Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2020 | ބުރާސްފަތި 18:56
ޔުނިސެފުން ހަދިޔާކުރި އެމްއާރު ވެކްސިން ހަވާލުކުރިކަމުގެ ލިޔުމާއި ހެލްތް މިނިސްޓަރު ހަވާލުވެވަޑައިގަންނަވަނީ
ޔުނިސެފުން ހަދިޔާކުރި އެމްއާރު ވެކްސިން ހަވާލުކުރިކަމުގެ ލިޔުމާއި ހެލްތް މިނިސްޓަރު ހަވާލުވެވަޑައިގަންނަވަނީ
ހެލްތު މިނިސްޓްރީ
އެމްއާރު ވެކްސިން
ޔުނިސެފުން ރާއްޖެއަށް 200،000 އެމްއާރު ވެކްސިން ހަދިޔާކޮށްފި
ޔުނިސެފުން ހަދިޔާކުރި ވެކްސިން ބޭނުންކުރާނީ ކެމްޕޭންގެ ތެރޭގައި
ބިދޭސީންނަށް ވެސް މި ކެމްޕެއިންގެ ތެރެއިން ވެކްސިން ދެވޭނެ
މިއީ ޔުނިސެފްގެ ހިލޭ އެހީގެ ދަށުން ހަދިޔާކުރި ވެކްސިންތަކެއް

ހެލްތު މިނިސްޓްރީން ކުރިއަށްގެންދާ ހިމަބިހި ކެމްޕޭނަށް ޔުނިސެފުން 200،000 (ދެ ލައްކަ) ވެކްސިން ހަދިޔާކޮށްފިއެވެ.

ޔުނިސެފުން ހިލޭއެހީގެ ދަށުން ހަދިޔާކުރި ވެކްސިންއާއި ރާއްޖޭގެ ފަރާތުން ހަވާލުވީ ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީނެވެ.

ހެލްތު މިނިސްޓްރީން ބުނީ ދިވެހިރާއްޖެއިން ހިމަބިހި (މީސްލްސް) ފެނުމާއިގުޅިގެން އިތުރަށް މިބަލި ފެތުރުނަ ނުދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެތެރެއިން، މިހާރު ފަށާފައިވާ ސަޕްލިމެންޓަރީ ވެކްސިން ދިނުމުގެ ޕްރޮގުރާމަށް ބޭނުންވާ ވެކްސިންއާއި ކޮންސިއުމަބަލްސް ހޯދުމުގައި ޔުނިސެފުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މިކަން ފާހަގަކުރުމުގެ ގޮތުން ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޔުނިސެފްއިން ވަރަށް އަވަސް މުއްދަތެއްގައި ފޯރުކޮށްދިން އެހީތެރިކަން ފާހަގަކުރައްވާ ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވަނީ ޔުނިސެފަށް ޝުކުރުއަދާކުރައްވާފައެވެ. ޔުނިސެފްގެ ފަރާތުން ރާއްޖޭގެ ވެކްސިން ޕްރޮގްރާމަށް ލިބެމުންދާ ފަންނީ އެހީތެރިކަން ފާހަގަކޮށް ޔުނިސެފަށް ޝުކުރުއަދާކުރެއްވިއެވެ. މި ރަސްމިއްޔާތުގައި ޔުނިސެފްގެ ފަރާތުން ލިބިގެންދިޔަ އެހީތެރިކަން ފާހަގަކޮށް ޚާއްޞަ ހަނދާނީ ލިޔުމެއް މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ޔުނިސެފަށް ވަނީ ދީފައެވެ.

Advertisement

ހެލްތު މިނިސްޓްރީން ބުނީ ޔުނިސެފްގެ އެހީގައި ހޯދާފައިވާ ވެކްސިންއާއެކު ދަތިކަމެއް ނެތި ފަންނީ ލަފާގެމަތިން އިސްކަންދެވޭ ފަރާތްތަކަށް ވެކްސިން ދިނުމާއި، މިހާރު ކުރިއަށް ގެންދާ ސަޕްލިމެންޓަރީ ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްގެންދެވޭނެކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވި ދިވެހިރާއްޖެއިން ހިމަބިހި ފެނުމާއިގުޅިގެން މިހާރު ކުރިއަށްގެންދެވޭ މަސައްކަތްތަކުގެތެރޭގައި، ހިމަބިއްސަށް ޕޮޒިޓިވް ވި ފަރާތްތަކުގެ ފަރާތުން ބަލި އަރާފާނެ ފަރާތްތައް ދެނެގަނެ، މަޢުލޫމާތު ދިނުމާއި، ވެކްސިން ފުރިހަމަނުވާ ފަރާތްތަކަށް ވެކްސިން ދިނުމާއި 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން މާލެއާއި އަތޮޅުތެރޭގައި މީސްލްސް ވެކްސިން ޑޯޒްތައް ހަމަނުވާ ކުދިންނަށް ވެކްސިން ދީ ހަމަކުރެވޭނެ ކަމަށެވެ.

އަދި އުމުރުން 6 މަހާއި 18 މަހާއި ދެމެދުގެ ތުއްތުކުދިންނަށް އެމްއާރު ވެކްސިންގެ އިތުރު ޑޯޒެއް ދިނުމާއި ވެކްސިންދިނުމުގެ މުހިންމުކަމާގުޅޭ މަޢުލޫމާތުދިނުމުގެ ކޮމިއުނިކޭޝަން ކެމްޕޭނެއް މި މަހުގެތެރޭގައި ފެށުމާއި އަދި މުޅި އާބާދީއަށް އަމާޒުކޮށް، ބިދޭސީން ހިމެނޭގޮތަށް އެމްއާރު ވެކްސިން ދިނުމުގެ ކެމްޕޭނެއް ހިންގުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޔުނިސެފުން އަޅުގަނޑުމެންނަށް ހަދިޔާކުރި 200000 ވެކްސިން ޑޯޒާއެކު ވެކްސިން ކެމްޕޭނަށް ވަރަށް ބޮޑު ފުރިހަމަކަމެއް ލިބިގެން އަންނާނެ. ހިމަބިހި ނައްތާލެވިފައިވާކަން އިއުލާންކުރި ފަހުން 159 މީހަކު ބައްޔަށް ޓެސްޓް ކުރެވިފައިވޭ. އޭގެތެރޭގައި ޕޮޒިޓިވްކަމަށް ފާހަގަކުރެވުނީ 8 ފަރާތެއް. ޖެނުއަރީ 28 ގެ ފަހުން އެއްވެސް މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައި ނުވޭ،
ހެލްތް މިނިސްޓަރު އަބްދުﷲ އަމީން

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ފަހުން ހިމަބިއްސައް އެއްވެސް މީހަކު ޕޮޒިޓިވްވެފައި ނުވެއެވެ. އަދި މިހާތަނަށް 6000 މީހުންނަށް ވެކްސިން ދީފައިވާ އިރު، ސްކޫލް ދަރިވަރުންނާއި، ޢާންމުން އަދި ޞިއްޙީ ޚިދުމަތްދޭ ފަރާތްތައް މީގެ ތެރޭގައި ހިމެނެއެވެ.

ހެލްތު މިނިސްޓްރީން ބުނެފައިވަނީ ވެކްސިން ޑާޓާ ބޭސްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ސަޕްލިމެންޓަރީ ވެކްސިން ދިނުމުގެ ޕްރޮގުރާމަކީ 3 މަސްދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ޕްރޮގުރާމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް