Advertisement
ކ. މާލެ
|
25 މާރޗް 2017 | ހޮނިހިރު 23:36
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދު
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދު
ޕީޕަލް މެގަޒިން
މަސީހުގެ އިތުބާރު
ޕީޕީއެމް މެންބަރެއްގެ ވޯޓް މަސީހާ ދެކޮޅަށް ލާން ޖެހޭނީ އިނގިލި ބުރިކޮށްލާފަ: ޖައުފަރު
ހަރުގެތަކުގައި ހަޅުތާލުކުރަން އުޅޭ މެންބަރުންނަަށް މަޖިލިހަށް ވަދެ ވޯޓް ނުދެވޭނެ
މަސީހާ ދެކޮޅަށް ލައްވަން ޖެހޭނީ އެބޭފުޅުންގެ އިނގިލި ބުރިކޮށްލާފަ
ހަޑިހާވާފައި ތިބި މެންބަރުން ރަނގަޅު ވާނީ ކަންކަމުގެ ކުރިމައްޗަށް ވަޑައިނުގަތުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުއާ ދެކޮޅަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ އެއްވެސް މެންބަރެއްގެ ވޯޓް ލައްވަންޖެހޭނީ އެބޭފުޅުންގެ އިނގިލި ބުރިކޮށްލާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދު ވިދާޅުވެއްޖެ އެވެ.

 

ޕީޕީއެމް- އެމްޑީއޭ ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕުން ދަރުބާރުގޭ ހަކުރާ މާލަމުގައި ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖައުފަރު ވަނީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ) އަށް ރައްދު ދެއްވާފަ އެވެ.

 

ހޯމަ ދުވަހު މަޖިލީހަށް ވަޑައިގަންނަވާނީ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރެވޭ އަދަދަށް މެންބަރުން ހަމަކޮށްގެން ކަމަށް އިބޫ ވިދާޅުވެފައިވާތީ، ރައްދު ދެއްވަމުން ޖައުފަރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ވޯޓް ދެވެނީ އިންތިޚާބު ކޮށްފައިތިބޭ މެންބަރުންނަށް ކަމަށާއި، ހަރުގެތަކުގައި ހަޅުތާލުކުރަން އުޅޭ މެންބަރުންނަަށް މަޖިލިހަށް ވަދެ ވޯޓް ނުދެވޭނެ ކަމަށެވެ.

 

އެ ބައްދަލުވުމަށް ވަޑައިގެން ތިއްބެވި މަޖިލިސް މެންބަރުންނަށް އިޝާރާތް ކުރައްވާ ޖައުފަރު ވިދާޅުވީ އަޣްލަބިއްޔަތު އޮތް ޕާލިމެންޓްރީ ގްރޫޕް މިއޮތީ ކަމަށާއި މި ގްރޫޕުގެ އެއްވެސް މެންބަރެއްގެ ވޯޓް މަސީހާ ދެކޮޅަށް ލައްވަން ޖެހޭނީ އެބޭފުޅުންގެ އިނގިލި ބުރިކޮށްލާފަ ކަމަށެވެ.

 

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވީ މަސީހުއާ ދެކޮޅަށް ވޯޓް ދެއްވުމަށް ޕީޕީއެމް ޕީޖީ ގްރޫޕުގެ މެންބަރަކު މަސައްކަތް ކުރައްވާނަމަ އެއީ އަމިއްލައަށް ހޫނު ފެނުގައި އަތްލުން ކަމަށް އެނގިގެން ކަމަށެވެ.

 

އިލްހާމް ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީގެ ގަވާއިދުތަކެއް ހެދިފައި އޮންނާނެ ކަމަށާއި ޕާޓީގެ އަސާސީ ގަވާއިދާ ޚިލާގުވާ މެންބަރުންނާ މެދު އަމަލުކުރާ ގޮތް ވެސް އޮންނާނެ ކަމަށެވެ. އަދި އެއަށް "ހޫނުފެނޭ، ފިނިފެނޭ" ކިޔަންޔާ ކިޔަންވީ ކަމަށް އިލްހާމް ވިދާޅުވި އެވެ.

 

"ހަޑިހާވާފައި ތިބި މެންބަރުން ރަނގަޅު ވާނީ ކަންކަމުގެ ކުރިމައްޗަށް ވަޑައިނުގަތުން، ހަޑިހޭވީމަ ވާގޮތަކީ ރަންކޮޅާ، ހަމަ އެއްކަލަ ހޫނުފެން އެޅޭނެ ފައި މައްޗަށް، އެއީ ރިއަލިޓީއަކީ، އެ ވާހަކަ ދެއްކީމަ ބައެއް ބޭފުޅުންނަށް އުނދަގޫވެގެން ވާހަކަ ދައްކާ އެސްއެމްއެސް ކުރައްވާ ކަންތައް ކުރެއްވިޔަސް ހިތަކަށް ނާރާ ކަހެރުވަކެކޭ ވެސް،" އިލްހާމް ވިދާޅުވި އެވެ.

 

ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ މަސީހުގެ އިތުބާރުގެ މައްސަލަ އިދިކޮޅު ފަރާތްތަކުގެ "އަތަށް ގޮއްވާލާނެ" ކަމަށެވެ.

 

"އަޅުގަނޑުމެން މިތިބީ މަޖިލީހުގެ ރައީސް މަސީހުގެ ނޯކޮންފިޑެންސް ވޯޓް އެބޭފުޅުންގެ އަތަށް ގޮއްވާލައި، ބޮލާފޮށާ އެޅިގެން ބުރުމާ ގާސިމާއި ފާރިސް މައުމޫނާއި، އިބްރާހިމް މުހައްމަދު ސޯލިހު ނިކުމެގެންދާތަން ތިބޭފުޅުންނަށް ފެނިގެންދާނެ،" މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް