ޕީޕީއެމުން މެންބަރުން ވަކިކުރުމުގެ ގާނޫނީ ބާރުވެރިކަމެއް "ދަރުބާރު" ފެކްޝަނަށް ލިބިގެންނުވާ ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިފަދައިން ވިދާޅުވެފައިވަނީ، ޕީޕީއެމްގެ މެންބަރުކަމުން އެމަނިކުފާނު ވަކިކުރެއްވުމަށް، ރައީސް އަބްދުﷲ ޔާމީން ފެކްޝަނުގެ ޕީޕީއެމް ކައުންސިލުން އާދިއްތަ ދުވަހު ފާސްކޮށްފައިވަނިކޮށެވެ. ރައީސް މައުމޫން "ދަރުބާރު" ފެކްޝަން ނިސްބަތް ކުރައްވާފައިވަނީ ރައީސް ޔާމީނުގެ ޕީޕީއެމް ފެކްޝަނަށެވެ. ރައީސް ޔާމީނުގެ ފެކްޝަނަށް "ދަރުބާރު" ފެކްޝަން ކިޔަން ފެށީ، އެ ފެކްޝަނުން ދަރުބާރުގެ ނަގައިގެން އެތަނުގައި ހަރަކާތްތައް ބާއްވަމުންދާތީ އެވެ.
Dharubaaru faction has no legal standing & cannot dismiss members from PPM. 1/2
— Maumoon Abdul Gayoom (@maumoonagayoom) March 26, 2017
With the Grace of Allah I continue to be a member of PPM and its sole elected president and leader. 2/2
— Maumoon Abdul Gayoom (@maumoonagayoom) March 26, 2017
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ދަރުބާރު" ފެކްޝަނަށް ޕާޓީން މެންބަރުން ވަކިކުރުމުގެ ގާނޫނީ ހައިސިއްޔަތެއް އަދި ބާރުވެރިކަމެއް ލިބިގެންނުވާ ކަމަށެވެ. އަދި މާތް ﷲގެ ވާގިފުޅާއެކު އެމަނިކުފާނަކީ އަދިވެސް ޕީޕީއެމްގެ މެންބަރެއް ކަމަށާއި އަދި ޕާޓީގެ ރައީސް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ރައީސް މައުމޫން ޕީޕީއެމުން ވަކިކުރުމަށް ކައުންސިލުން ފާސްކޮށްފައިވަނީ، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި ގަރާރަކާ ގުޅިގެންނެވެ. ރައީސް ޔާމީނު ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލުވުމުގެ އިއްތިފާގުން ރައީސް މައުމޫން ޕާޓީން ވަކިކުރުމަށް ފާސްކޮށް، އެ މައްސަލަ ސުލޫކީ ކޮމެޓީ އަށް ވަނީ ފޮނުވާފަ އެވެ.