Advertisement
ކ. މާލެ
|
24 މާރޗް 2017 | ހުކުރު 04:34
ޖުމްހޫރީ ޕާޓީން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ގާސިމް ޥާހަކަ ދައްކަވަނީ
ޖުމްހޫރީ ޕާޓީން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ގާސިމް ޥާހަކަ ދައްކަވަނީ
ޓްވިޓަރ
ޖޭޕީ ޖަލްސާ
މަސީހު ބޭރުކުރެވޭ ހިސާބުން އުފާވެރިކަމާ އެކު ޤައުމުގެ ހުރިހާ ކަމެއް ހަމައަކަށް އެޅެން ފަށާނެ: ޤާސިމް
ޕާޓީތަކުން ދިޔަ މެންބަރުން އަނބުރާއައުމުން ހުރިހާކަމެއްވެސް ހަމަޖެހުނީ
މި ޖަލްސާގައި އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުންތެރިން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް ވެސް ބައިވެރިވަޑައިގެންނެވި
ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ވަނީ ފްރީޒްކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްވެ، ބޭރުކުރެވޭ ހިސާބުން އުފާވެރިކަމާ އެކު ޤައުމުގެ ހުރިހާ ކަމެއް ހަމައަކަށް އެޅެން ފަށާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ މައި އޮފީސް ކުނޫޒުގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ ޤައުމަށް ދިމާވެފައިވާ ކަންކަން އިސްލާހުކޮށް ޤައުމު ބަދަލު ކުރުމުގެ މަސައްކަތުގައި އެމްޑީޕީ އާއި އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ އަދި ރައީސް މައުމޫނާ އެކު ގުޅިގެން ކުރިއަށް ދިއުމަށް ސޮއިކުރެވިގެންދާނެ ކަމަށެވެ.

ޤާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަން ހާމަވާ ކިތައްމެ ސަބަބެއް އެބަހުރި ކަމަށާއި އެކަމަށް ތާއީދު ނުކުރާ ހަމަ އެންމެ މެންބަރަކު ވެސް ހުންނާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.

އެގޮތުން ޕީޕީއެމްގެ ކިތައްމެ މެންބަރުންނެއް ވެސް މީގެ އެތައް ދުވަހެއް ކުރިން ވެސް އެކަން ބޭނުންވެގެން އެވާހަކަ ޤާސިމްގާތު ދެއްކެވި ކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ މަސީހު ބޭރުކުރުމަށް މަޖިލީހުގައި ނަގާ ވޯޓާ އެކު އެކަން ކާމިޔާބުވެ އުފާވެރިކަމުގެ އިރު އުދަރެހުން އަރާނެ ކަމަށާއި ހިނދުކޮޅެއްގެ ތެރޭގައި ޤައުމުގެ ކަންކަން  ހަމަޖެހިގެން ދާން ފަށާނެ ކަމަށެވެ.

އެކަމަށް ބޭނުން ވަނީ ރައީސް ނަޝީދާއި ރައީސް މައުމޫނު ވިދާޅުވާ ފަދައިން ބިރު ފަހަނައަޅާ ދިއުން ކަމަށާއި އެކަން ކުރެވޭނެ ގޮތަކީ މަޖިލީހުގެ މެންބަރުން އެގޮތުގައި ނުތިއްބަވާ، ބިރު ފަހަނައަޅާ ގޮސް މިވޯޓުން މިކަން ނިންމާލުން ކަމަށެވެ.

ޕާޓީތަކުން ކުރިމަތިލާ ކެނޑިޑޭޓުން ހޮވެނީ އެޕާޓީއަކަށް ކުރާ ތާއީދުން ކަން ފާހަގަކުރައްވަމުން ޤާސިމް ވިދާޅުވީ މިކަމަށް އޮތް އެންމެ ފަސޭހަ މަގަކީ ޖޭޕީންނާއި އެމްޑީޕީން ދިޔަ މެންބަރުން އެނބުރި އެޕާޓީތަކަށް އައުން ކަމަށެވެ. އެ ގޮތުން އެމްޑީޕީން ދިޔަ ފަސް މެންބަރުންނާއި ޖޭޕީން ދިޔަ ނުވަ މެންބަރުން އެނބުރި އައިސްފި ނަމަ ހުރިހާ ކަމެއް ހަމަޖެހޭނެ ކަމަށާއި އޭރުން އެއްވެސް ދެބަސްވުމެއް، އެއްވެސް ހަމަނުޖެހުމެއް ނޯންނާނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. އަދި އެ މެންބަރުން އަލުން ޖޭޕީއާ ގުޅުމަށް މިރޭ ވެސް ގާސިމް ވަނީ ގޮވާލައްވާފައެވެ.

ޤާސިމް ވިދާޅުވީ ޕީޕީއެމްގެ ތެރޭގައި ތިއްބެވީ ދުވާލަކު ހަފަހަރު މުލިއާގެއަށްދާން ބުންޏަސް ދާ ހިސާބުގައި ތިއްބެވި މެންބަރުން ކަމަށާއި ހަމައެއްޗަކީ "ނަމްބަރސް" ކަމަށެވެ. އެހިސާބުން އެވަނީ ބޮޑުގުޅައަށް ކަމަށާއި އެވެވެނީ ވަކިބައެއްގެ އަޅުންނަށް ކަމަށެވެ. ނަމަވެސް ރައްޔިތުން ހޮވާފައި ތިއްބަވާ މެންބަރުންނަކީ ވަރަށް ގަދަރުވެރި ބައެއް ކަމަށާއި އެކަން އެގޮތަށް ވާންނުޖެހޭ ކަމަށެވެ.

"އޭރުން ކަންކަން ހަމަ ޖެހުނީ. މިއަދު ބޮޑުގުޅަ. ބޮޑުގުޅައަށް ވީމަކާ ކަމަކު ނުދާނެ." ޤާސިމް ވިދާޅުވިއެވެ.

ޖޭޕީން ޕީޕީއެމަށް ދިޔަ މެންބަރުންނަށް ހިތްވަރު ދެއްވައި ޤާސިމް ވިދާޅުވީ 2019 ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކަށް ޕީޕީއެމުން އެބޭފުޅުންގެ ދާއިރާތަކުގެ ޓިކެޓް ދޭނެކަމާ މެދު ޔަޤީން ކަމެއް ނޯންނާނެ ކަމަށާއި ނަމަވެސް ޖުމްހޫރީ ޕާޓީން ދިޔަ މެންބަރުން އަތުވެއްޖެ ނަމަ އެމެންބަރުންނަށް ޓިކެޓްދީ ހޮވުމަށް ކެމްޕޭނުގައި އެހީތެރި ވެސް ވާނެ ކަމަށެވެ.

ރައީސް ޔާމީނަށް މުޚާތަބުކޮށް މި ޖަލްސާގައި ޤާސިމް ވިދާޅުވީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށް އެކިފަހަރު މތިން މަސައްކަތް ކުރެއްވި ކަމަށާއި އެކަމަކު ސަރުކާރުން އެކަންކަމަށް އަޅާލާފައި ނުވާ ކަމަށެވެ. އެގޮތުން އެތަކެއް ސިޓީއެއް ލިޔެ އެތައް ފަހަރަކު ސަލާންޖެހިން ކަމަށާއި ނަމަވެސް ރައީސް ޔާމީން އަޅުއްވާ ނުލެއްވި ކަމަށެވެ.

ރައީސް ނަޝީދަށް ހުކުމް ކުރައްވަން އުޅުމުން އެއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ދެންނެވިން ކަން ފާހަގަކުރައްވައި ޤާސިމް ވިދާޅުވީ އެކަމުގެ ސަބަބުން ރާއޖޭގައި ވެސް އެތައް ހަމަނުޖެހުމެއް ހިނގައި ބައިނަލްއަޤްވާމީ ދުނިޔޭގެ ތާއީދު ގެއްލިގެންދާނެ ކަމަށް ދެންނެވި ކަމަށެވެ. ނަމަވެސް އެކަންކަމަށް އަޅާނުލައްވައި ކުރެއްވި ކަންތައްތަކާއެކު ކޮމަންވެލްތުން ވަކިވާންޖެހި އެކަމުގެ ނަތީޖާއެއްގެ ގޮތުން މިހާރު އުޅޭ ރޯގާއިން ސަލާމަތްވުމަށް ޖަހަން ޖެހޭ އިންޖެކްޝަން ވެސް ޑަބްލިޔުއެޗްއޯއިން ނުދިންކަން ފާހަގަ ކުރެއްވިއެވެ.

ޤާސިމް ވިދާޅުވީ މިހުރިހާ ކަމެއް ވެސް މިހާރު ގުޅިފައި އޮތީ މަޖިލީހާ ކަމަށާއި މަޖިލީހުގެ ރައީސް ބަދަލު ކުރެވޭ ހިސާބުން އެ ހުރިހާ ކަމެއް ވެސް ހަމަޖެހިގެންދާނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ޖަގަހަ، މ. ކުނޫޒްގައި އޮތް ޖަލްސާގައި ޖޭޕީގެ މެންބަރުންގެ އިތުރުން އެމްޑީޕީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުންނާއި ޗެއާޕާސަންގެ އިތުރުން ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނު ވެސް ބައިވެރިވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް