Advertisement
ކ. މާލެ
|
25 މާރޗް 2017 | ހޮނިހިރު 20:40
އައިޖީއެމްއެޗްގެ ފުލޫ ކްލިނިކުން ފަރުވާ ދެނީ: އިތުރު މީހަކު ވަނީ މަރުވެފައި
އައިޖީއެމްއެޗްގެ ފުލޫ ކްލިނިކުން ފަރުވާ ދެނީ: އިތުރު މީހަކު ވަނީ މަރުވެފައި
މުހައްމަދު ޝަރުހާން
އެޗްވަންއެންވަން ރޯގާ
އެޗްވަން އެންވަން ޖެހިގެން އިތުރު މީހަކު މަރުވެ، އިތުރު ނުވަ މީހަކު ޕޮޒިޓިވް ވެއްޖެ
މިހާތަނަށް 31 މީހަކަށް އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެވެމުން

ރާއްޖޭގައި މިހާރު ފެތުރެމުންދާ އެޗްވަންއެންވަން ރޯގާ ޖެހިގެން އިތުރު މީހަކު މަރުވެ އިތުރު 9 މީހަކު އެބައްޔަށް ޕޮޒިޓިވް ވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފިއެވެ.

މިބައްޔާ ގުޅިގެން ބަންދު ކޮށްފައިވާ ސްކޫލުތަކުގައި ކިޔެވުން އާދީއްތަ ދުވަހު ފެށުމަށް ނިންމާފައިވާއިރު އެޗްޕީއޭއިން ހޮނިހިރު ދުވަހު (މިއަދު) ޢާއްމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ހުކުރު ދުވަހުގެ ނިޔަލަށް 501 މީހަކު ޓެސްޓް ކޮށްފައިވާއިރު 185 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ހުކުރު ދުވަހުގެ ނިޔަލަށް އެވައިރަސް ޖެހިގެން ހަތަރު މީހަކު މަރުވެފައިވާއިރު އެވައިރަސް ޖެހިފައިވާ 31 މީހަކަށް އެޑްމިޓްކޮށްގެން މިހާރު ވެސް ދަނީ ފަރުވާ ދެވެމުންނެވެ. މީގެ އިތުރުން ހުކުރު ދުވަހުގެ ނިޔަލަށް އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދިޔަ 12 މީހަކު ދޫކޮށްލާފައިވާ ކަމަށް ވެސް އެޗްޕީއޭއިން ޢާއްމުކުރި ތަފާސް ހިސާބުތަކުގައި ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ހުކުރު ދުވަހު ތަފާސް ހިސާބުތައް ޢާއްމުކޮށްފައި ނުވާއިރު ހޮނިހިރު ދުވަހު ޢާއްމުކުރި ތަފާސް ހިސާބަށް ބަލާއިރު 23 ވަނަ ދުވަހު އެކިއެކި ފްލޫ ކްލިނިކްތަކުން ޖުމްލަ 1,116 މީހަކު ފަރުވާ ހޯދާފައި ވެއެވެ. އަދި 24 ވަނަ ދުވަހު (ހުކުރު ދުވަހު) ޖުމްލަ 624 މީހަކު ވަނީ އެކްލިނިކްތަކުން ފަރުވާ ހޯދާފައި ވެއެވެ.

އިތުރު މީހަކު މަރުވެފައިވާކަން އެޗްޕީއޭއިން ހާމަކުރި ނަމަވެސް އެއީ ކާކުކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އެޗްޕީއޭއިން ޢާއްމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ހުކުރު ދުވަހު އަތޮޅުތަކުން ފަރުވާ ހޯދާފައި ވަނީ 369 މީހުންނެވެ. އަދި މާލެއިން 257 މީހަކު ފަރުވާ ހޯދާފައި ވެއެވެ.

ހުކުރު ދުވަހަށް ބަލާއިރު އެންމެ ބާރަށް ފެތުރޭ ކަމަށް ފެނިފައިވަނީ ރ. އަތޮޅާއި ލ. އަތޮޅުންނެވެ. ރ. އަތޮޅުން 45 މީހަކު އަދި ލ. އަތޮޅުން 44 މީހަކު ފަރުވާ ހޯދާފައި ވެއެވެ.

މިހާތަނަށް ފްލޫ ކްލިނިކްތަކަށް އެންމެ ގިނައިން ދައްކާފައި ވަނީ، މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ. އެދުވަހު އަތޮޅުތަކުގެ ފްލޫ ކްލިނިކުން 1،551 މީހުން ޑޮކްޓަރަށް ދައްކާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް