ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުގެ މައްސަލައިގެ ވޯޓާ ދިމާކޮށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕް އާދިއްތަ ދުވަހުގެ ރޭ އޮޅުވެލި ރިސޯޓުގައި "ކޭމްޕް" ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވި މެންބަރަކު ވިދާޅުވީ އޮޅުވެލި ރިސޯޓުގައި އާދިއްތަ ދުވަހުގެ ރޭ 9:00 ހާއިރު ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ ޖަލްސާއެއް ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ދެން އަނބުރާ މާލެ އަންނަނީ ހޯމަ ދުވަހުގެ ޖަލްސާ އަށް ހެނދުނު 7:00 އަށް ކަމަށް މެންބަރު ވިދާޅުވި އެވެ.
މެންބަރު ވިދާޅުވީ އާދިއްތަ ދުވަހުގެ ހަވީރު 4:30 ހާއިރު އޮޅުވެލި ރިސޯޓަށް ފުރުމަށް ތައްޔާރުވުމަށް ހޮނިހިރު ދުވަހުގެ ރޭ މެންބަރުންނަށް އަންގާފައިވާ ކަމަށެވެ. އަދި ހުރިހާ މެންބަރުން ވެސް ރިސޯޓަށް ދާންޖެހޭ ކަމަށް މެންބަރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން މަސީހު ދުރުކުރުމަށް، އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ އިތުރުން، ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދުކުރާ ޕީޕީއެމް ފެކްޝަނުން ހުށަހަޅާފައިވާ މައްސަލަ ފެއިލްކޮށްލާނެ ކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުން ވަނީ ބުނެފަ އެވެ.
މަސީހުގެ އިތުބާރުގެ މައްސަލައިގައި ވޯޓަށް އެހުން ހޯމަ ދުވަހުގެ ޖަލްސާއަށް ތާވަލުކޮށްފައިވާއިރު، އިދިކޮޅު ޕާޓީތަކުން ވަނީ، މަގާމުން މަސީހު ދުރުކުރެވޭ ވަރަށް ވުރެ ގިނައިން މެންބަރުން ހަމަވެފައިވާ ކަމަށް ބުނެފަ އެވެ. އެގޮތުން ހޯމަ ދުވަހުގެ ޖަލްސާ އަށް ވަންނާނީ އެ އަދަދަށް މެންބަރުން ގޮވައިގެން ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މަސީހުގެ އިތުބާރުގެ މައްސަލައާ ގުޅިގެން މީގެ ކުރިން ރައީސް އަބްދުﷲ ޔާމީން ވަނީ، ވޯޓުގެ ތިން ދުވަސް ކުރިން ހުރިހާ މެންބަރުންނަށް މާލޭގައި ތިބުމަށް އަންގަވާފަ އެވެ. އަދި އެ ވޯޓަކީ ހަމައެކަނި މަސީހުއާ ދެކޮޅަށް ނެގޭ ވޯޓެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.