Advertisement
ކ. މާލެ
|
26 މާރޗް 2017 | އާދީއްތަ 09:10
އެމްޑީޕީގެ ޗެއާޕަރސަންގެ ނައިބު، އަލީ ނިޔާޒް
އެމްޑީޕީގެ ޗެއާޕަރސަންގެ ނައިބު، އަލީ ނިޔާޒް
ފާތިމަތު ޝަނާ މުހައްމަދު
އެމްޑީޕީގެ ޖަލްސާ
ހޯމަ ދުވަހާ ހިސާބުން މި އިސްލާޙީ މަސައްކަތެއް ނުނިމޭނެ: އަލީ ނިޔާޒް
މަޖިލިސް ރައީސްގެ ވޯޓާއި ހަމައިން މަސައްކަތެއް ނުނިމޭނެ
ސަރުކާރުން ވަނީ ކައުންސިލްތަކުގެ ބާރު ކަނޑުވާލާފަ

ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ފަށާފައިވާ އިސްލާހީ މަސައްކަތްތަކަކީ މި މާޗްމަހުގެ 27 ވާ ހޯމަ ދުވަހާއި ހިސާބުން ނިމޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕަރސަންގެ ނައިބު، އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމަށް އަތޮޅު ތެރެއަށް އިދިކޮޅު އެމްޑީޕީން މިޙާރު ކުރަމުންދާ ދަތުރުތަކުގެ ތެރެއިން، ހޮނިހިރު ދުވަހުގެރޭ ރ. އިންނަމާދޫގައި ބޭއްވި އެ ޕާޓީގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން، ނިޔާޒު ވިދާޅުވީ، ރާއްޖޭގައި މިވަގުތު ތިއްބެވި ސިޔާސީ ގޮތުން އެންމެ ބާރުވެރި ބޭފުޅުން މިހާރު އެކުގައި އިސްލާހަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާ، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އިތުބާރު އޮތްތޯ ބެލުމަށް މާރިޗު މަހުގެ 27 ވާ ހޮމަ ދުވަހު ނަގާ ވޯޓާއި ހިސާބުން އެ މަސައްކަތް ނުނިމޭނެ ކަމަށަވެ.

އަޅުގަނޑުމެންގެ މި މަސައްކަތަކީ ހަމައެކަނި މި ހޯމަ ދުވަހާއި ހަމައިން ނިމޭ މަސައްކަތެއް ނޫން. އިއްޔެ ރާއްޖޭގަ މިވަގުތު ތިއްބެވި ސިޔާސީ ގޮތުން އެންމެ ބާރުވެރި، ރައްޔިތުންގެ ގިނަ، އެންމެ ގިނަ މެންބަރުން ތާޢީދު ކުރައްވާ، ހަތަރު ލީޑަރަކު ވަނީ ވަރަށް ގިނަ ކަންތައްތަކެއް ކުރުމަށް، ރައްޔިތުންނަށް ހެޔޮ ގޮތްތަކެއް ހޯދުމަށް، އިޤުރާރުވެ، ސޮއި ކުރައްވާފަ. އެހެންވީމަ މިއީ ހަމައެކަނި ހޯމަ ދުވަހާ ހިސާބުން ނިމެން އޮތް ކަމެއް ނޫން. މި މަސައްކަތުގާ ރައްޔިތުންނަށް ކާމިޔާބު ލިބި، ރައްޔިތުންގެ ވެރިކަމެއް ޤާއިމް ވުމާއި ހިސާބަށް، އަޅުގަނޑުމެންގެ ހަތަރު ލީޑަރުން، އެކުއެކީގަ މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން އަޅުގަނޑުމެންނަށް އެބައޮތް

ނިޔާޒް ވިދާޅުވީ، އެއް ޤާނޫނަކަށް އެންމެ ގިނަ ބަދަލު ގެނެސްފައި އޮތް ޤާނޫނަކީ ލާމަރުކަޒީ އުޞޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ހިންގުމުގެ ޤާނޫނު ކަމަށާ، އޭގެ ތެރޭގައި ކައުންސިލްތައް ބާރުވެރިވާފަދަ އެންމެ ބަދަލެއްވެސް ނުހިމެނޭ ކަމަށެވެ.

އެއް ޤާނޫނަކަށް އެންމެ ގިނަ ބަދަލު ގެނެސްފަ އޮތް ޤާނޫނަކީ ލާމަރުކަޒީ އުޞޫލުން ދިވެހިރާއްޖެގެ އިދާރީ ދާއިރާތަށް ހިންގުމުގެ ޤާނޫނު. މިސަރުކާރުން. އޭގެން އެންމެ ބަދަލަކީވެސް، ރައްޔިތުންނަށް ފައިދާ ހުރި ގޮތަކަށް ގެނެސްފައި އޮތް ބަދަލެއް ނޫން. އޭގެން އެއްވެސް ބަދަލަކީ ތިބޭފުޅުންނަށް އިތުރު ބާރެއް، ތިބޭފުޅުންނަށް ލިބިފައި އޮތް ބާރެއް ގެއްލުން ފިޔަވާ އިތުރު ބާރެއް ހޯދުމަށްޓަކާ ގެނެސްފައި އޮތް ބަދަލެއް ނޫން. އެހެން ވިސްނުން އޮތް ބައެއްގެ އަތްމައްޗަށް ދޫކޮށްލައިގެނެއް ލާމަރުކަޒީ ނިޒާމެއް ނުހިންގޭނެ

ލާމަރުކަޒީ އުޞޫލުން ދިވެހިރާއްޖެގެ އިދާރީ ދާއިރާތަށް ހިންގުމުގެ މައިގަނޑު ބޭނުމަކީ ހިންގުމުގެ ބާރު ރައްޔިތުންނަށް ދިނުން ކަމަށާ، އެ ބާރު އަނބުރާ ކައުންސިލްތަކަށް ދިނުމަށް، މިވަގުތު އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އެމްޔޫއޯގެ ކެނޑިޑޭޓުން ކައުންސިލްތަކަށް ހޮވުން ކަމަށް ނިޔާޒް ވިދާޅުވިއެވެ.

އެހެންނަމަވެސް އަޅުގަނޑުމެން މި އެދެނީ އެފަދަ މަސްޢޫލިއްޔަތުތަކެއް އަދާކުރާ ކައުންސިލްތަކެއް އޮތުމަކަށް ނޫން. ބާރުވެރި، އަޅުގަނޑުމެން ދުށް، އަޅުގަނޑުމެން އެދުނު ފަދަ ކައުންސިލްތަކެއްގަ މަސައްކަތް ކުރުމަށް އަޅުގަނޑުމެން ތިޔަބޭފުޅުން މި އެދެނީ. އެ ބޭނުމަށްޓަކާ، އަޅުގަނޑުމެން ފުރަތަމަ ކަމެއްގެ ގޮތުގަ އެބަޖެހޭ، މި ކައުންސިލް އިންތިޚާބު އެމްޔޫއޯގެ ކެނޑިޑޭޓުންނަށް ކާމިޔާބުކޮށްދޭން. އޭރުން އަޅުގަނޑުމެން މި އެދުނު މަސައްކަތްތައް އަޅުގަނޑުމެންނަށް، އަޅުގަނޑުމެން މި ތަޞައްވުރު ކުރާ މަސައްކަތްތައް ކައުންސިލްތަކާ ހަވާލު ކުރެވޭނީ

މި ޖަލްސާގައި ނިޔާޒް ވަނީ ސަރުކާރުން ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް ކޮށްފައިވާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އަންނަ މޭމަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އިދިކޮޅު ފަރާތްތަކުން ތައްޔާރުވެ، ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ސަރުކާރުންވެސް ދަނީ މި އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް