Advertisement
ކ. މާލެ
|
25 މާރޗް 2017 | ހޮނިހިރު 22:54
ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު
ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު
މުހައްމަދު ޝަރުހާން
އަޒްމޫނަށް އިންޒާރުދިނުން
ރަށްތަކާއި ގުޅޭގޮތުން ސުވާލުކުރުމުން ރުޅިގަދެވެ، ރާއްޖެޓީވީގެ ނޫސްވެރިޔާއަށް ނިހާން އިންޒާރުދީފި
ރާއްޖެޓީވީގެ ނޫސްވެރިޔާ ސުވާލުކުރީ އެމްއެމްޕީއާރުސީން ދޫކުރި ފަޅުރަށްތަކާއި ގުޅޭގޮތުން

ޕީޕީއެމް/އެމްޑީއޭ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅޭގޮތުން ރާއްޖެޓީވީގެ ނޫސްވެރިޔާ އަހުމަދު އަޒްމޫން ސުވާލުކުރުމުން، އަބުރުގެ ދައުވާކުރައްވާނެކަމަށް ވިދާޅުވެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާނު ހުސެއިން މަނިކު އިންޒާރުދެއްވައިފި އެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވާއިރު، އެކަމާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވުމަށް ޕީޕީއެމް/އެމްޑީއޭ ޕާލިމެންޓްރީ ގުރޫޕުން ހޮނިހިރު ދުވަހު (މިއަދު) ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ.

 

ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް ސުވާލުކުރުމަށް ފުރުސަތު ހުޅުވާލުމާއެކު، ނޫސްވެރިންގެ ބައްދަލުވުން ކަވަރުކުރަމުންދިޔަ ރާއްޖެޓީވީގެ ނޫސްވެރިޔާ އަހުމަދު އަޒްމޫން ވަނީ ވޯޓާ ގުޅޭ ގޮތުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންންގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅޭގޮތުން ހަޤީޤަތް ސާފުކުރުމަށް ސުވާލުތައް ކުރިމަތިކޮށްފަ އެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިސޯޓް ތަރައްޤީކުރުމަށް ގިނަ ރަށްތަކެއް ލިބިފައިވާކަމަށް ތުހުމަތުތައްކުރެވޭއިރު އެއީ ތެދެއްތޯ ރާއްޖެޓީވީގެ ނޫސްވެރިޔާ އަޒްމޫނު ވަނީ ސުވާލުކޮށްފަ އެވެ.

 

"ތިޔަބޭފުޅުންނަށް އަމާޒުވާ އެންމެ ބޮޑު ފާޑުކިޔުމަކީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ވާހަކަ. ދެންތިޔައިގެ ތެރެއިން މަދު މެމްބަރަކު ފިޔަވައި ހުރިހާ މެމްބަރުންނަށް ރަށްތައް ލިބިފައިވާކަމަށް ތުހުމަތުކުރެވޭ. ފާޑުކިޔުން އަމާޒުވެގެން އަންނަ ގޮތުގައި ތިޔަބޭފުޅުން އެޅިފައިވާ ކަސްތޮޅަކީ އެއީކަމަށް ރައީސް ޔާމީންގެ ފަހަތުގައި ތިބެން. އެ މަޖުބޫރީ ހާލަތުކަމަށް ތިޔަބޭފުޅުންނަށް އޮތީ. އެއީ ކިހާވަރެއްގެ ތެދު ވާހަކައެއްތޯ." ރާއްޖެޓީވީގެ ނޫސްވެރިޔާ އަހުމަދު އަޒްމޫނު ސުވާލުކުރިޔެވެ.

 

 

ރާއްޖެޓީވީގެ ނޫސްވެރިޔާ އެގޮތަށް ސުވާލުކުރުމާއެކުގައި، ޕީޕީއެމް ޕީޖީ ލީޑަރު ނިހާން ވަނީ އަބަރުގެ ދައުވާކުރައްވާނެކަމަށް ވިދާޅުވެ އިންޒާރުދެއްވާފަ އެވެ. އެގޮތުން ނިހާން ވިދާޅުވީ ޖަވާބެއްގެ ގޮތުގައި އަބަރުގެ ޤާނޫނުގެ ދަށުން ކޯޓަށް ދިއުމަށް ތައްޔާރުވުމަށް ދަންނަވާ ކަމަށެވެ. އަދި އެ ސުވާލުގެ ޖަވާބާއެކުގައި ދެން ބައްދަލުކުރާނީ ކޯޓު ރޫމުގައި ކަމަށް ނިހާން ވިދާޅުވި އެވެ.

 

ރާއްޖެޓީވީގެ ނޫސްވެރިޔާގެ ސުވާލަށް ޖަވާބުދެއްވަމުން ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ ތުހުމަތުކުރެވޭކަމަށް ވިދާޅުވާއިރު، އެގޮތަށް ތުހުމަތުކުރާ ބަޔެއްގެ ނަންތައް ދޭންޖެހޭ ކަމަށެވެ. އަދި ތުހުމަތުކުރެވޭކަމަށް ބުނިއިރު، އެ ބޭފުޅުންވެސް ބޭނުން ކޮންމެ ތުހުމަތެއް ރާއްޖެޓީވީއަށް ކުރެވޭނެކަން ހަނދާނުގައި ބަހައްޓަންޖެހޭނެ ކަމަށް އަލީ އާރިފް ވިދާޅުވި އެވެ.

 

ރާއްޖެޓީވީގެ ނޫސްވެރިޔާ އަހުމަދު އަޒްމޫންގެ މައްޗަށް އަބުރުގެ ދައުވާކުރައްވާނެކަމަށް ވިދާޅުވެ، ނިހާން އިންޒާރުދެއްވިއިރު، އަޒްމޫން މަރާލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލައެއް 2016 ވަނަ އަހަރު ވަނީ ފުލުހުންގެ އިދާރާއަށް ހުށައަޅާފަ އެވެ. ނަމަވެސް އެ މައްސަލާގައި މިހާތަނަށްވެސް އެއްވެސް ތަހުޤީޤެއްކުރެވިފައިވާކަން ފުލުހުން ހާމައެއް ނުކުރެއެވެ. އޭގެއިތުރުންވެސް ރައްޖެޓީވީގެ ނޫސްވެރިންނަށް ގިނަ އިންޒާރުތަކެއްދެމުން އަންނައިރު، ރާއްޖެޓީވީގެ ތިން ނޫސްވެރިޔެއްގެ މައްޗަށް ދައުވާތައް ސާބިތުކޮށް ވަނީ ޒޫރިމަނާކޮށްފަ އެވެ. އަދި އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ހިޔާލުފާޅުކުރުން ހުއްޓުވުމަށް ޕީޕީއެމްގެ މަޖިލީސް މެމްބަރުން ފާސްކުރި ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، ނޫސްވެރިޔަކު ވަނީ ފަންސާސް ހާސް ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް