Advertisement
ކ. މާލެ
|
25 މާރޗް 2017 | ހޮނިހިރު 03:03
ބޮޑު ހަތަރު ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ބޮޑު ހަތަރު ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޓްވިޓަރ
އެމްޑީޕީ، ޖޭޕީ
ހަތަރު ސިޔާސީ ޕާޓީގެ ލީޑަރުން އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފި
އިންސާފްވެރި އިންތިހާބެއް ހޯދުމަށް އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވެފައިވޭ
ޕާޓީތަކުން އިހްތިޔާރު ކުރާ ކެންޑިޑޭޓުންނަށް އިންތިހާބުގައި ވާދަ ކުރެވޭނެ ގޮތް ހެދުމަށް މަސައްކަތް ކުރުމަށް އެއްބަސްވެފައިވޭ
ސިޔާސީ ދައުވާތައް އުފުލާ ހުކުމް ކޮށް ޖަލަށްލާފައިވާ މީހުން މިނިވަން ކުރުމަށް މަސައްކަތް ކުރުމަށް އެއްބަސްވެފައިވޭ

ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތާއި ގައުމީއްޔަތު ހިމާޔަތް ކުރުމަށް އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ބޮޑު ހަތަރު ސިޔާސީ ޕާޓީގެ ލީޑަރުން އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

 

މި އެއްބަސްވުމެއްގައި ސޮއިކުރައްވާފައި ވަނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ސަރުކާރު ހިންގާ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާއި އަދާލަތު ޕާޓީގެ ރައީސް ޝައިޙް އިމްރާން އަބްދުﷲގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއެވެ.

 

ހަތަރު ސިޔާސީ ލީޑަރުން ހުކުރު ދުވަހު ސޮއިކުރެއްވި އެއްބަސްވުމުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކާއި ސިޔާސީ ހުރިހާ ފިކުރެއްގެ ފަރާތްތަކުގެ މެދުގައި ކުރެވޭ ބިނާކުރަނިވި މައުނަވީ މަޝްވަރާތަކެއްގެ މައްޗަށް ބިނާކޮށް މާތްވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތާއި ގައުމީއްޔަތު ހިމާޔަތްކޮށް ދިވެހިރާއްޖޭގެ ބިންބިމާއި ފަޅުފަޅާއި ގުދުރަތީ ވަސީލަތްތަކުގެ މިލްކުވެރިކަން ހިމާޔަތްކޮށް ސިޔާސީ ގޮތުން އުފެދިފައިވާ ނުތަނަވަސްކަން ހައްލެއް ހޯދައި ދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

 

ހަމައެހެންމެ ދިވެހިރައްޔިތުންގެ ކިބައިން ނިގުޅައިގަންނަމުން ގެންދާ މަދަނީ އަދި ސިޔާސީ ހައްގުތައް ރައްކާތެރިކޮށް ދިވެހިރާއްޖޭގައި ބާއްވާ އިންތިހާބުތަކަކީ މިނިވަން އިންސާފްވެރި އަދި ސިޔާސީ ޕާޓީތަކުން އިޙްތިޔާރު ކުރާ ކެންޑިޑޭޓުން ވާދަކުރެވޭ އިންތިހާބަކަށް ހަދާނެ ކަމަށް ހަތަރު ލީޑަރުން ސޮއި ކުރެއްވި އެއްބަސްވުމުގައި ބުނެފައި ވެއެވެ.

 

މީގެ އިތުރުން ސިޔާސީ ސަބަބުތަކަށްޓަކައި ނުހައްގުން ހައްޔަރުކޮށް ތަހުގީގު ކުރަމުންދާ ނުވަތަ ދައުވާ އުފުލި ނުވަތަ ދައުވާ އުފުލުމުގެ މަގުމަތީގައިވާ މީހުންނާއި އަދި ހުކުމް ކޮށްފައިވާ މީހުން މިނިވަން ކުރުމަށް މަސައްކަތް ކުރުމަށް އެއްބަސްވެފައި ވެއެވެ.

 

ހަމައެހެންމެ ހަތަރު ސިޔާސީ ލީޑަރުންގެ އެއްބަސްވުމުގައި ބުނެފައި ވަނީ ސަރުކާރުގެ ތެރޭގައި ހިންގަމުން ގެންދާ ކޮރޮޕްޝަނާއި ވައްކަމުގެ އަމަލުތައް ހުއްޓުވައި ނުހައްގުން ނިގުޅައިގަނެފައިވާ މުޢާމަލާތްތަކާއި ރައްޔިތުންގެ މުދާ އަލުން އިޔާދަކޮށް ގައުމު ބިނާ ކުރުމަށްޓަކައި އަދި ގައުމާއި ރައްޔިތުންގެ ތަަރައްގީ ގާއިމް ކުރުމުގެ ގޮތުން ދިވެހިރާއްޖެ އަށް ދެމެހެއްޓެނެވި ހަމަޖެހުން ހޯދުމަށް ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އެއްބަސްވުމުގައި ބުނެފައި ވެއެވެ.

 

މީގެ އިތުރުން ސިޔާސީ ޕާޓީގެތަކުގެ ލީޑަރުންގެ މެދުގައި އެއްބަސް ވެވޭ ގޮތެއްގެ މަތިން ރައްޔިތުންގެ މަޖިލީހުގައްޔާއި ސިޔާސީ މަސްރަހުގައި އެކުގައި ގުޅިގެން މަސައްކަތް ކުރުުމަށް ހަތަރު ސިޔާސީ ލީޑަރުން ސޮއިކޮށް އެއްބަސްވެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް