކޮށް ފޭރިގަނެފައިވާ ގަލޮޅު ދެކުނު ދާއިރާގެ ވޯޓް ހިމަނައިގެން
ދައްކާ ބިރަކަށް ބެލުމެއް ނެތި ރައްޔިތުން ދީފައިވާ ބާރުގެ ބޭނުންކޮށް މަސީހު މަގާމުން ދުރުކުރޭ

ރައީސް އަބްދުﷲ ޔާމީން މޮޑެން ގެންގުޅޭ ފުށްގަނޑަކަށް އަދި މެޑަމް ފާތުމަތު އިބްރާހިމް ހަލުވަން ގެންގުޅޭ ބޮލި ރަވައެއްގެ ފުއްތަކަކަށް ރައްޔިތުންގެ މަޖިލިސް މެންބަރުން ހެދުމުގެ ޖާގަ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚްލޫފް ވިދާޅުވެއްޖެ އެވެ.

 

ހޯމަ ދުވަހު އޮންނަ މަސީހުގެ އިތުބާރުގެ މައްސަލައާ ގުޅިގެން، ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ މަޚްލޫފް އާދިއްތަ ދުވަހު ނެރުއްވި އޯޑިއޯ މެސެޖެއްގައި ވިދާޅުވީ ރައީސްގެ ދެކަނބަލުން ވަށައިގެން އެނބުރެން މަޖުބޫރުވެފައިވާ މެހިމާބުރުތަކަކަށް މެންބަރުން ހެއްދެވީ މަސީހު ކަމަށެވެ.

 

މާފުށީ ޖަލުގެ ޔުނިޓް 10 ގައި ހުކުމް ތަންފީޒް ކުރައްވަމުން ގެންދަވާ މަޚުލޫފް ވަނީ މަސީހާ ދެކޮޅަށް ވޯޓް ދެއްވުމަށް އޭނާ މަޖިލީހަށް ހާޒިރުކޮށްދިނުމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު ޝިހާންއަށް ގޮވާލައްވާފަ އެވެ. މަޚުލޫފް ވިދާޅުވީ ހޯމަ ދުވަހުގެ ވޯޓް ގުނަން ފަށަންވާނީ ޖަލުގައި ބަންދުކޮށް ފޭރިގަނެފައިވާ ގަލޮޅު ދެކުނު ދާއިރާގެ ވޯޓް ހިމަނައިގެން ކަމަށެވެ.

 

މަޚުލޫފް ވަނީ ގެއްލިފައިވާ ރައްޔިތުންގެ އިތުބާރާއި އިޚްތިރާމް ހޯދުމަށް މެންބަރުންނަށް ގޮވާލައްވާފަ އެވެ. މަޚްލޫފް ވަނީ މާތް ﷲ އަށް ބިރުވެތިވެ، ދައްކާ ބިރަކަށް ބެލުމެއް ނެތި ރައްޔިތުން ދީފައިވާ ބާރުގެ ބޭނުންކޮށް މަސީހު މަގާމުން ދުރުކުމަށް ވޯޓް ދެއްވުމަށް އެދިވަޑައިގަންނަވާފަ އެވެ. މަޚުލޫފް ވިދާޅުވީ ހޯމަ ދުވަހަކީ އިދިކޮޅު ފަރާތްތަކަށް ލިބޭ ވޯޓުގެ އަދަދުން، ރައްޔިތުންނަށް ބޮޑު ކުރިއެރުމަކާއި ކާމިޔާބެއް ލިބޭނެ ދުވަހެއް ކަމަށެވެ. މީގެ އިތުރުން މަޚުލޫފް ވަނީ ރާއްޖެ ސަލާމަތްކޮށް، ގެއްލިފައިވާ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ދެއްވުމަށް ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އިގުރާރުވެ ސޮއިކުރައްވާފައިވާތީ މަރުހަބާ ދަންނަވާފަ އެވެ.

 

މަޚުލޫފް ވިދާޅުވީ ގައުމުގެ ސުލްހަމަސަލަސްކަމާއި އެކުވެރިކަން ގާއިމްކުރުމަށް އެންމެ އައުލާކަން ބޮޑީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް ވީހިނދި، ރައީސް މައުމޫނާއި ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރެއްވުމަކީ ޖަރީމާއެއްގެ ގޮތުގައި ސިފަކުރައްވައި ރައްޔިތުން ބައިބައިވުމަށް ހިތްވަރު ދެއްވާ ވާހަކަފުޅު ދެއްކެވީތީ ހިތާމަކުރައްވާ ކަމަށެވެ.

 

މަޚުލޫފް ވިދާޅުވީ 16 ވަނަ ރައްޔިތުންގެ މަޖިލީހުގައި ރައީސް މައުމޫނުގެ ސަރުކާރާ ދެކޮޅަށް ރައީސް އަބްދުﷲ ޔާމީނުގެ ޕީޕަލްސް އެލަޔަންސް (ޕީއޭ) އާއި އެމްޑީޕީ ގުޅިގެން މަސައްކަތް ކުރިކަން ރައީސް ޔާމީނަށް ހަނދުމަފުޅުކޮށް އަރުވަން ބޭނުންވާ ކަމަށެވެ.

 

މަސީހު މަގާމުން ދުރުކުރަންޖެހޭ ގިނަ އަދަދެއްގެ ސަބަބުތަކެއް މަޚުލޫފް ފާހަގަކުރެއްވި އެވެ. މަޚުލޫފް ވިދާޅުވީ ރައްޔިތުންގެ ޖީބުތައް ފެލާލައިގެން ދައުލަތަށް ޓެކްސްއެއް ނަގަންވެއްޖެނަމަ ތިން މަރުހަލާ އެއްކޮށްލައިގެން ވެސް އެކަން ކުރައްވާ ކަމަށެވެ. އަދި ޖަލަށް ލި ފަހުން މަޖިލީހަށް އޭނާ ހާޒިރުކުރުމަށް މަސީހު ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށް ވެސް މަޚުލޫފް ވިދާޅުވި އެވެ.

- ކޮމެންޓް