Advertisement
ކ. މާލެ
|
3 ފެބްރުއަރީ 2020 | ހޯމަ 10:23
ސޯލަރ ޕެނަލް ހަރުކުރަނީ
ސޯލަރ ޕެނަލް ހަރުކުރަނީ
އަޝްވާ ފަހީމް
އިރުގެ އަވިން ކަރަންޓު އުފެއްދުން
އިރުގެ އަވިން 51 މެގަވޮޓްގެ ކަރަންޓު އުފައްދާނެ ނިޒާމުތައް ގާއިމުކުރުމުގެ މަސައްކަތް މިއަހަރު ފަށަނީ
40 ރަށެއްގައި އަވިން ކަރަންޓު އުފައްދާ ނިޒާމުތައް ގާއިމުކުރެވިފައި
ކުންޏަކީ އާމްދަނީ ލިބޭ ވަސީލަތަކަށް ހެދާނަން
ޕްލާސްޓިކް ބޭނުންނުކުރާ ގައުމަކަށް ހެދުމަށް އެކުލަވައިލާ ޕްލޭނަށް މިއަހަރު އަމަލުކުރަން ފަށާނެ

އިރުގެ އަވިން 51 މެގަވޮޓްގެ ކަރަންޓު އުފައްދާނެ ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވަމުން ރައީސް ޞާލިޙު ވިދާޅުވީ ކަރަންޓު އުފެއްދުމަށް ޑީސަލް ބޭނުންކުރާ މިންވަރު މަދުކުރުމަށް، މިދިޔަ އަހަރުގެ ތެރޭގައި 40 ރަށެއްގައި، އަވިން ކަރަންޓު އުފައްދާ ނިޒާމުތައް ޤާއިމުކޮށް، 5.2 މެގަވޮޓްގެ ކަރަންޓު އުފައްދަން ފެށާފައިވާ ކަމަށެވެ.

އެހެންކަމުން، ރާއްޖޭގެ ކަރަންޓު ވިއުގައިގެ ތެރޭގައި، އިއާދަކުރަނިވި ހަކަތަ ހިމެނޭ މިންވަރު 21.5 މެގަވޮޓަށް ބަދަލުކޮށް، 7.5 އިންސައްތަ އިތުރުކުރެވިފައިވާ ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ. އަދި އިރުގެ އަވިން، އިތުރު 51 މެގަވޮޓްގެ ކަރަންޓު އުފައްދާނެ ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިޙު ވިދާޅުވީ މާލެ ޞަރަޙައްދުގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާ ކުރުމަށް، ހުޅުމާލޭގައި ހެދި 50 މެގަވޮޓުގެ އިންޖީނުގެއިން މިދިޔަ އަހަރު ހުޅުމާލެއަށް ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ. ހުޅުމާލެއާއި ހުޅުލެ އަދި މާލެ، އެއް ވިއުގައަކުން ގުޅާލުމަށްޓަކައި، މިހާރު އަޅަމުން އަންނަ ކަރަންޓު ކޭބަލްގެ މަސައްކަތް ނިންމައި، މިއަހަރުގެ ތެރޭގައި ޚިދުމަތް ދޭން ފަށާނެ ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.

Advertisement

މީގެ އިތުރުން ރައީސް ޞާލިޙު ވިދާޅުވީ ރަށްރަށުން މިހާރުވެސް ލިބޭ އެންމެ ބޮޑު އެއްޝަކުވާއަކީ، ރައްކާތެރި ގޮތުގައި ކުނި ނައްތާލެވެން ނެތުން ކަމަށާއި، މިއަހަރުގެ އެންމެ ބޮޑު އެއް ޢަމާޒަކީ، މިޝަކުވާއަށް އެކަށީގެންވާ ޙައްލެއް ހޯދައިދިނުން ކަމަށެވެ.

އެގޮތުން ގައުމީ ފެންވަރުގައި، އިތުބާރު ހިފޭ، ކުނި މެނޭޖުކުރުމުގެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް، ރާއްޖޭގެ 3 ޞަރަޙައްދެއްގައި ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިޙު ވިދާޅުވީ ކުންޏަކީ ޢާމްދަނީ ލިބޭ ވަޞީލަތަކަށް ހެދުމުގެ ސިޔާސަތުގެ ދަށުން، ކުނިން ހަކަތަ އުފެއްދުމަށް ތިލަފުށީގައި މިހާރު ފަށާފައިވާ، 168 މިލިއަން ޑޮލަރުގެ މަޝްރޫޢު ނިމުމުން، 8 މެގަވޮޓުގެ ކަރަންޓު، މާލޭގެ މަރުކަޒީ އިންޖީނުގެއާ ގުޅާލެވޭނެ ކަމަށެވެ. އަދި 28 މިލިއަން ޑޮލަރަށް އައްޑޫގައި ޤާއިމުކުރާ، ކުނިން ހަކަތަ އުފައްދާ ޕްލާންޓު ނިމުމުން، 1 މެގަވޮޓްގެ ކަރަންޓު، އައްޑޫގެ މަރުކަޒީ އިންޖީނުގޭގެ ކަރަންޓް ވިއުގަޔާ ގުޅައިލެވޭނެ ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.

ދުނިޔެ ހޫނުވުމުން ރާއްޖޭގެ ރަށްތަކަށް ކުރިމަތިވާނެ ގެއްލުންތަކަށް އަލިއަޅުއްވާލައްވާ ރައީސް ޞާލިޙު ވިދާޅުވީ މިއަހަރުގެ އިރުވައި ހަޅަ އާދަޔާ ޚިލާފަށް ގަދަވެ ދިގުލައިގެން ގޮސް، ވަރަށް ބޮޑަށް އުދައަރާފައިވާ ކަމަށެވެ.

މީހުން ދިރިއުޅޭ ރަށްރަށާއި ކިތަންމެ ފަޅުރަށެއްގެ ގޮނޑުދޮށް ވަނީ، އެރަށްރަށުގެ ހޭޅިފަށާ އެކު ގިރާލާފައި. މިކަމުގެ ގެއްލުންތައް ކުޑަކުރުމަށް، މިހާރުން މިހާރަށް ކުރަންޖެހޭ މަސައްކަތްތައް، ސަރުކާރުން މިއަންނަނީ ކުރަމުން.
ރައީސް ސޯލިހު

ރައީސް ޞާލިޙު ވިދާޅުވީ ޕްލާސްޓިކަކީ، ރާއްޖޭގެ ފަރުތަކާއި ކަނޑުގެ ދިރުންތަކުގެ އެންމެ ބޮޑު ދުޝްމަންކަން މިއަދު ކޮންމެ ދިވެހި ފަރުދަކު ޤަބޫލުކުރާނެ ކަމަށެވެ. އަދި ރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރުމުގެ ގޮތުން، ރާއްޖެއަކީ އެއްފަހަރު ބޭނުކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް، ބޭނުންނުކުރާ ޤައުމަކަށް ހެދުމަށް އެކުލަވާލާ ޕްލޭނަށް، މިއަހަރު ޢަމަލުކުރަން ފަށާނެ ކަމަށް ވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް