Advertisement
ކ. މާލެ
|
3 ފެބްރުއަރީ 2020 | ހޯމަ 11:06
އައިޖީއެމްއެޗް
އައިޖީއެމްއެޗް
ރާއްޖެއެމްވީ
ރިޔާސީ ބަޔާން
ސައިކެޓްރީ ވޯޑެއް މުޅިން އަލަށް ޤާއިމުކޮށް މިއަހަރުގެ ތެރޭގައި ޚިދުމަތް ދޭން ފަށާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
އައި.ޖީ.އެމް.އެޗްގައި ޤާއިމުކުރި ސެންޓަރ ފޯރ މެންޓަލް ހެލްތުން މިދިޔަ އަހަރުގެ ނިޔަލަށް، 6160 މީހަކު ނަފްސާނީ ބައްޔަށް ފަރުވާ ހޯދާފައިވޭ
ޚާއްޞަ ބަލިބައްޔަށް ފަރުވާ ދިނުމުގެ ޚިދުމަތް ތަރައްޤީކުރުމަށް، މިއަހަރުގެ ތެރޭގައި މުހިންމު މަޝްރޫޢުތަކެއް ރޭވިފައި އެބަހުރިކަމަށް ރައީސް ވިދާޅުވި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް) ގައި ސައިކެޓްރީ ވޯޑެއް މުޅިން އަލަށް ޤާއިމުކޮށް، މިއަހަރުގެ ތެރޭގައި ޚިދުމަތް ދޭން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުއްވައިދެއްވުމަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ނަފްސާނީ ބައްޔަށް ފަރުވާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، މިދިޔަ އަހަރުގެ މާރިޗް މަހު، އައި.ޖީ.އެމް.އެޗްގައި ޤާއިމުކުރި ސެންޓަރ ފޮރ މެންޓަލް ހެލްތުން މިދިޔަ އަހަރުގެ ނިޔަލަށް، 6160 މީހަކު ނަފްސާނީ ބައްޔަށް ފަރުވާ ހޯދާފައިވާ ކަމަށެވެ.

Advertisement

މި ސެންޓަރަކީ މި ސަރުކާރުގެ ވަޢުދު ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އޯޕީޑީގައި ބަލި މީހުން ބެލުމާއި ނަފްސާނީ ބަލިތައް ވަޒަންކުރުމާއި ބަލި ދެނެގަތުމާއި ބޭހުގެ އެހީގައި ފަރުވާ ދިނުމާއި އޮކިއުޕޭޝަނަލް ތެރަޕީ އެ ސެންޓަރުން ދެއެވެ.

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަމުން އިތުރަށް ވިދާޅުވީ ޚާއްޞަ ބަލިބައްޔަށް ފަރުވާ ދިނުމުގެ ޚިދުމަތް ތަރައްޤީކުރުމަށް، މިއަހަރުގެ ތެރޭގައި މުހިންމު މަޝްރޫޢުތަކެއް ރޭވިފައި އެބަހުރިކަމަށެވެ.

އޭގެ ތެރެއިން އެއް ކަމަކީ، އިންޑިއާ ސަރުކާރުގެ އެހީގައި ހުޅުމާލޭގައި މިއަހަރު އަޅަން ފަށާ، ކެންސަރު ހޮސްޕިޓަލް. އޭގެ އިތުރުން އައި.ޖީ.އެމް.އެޗްގައި ކިޑްނީ ބަދަލު ކުރުމުގެ ޚިދުމަތް، މިއަހަރުގެ ތެރޭގައި ފެށުމަށް މިއަންނަނީ މަސައްކަތް ކުރަމުން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

މީގެއިތުރުން ރައީސް ވިދާޅުވީ ބޭސްފަރުވާއަށް މާލެ އަންނަން، ނުވަތަ ރާއްޖެއިން ބޭރަށް ދިޔުމަށް، ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދިނުމުގެ ގޮތުން، ފަސް ސަރަޙައްދެއްގައި ޓަރޝަރީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް މިދިޔަ އަހަރު ފެށިފައިވާ ކަމަށެވެ. އެއީ، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ލ. ގަން ރީޖަނަލް ހޮސްޕިޓަލާއި، ގދ. ތިނަދޫ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުން މިހާރު ނިންމާފައިވަނީ، މިއަހަރަކީ ޢާންމު ޞިއްޙަތުގެ އަހަރެއްގެ ގޮތުގައި ކަނޑައަޅައިގެން، ގައިން ގަޔަށް ނާރާ ބަލިތަކުން ޢާންމު ރައްޔިތުން ސަލާމަތްކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ. ކޮމިއުނިޓީ ހެލްތު ވޯކަރުންގެ ވިއުގައެއް ޤާއިމުކޮށް، އެ ޚިދުމަތްތައް ފުރިހަމައަށް ހިންގަން ފެށުމަކީ މިއަހަރު ކުރެވޭނެ މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން، އިސްރަށްވެހިންގެ ހިޔާ ޤާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި، މަސްތުވާތަކެތި ބޭނުންކުރާ މީހުން އަނބުރާ މުޖުތަމަޢަށް ގެނައުމަށް، ބަންދުގެ މުއްދަތުގައި ފަރުވާދިނުމަށްޓަކައި، ރިމާންޑް ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ފެށޭނެކަމަށް ރައީސް ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް