Advertisement
ކ. މާލެ
|
26 މާރޗް 2017 | އާދީއްތަ 15:37
މެމްބަރު އަހްމަދު މަހްލޫފު
މެމްބަރު އަހްމަދު މަހްލޫފު
ރާއްޖެއެމްވީ
މަހްލޫފު ބަނޑުހައިހޫނުކަމުގައި
މަހްލޫފު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފައްޓަވަން މަޖުބޫރުވި ސަބަބު ބެލުމަށް އެމްޑީޕީން ގޮވާލައިފި
ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތެއް ނުދޭ
ސިއްހީ ފަރުވާ ފުރިހަމައަށް ނުދޭ
ހުކުމުގެ މުއްދަތު ހަމަވިއިރު ވެސް، ހައިކޯޓްގައި އޮތް އިސްތިއުނާފުގެ މައްސަލަ ކުރިއަށް ނުގެންދޭ

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު މަހްލޫފް ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ފައްޓަވަން މަޖުބޫރުވި ސަބަބުން ބެލުމަށް އެމްޑީޕީން ގޮވާލައިފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ މަހްލޫފް ޖަލުގައި ހައްޔަރުކޮށްގެން ގެންގުޅޭ ގޮތާއި، ވަކީލުންނާއި ބައްދަލުކުރުމުގެ ހައްގު ނުދީ ހިފަހައްޓާފައިވާތާ އެތަކެއް މަސްދުވަސް ފާއިތުވެފައިވާ ކަމަށެވެ. ޖަލުގެ ކެއުން ހުއްނަ ގޮތުން އޭނާގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާއި ނަމަވެސް ޑޮކްޓަރަށް ދެއްކުމުގައި ވެސް ހުރަސްތަކެއް ކުރިމަތިކުރަމުންދާ ކަމަށް އެމްޑީޕީން ބުނެއެވެ. އެގޮތުން ރާއްޖެއިން ބޭރުން، ކޮންމެ ތިން މަހަކުން އެއްފަހަރު ޖެހުމަށް ޑޮކްޓަރު ލަފާދެއްވި ޙާއްސަ އިންޖެކްޝަންގެ ޑޯޒް ހަމަވާއިރު ވެސް އެ އިންޖެކްޝަން ޖެހުމުގެ އިންތިޒާމު އަލުން ހަމަޖައްސައި ނުދީ، ބޭސްފަރުވާ ކުރުމަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް އެމްޑީޕީން ތުހްމަތުކުރެ އެވެ. އެހެންވެ، އެކަމާ އިންތިހާއަށް ކަންބޮޑުވާ ކަމަށް ވެސް އެޕާޓީގެ ބަޔާނުގައި ވެއެވެ.

"މިފަދަ ގިނަގުނަ ސަބަބުތަކާހުރެ އަޙްމަދު މަޙްލޫފް ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ފައްޓަވައިފައިވާތީ މި މައްސަލަތައް ވަގުތުން ބެލުމަށް ކަމާބެހޭ މުވައްސަސާތަކަށް އަނެއްކާ ވެސް ގޮވާލަމެވެ. އަދި އަޙްމަދު މަޙްލޫފަށް ސަރުކާރުން ދެމުން އެގެންދާ ނުޙައްގު އަދަބާއި އަނިޔާ ވަގުތުން ހުއްޓާލައި އޭނާ މިނިވަންކުރުމަށް ސަރުކާރަށް ގޮވަލަމެވެ،" އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

 

މަޙްލޫފް ޖަލަށް ލައި ނުޙައްޤު އަދަބު ދެމުން ގެންދަނީ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަމުގެ ވާހަކަ ދައްކަވައި ފާޑުވިދާޅުވަމުން ގެންދެވުމުގެ ސަބަބުން ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

"އިންސާފުން އެއްކިބާވެފައިވާ ޝަރީޢަތަކުން އަޙަމަދު މަޙްލޫފް ޖަލަށްލުމަށް ފަހުގައި ވެސް އޭނާއާ މެދުގައި ނާއިންސާފުގެ މައްޗަށް ނާއިންސާފު ވަމުންދާކަން ކަންބޮޑުވުމާ އެކު ފާހަގަކުރަމެވެ،" ބަޔާނުގައި ވެއެވެ.

އޭނާގެ މައްޗަށް އިއްވުނު ދެ ޙުކުމުގެ ތެރެއިން އެއް ޙުކުމުގެ މުއްދަތު ނިމި ދިޔައިރު ވެސް ހައި ކޯޓަށް އޭނާ ހުށަހެޅުއްވި އިސްތިއުނާފުގެ މައްސަލައެއް އެ ކޯޓުން ބަލާފައިނުވާ ކަމަށާއި ހަމައެފަދައިން އެ ޙުކުމްގެ މުއްދަތު ނިމިދިޔައިރު ވެސް ޕޭރޯލްގެ މައްސަލަ ބަލައި ޕޭރޯލްގެ ޙައްޤު ވެސް ދީފައި ނުވާ ކަމަށް އެމްޑީޕީން ބުނެއެވެ.

 މަހްލޫފު ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރިއަށް ގެންދަވާ ކަމަށް އޭނާގެ އަނބިކަނބަލުން ނަޒްރާ ނަސީމް ހުކުރު ދުވަހު ރާއްޖެއެމްވީއަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މަހްލޫފް ބަނޑުހައި ހޫނުކަމުގެ ހަޅުތާލެ ފެއްޓެވީ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްޤުތައް ވެސް ނުދީ، މަހްލޫފާ މެދު ތަފާތުކުރުންތައް ގެންގުޅޭތީ ކަމަށެވެ. އެގޮތުން ޤާނޫނު އަސާސީން ކޮންމެ މީހަކަށް ވެސް ޤާނޫނީ ވަކީލެއް އައްޔަނުކޮށް، މަސައްކަތްކުރުމުގެ ހައްޤު ކަށަވަރުކޮށްދީފައި ވީނަމަވެސް މަހުލޫފަށް އެ ހައްޤު ވެސް ނުދޭ ކަމަށާއި، މަހުލޫފަށް އޭނާގެ ޤާނޫނީ ވަކީލާއި ބައްދަލުވުމުގެ ފުރުސަތު ނުދޭތާ ދެ މަސް ދުވަސް ވެފައިވާކަމަށް ވެސް ނަޒޫ ވިދާޅުވި އެވެ. އަދި އެކަމުގެ ޝަކުވާ ވަރަށް ގިނައިން ހުށައެޅި ކަމަށާއި، ނަމަވެސް އެއްވެސް އެދެވޭ ޖަވާބެއްދީފައި ނުވާ ކަމަށް ނަޒޫ ވިދާޅުވި އެވެ.

ނަމަވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ މީޑިއާ އޮފިޝަލް  ވިދާޅުވީ މަހްލޫފް ހުންނެވީ ބަންޑުހައިހޫނުކަމުގެ ހަޅުތާލެއްގައި ނޫން ކަމަށާއި އޮންނަ އުސޫލުން ގާނޫނީ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު މަހްލޫފަށް ވެސް ތަނަވަސްކޮށްދެވޭނެ ކަމަށެވެ. އަދި ބޭސްފަރުވާގެ ކަންކަން ވެސް ހަމަޖެހިފައި އޮންނަ އުސޫލުން ކުރިއަށް ގެންދާ ކަމަށް ވިދާޅުވިއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް