އިންފްލުއެންޒާ ވެކްސިން ޖެހުމަށް ދަމަނަ ވެށި އަދި އޭޑީކޭގައި އެތައް ބަޔަކު ކިއުގައި ގިނަ އިރުތަކެއް ވަންދެން ތިބެން ޖެހިއްޖެ އެވެ.
އޭޑީކޭ ހޮސްޕިޓަލުގެ ކިއުގައި އެތައް ސަތޭކަ މީހުން ތިބި އިރު އާދިއްތަ ދުވަހުގެ މެންދުރު 01:00 ފެށިގެން މީހުންވަނީ ކިއުގައި ޖެހެން ފަށައިފި އެވެ.
އޭޑީކޭ ހޮސްޕިޓަލުގެ ގޯތި ތެރެއިން ސޯސަން މަގުން، ވީޓީވީ އާއި އޭޑީކޭ ހުންނަ ގޯޅީގެ މެދަކާ ހަމައަށް ކިއުގައި މީހުން ތިއްބެވެ.
އޭޑީކޭ ހޮސްޕިޓަލުން ވެކްސިން ޖަހައިދެނީ މެންދުރު ފަހު ތިނަކުން ރޭގަނޑު ނުވަޔަކަށެވެ.
އޭޑީކޭގައި ވެކްސިން ދިނުމަށް ކިއުގައި އެތަށް ބަޔަކު ތިބެން ޖެހިފައިވާ އިރު ކިއު ނަންބަރު ދޫކުރަނީ، ދެ ކައުންޓަރުންނެވެ.
މިކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް އޭޑީކޭއަށް ގުޅުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފަ އެވެ.
މީގެ އިތުރުން ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ދަމަނަ ވެށީގައިވެސް ވެކްސިން ޖެހުމަށްޓަކައި ގިނަ ބަޔަކު ވަނީ ކިއުގައި ޖެހިފަ އެވެ. އެގޮތުން 02:00 އިން ހަވީރު 04:00 އަށް ވެކްސިން ޖެހުމަށް ނަންބަރު ދޫކުރާއިރު މިދުވަސްވަރު ވެކްސިން ޖެހުން ރޭގަނޑު 09:00 ޖެހުމާ ހަމައަށް ކުރިއަށް ގެންދަން ޖެހޭ ކަމަށް ދަމަނަ ވެށީގެ މުވައްޒަފަކު ބުންޏެވެ.
މިހާރު ރާއްޖޭގައި ހަލުއިކަމާ އެކު ފެތުރެމުންދާ އިންފްލުއެންޒާ އެޗްވަންއެންވަންއާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން 10،000 އިންފްލުއެންޒާ ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފައިވެ އެވެ. ވެކްސިން އެކި ސަރަހައްދުތަކަށް ގެންދިއުމަށްޓަކާއި ބޭނުންވާ ތަކެތި ވެސް ވަނީ ޑަބްލިޔުއެޗްއޯ އިން ހަދިޔާކޮށްފަ އެވެ. އެގޮތުން 4،000 ވައިރަސް ޓްރާންސްޕޯޓް މީޑިއަމް ވަނީ ސިއްހަތު ޖަމިއްޔާއިން ހަދިޔާކޮށްފަ އެވެ.