ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް ހުޅުވާލައިފިއެވެ.
އެކަން ރަސްމީކޮށް އިޢުލާންކުރީ އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެކޮމިޝަނުން ބުނީ، ލޯކަލް ކައުންސިލް އިންތިޚާބަށް އަންގާރަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ފޯމުތައް ހުށައެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ. އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ފޯމު ހުށައެޅުމަށް އީސީން ދީފައިވާ މުއްދަތަކީ ހަތަރެއް ފެބްރުއަރީން ފެށިގެން 24 ފެބްރުއަރީއާ ހަމަޔަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އީސީގެ ނައިބު ރައީސް އަޙްމަދު އަކްރަމް ވިދާޅުވީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށް ގެނައި އިޞްލާޙާއި ގުޅިގެން މި ފަހަރުގެ އިންތިޚާބު ވެގެންދާނީ ދިވެހިރާއްޖޭގެ ތާރީޚުގައި އީސީން އެއް ދުވަހެއްގައި ދެ އިންތިޚާބު ބާއްވާ ފުރަތަމަ ފަހަރު ކަމަށެވެ. އެ ދެ އިންތިޚާބަކީ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބެވެ.
އަކްރަމް ވިދާޅުވީ، މި ފަހަރުގެ އިންތިޚާބުގައި 1912 (އެއްހާސް ނުވަސަތޭކަ ބާރަ) ކެނޑިޑޭޓުން އިންތިޚާބު ކުރާނެ ކަމަށެެވެ. އެއީ ކައުންސިލްތަކަށް އިންތިޚާބުކުރާ 980 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީ މަސައްކަތްކުރާ ކޮމިޓީ އަށް އިންތިޚާބު ކުރާ 930 ކެނޑިޑޭޓުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ލަފާކުރާ ގޮތުން މި ފަހަރުގެ އިންތިޚާބުގައި 6،000 އަށް ވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރާނެއެވެ. އަކްރަމް ވިދާޅުވީ، އޮފިޝަލުންގެ ގޮތުގައި ހަތް ހާހަކަށް ވަރަކަށް މީހުން ޙަރަކާތްތެރިވާނެ ކަމަށެވެ. އިންތިޚާބުގައި ޖުމުލަ 545 ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވާއިރު ބަހައްޓާނެ ފޮށިތަކުގެ ސީދާ ޢަދަދު އަންގާނީ ރީ ރެޖިސްޓްރޭޝަން ޕްރޮސެސް އަށް ފަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އިސްމާއިލް ހަބީބް ވަނީ، އިންތިޚާބުގައި ކުރިމަތިލާ ހުރިހާ ކެނޑިޑޭޓުންވެސް ސުލޫކީ މިންގަނޑު ދެމެހެއްޓުމަށް އިލްތިމާސްކޮށްފައެެވެ. މި ދުވަސްވަރަކީ އިލެކްޝަންސް ކޮމިޝަނާއި ދޭތެރޭގައި ރައްޔިތުންގެ އިތުބާރު އުފެއްދުމަށްޓަކައި ސިޔާސީ ޕާޓީތަކުންވެސް މަސައްކަތް ކުރަން ޖެހޭ ދުވަސްވަރެއްކަން ހަބީބު ފާހަގަކުރެއްވިއެވެ.
ލޯކަލް ކައުންސިލްގެ އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.