ކޮރޯނާވައިރަސްގެ ސަބަބުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި ފަތުރުވެރިކަން އިޝްތިހާރުކުރަން މިއަހަރު ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
މިއަހަރަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ މިހާރު ފެތުރެމުން އަންނަ ކޮރޯނާ ވައިރަހުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ ވަރަށް ބޮޑަށް ހިޔަނި އެޅިފައިކަމަށް ރައީސް ވިދާޅުވި އެވެ.
މިބަލީގެ ނުރައްކާތެރިކަން ޢާންމުވި ދުވަހުން ފެށިގެން، އިއްޔެގެ ނިޔަލަށް، ފަތުރުވެރިކަމުގެ 13287 ބުކިން ކެންސަލްވެއްޖެ. މިކަމުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި، ފަތުރުވެރިކަން އިޝްތިހާރުކުރުމަށް، މިއަހަރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށް އަޅުގަނޑު ދެކެން. މިދިޔަ އަހަރުވެސް ބޭރު ދުނިޔޭގައި ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ ޙަރަކާތްތަކެއް ހިންގުނު.ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން އަމާޒު ހިފި މިޞްރާބަށް މިދިޔަ އަހަރު ވާޞިލުވެވުނުކަން އުފަލާއެކު ފާހަގަކުރައްވާކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށްވިޔަސް، މިދިޔަ އަހަރުގެ ނިޔަލަށް 1.7 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރކަމަށް ރައީސް ވިދާޅުވި އެވެ..
މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު، 14.7 އިންސައްތައިގެ އިތުރުވުމެއްކަމަށާއި މިހާރު ސަރުކާރުގެ އަމާޒަކީ، 2021 ވަނަ އަހަރު ނިމުމުގެ ކުރިން 2.15 މިލިއަން ފަތުރުވެރިން ރާއްޖެ ގެނެސް، މި ދައުރު ނިމުމުގެ ކުރިން، ކޮންމެ އަހަރަކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު، 2.5 މިލިއަނަށް އިތުރު ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.
މިދިޔަ އަހަރު ނިމުނު އިރު، ރާއްޖޭގައި 158 ރިސޯޓާއި 607 ގެސްޓް ހައުސް އަދި 12 ޓޫރިސްޓް ހޮޓަލާއި 156 ސަފާރީގައި ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެ އެވެ. އެއީ ޖުމްލަ 50591 އެނދެވެ. މިއަހަރުގެ ތެރޭގައި، އިތުރު 1300 އެނދާއެކު، 13 ރިސޯޓާއި 74 ގެސްޓް ހައުސް އަލަށް ހުޅުވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ރައީސް ވިދާޅުވި އެވެ.