Advertisement
ކ. މާލެ
|
25 މާރޗް 2017 | ހޮނިހިރު 06:54
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބދުﷲ ޝާހިދު
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބދުﷲ ޝާހިދު
ރާއްޖެއެމްވީ
އެމްޑީޕީ ޖަލްސާ
ސަރުކާރު ވަނީ ގުޑުގުޑު އަޅާފައި، ސަރުކާރު ވެއްޓޭނެ: ޝާހިދު
ރައީސް އަބްދުﷲ ޔާމީނަން ކުރިމަތިވީ ނާމާންކަމާއި މާޔޫސްކަން
ހިތްވަރު ލިބެނީ ރައްޔިތުން ދެއްކި ހިތްވަރުގަދަ ނުގުޑާ އަޒުމުގެ ސަބަބުން

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވަނީ ގުޑުގުޑު އަޅާފައި ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ވެރިކަން ބަދަލުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

"ލާމަރުކަޒީ ރާއްޖެ" ނަމުގައި ހުކުރު ދުވަހުގެރޭ ނައިފަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ އިދިކޮޅު ސިޔާސީ ލީޑަރުން އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއި ކުރެއްވުމުން ރައީސް އަބްދުﷲ ޔާމީނަން ކުރިމަތިވީ ނާމާންކަމާއި މާޔޫސް ކަން ކަމަށެވެ. އެކަމުން ދިވެހި ރައްޔިތުންގެ އުންމީދުތަށް އާވެ އާލާވެއްޖެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އިދިކޮޅު ސިޔާސީ ޕާޓީތައް އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރުމުން ދިވެހި ރައްޔިތުންގެ ހިތްތަކަށް އުންމީދު ލިބިއްޖެ ، ސަރުކާރަށް ވެރިވީ ނާމާކަން" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވި ގޮތުގައި މިއަދު އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން އެކުގައި މަސައްކަތް ކުރުމަށް ނިންމީ، ރައީސް ޔާމީންގެ ވެރިކަމުގައި އެމްޑީޕީގެ މެމްބަރުން ދެއްކެވި ހިތްވަރުގަދަ ނުގުޑާ އަޒުމުގެ ސަބަބުން ކަމަށެވެ. ރައީސް ނަޝީދަށް ހުކުމް ކުރުމުން ވެސް އެމްޑީޕީގެ މެމްބަރުން މާޔޫސްނުވެ، މަސައްކަތް ކުރީ ޙައްގުތައް ކަށަވަރުކުރުމަށާއި އަދުލުއިންސާފް ނިޒާމް ހަރުދަނާކުރުމަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެގޮތުން ސިޔާސީ ޕާޓީތަށް އެކުގައި މަސައްކަތް ކުރުމަކީ ރާއްޖެ ހަމަމަގަށް އެޅުވުމަށް ކުރާ މަސައްކަތުގެ ފެށުމެއް ކަމަށާއި އެމްޑީޕީ މެމްބަރުން މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު މިނިވަންކޮށް ނުހައްގުން ޖަލަށް ލާފައިވާ ހުރިހާ ސިޔާސީ ކޮށްވެރިންވެސް މިނިވަން ކުރުމަށް ފަހުގައި ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ލާމަރުކަޒީ ނިޒާމް ފުނޑާލާފައިވާ ކަމަށް ބުނެ ޝާހިދު ވަނީ ވަރަށް ބޮޑަށް ފާނޑުވިދާޅުވެ ވާހަކަ ދައްކާފައެވެ. އަދި ލާމަރުކަޒީ ނިޒާމްގެ ދިފާއުގައި ދިވެހި ރައްޔިތުން އެމްޑީޕީގެ ކެނޑިޑޭޓުންނަން ވޯޓް ދިނުމަށް ޝާހިދު ވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް