Advertisement
ކ. މާލެ
|
24 މާރޗް 2017 | ހުކުރު 02:25
ނޮޅިވަރަމް ދާއިރާގެ މެންބަރު ޙުސައިން އަރީފް
ނޮޅިވަރަމް ދާއިރާގެ މެންބަރު ޙުސައިން އަރީފް
ވީނިއުސް
ޙުސައިން އަރީފް
ރައްޔިތުންގެ ޙައްޤުތައް އެންމެ ބޮޑަށް ކަތިލީ މި މަޖިލީހުން: ޙުސެއިން އަރީފް
މަޖިލީހުން ވަނީ ހައްޤުތައް ގެއްލޭގޮތަށް އެތައް ކަމެއް ކޮށްފަ
މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ ވައްދާފަ

ދިވެހިރާއްޖޭގައި ރައްޔިތުންގެ މަޖިލީހެއް އުފެދުނު ފަހުން، ރައްޔިތުންގެ ޙައްޤުތައް އެންމެ ބޮޑަށް ކަތިލާފައި ވަނީ މިހާރު އޮތް މަޖިލީހުން ކަމަށް އެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ، ނޮޅިވަރަމް ދާއިރާގެ މެންބަރު ޙުސައިން އަރީފް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ ޙުސައިން އަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކިތަންމެ ހިއްޗަސް، ތެދު ވާނީ ތެދަށް ކަމަށާއި، ދިވެހިރާއްޖޭގައި ރައްޔިތުންގެ މަޖިލީހެއް އުފެދުނު ފަހުން، މިހާރު އޮތް މަޖިލީހަށް ވުރެ، ރައްޔިތުންގެ ޙައްޤުތައް ކަތިލި މަޖިލީހެއް ނެތް ކަމަށެވެ.

މެންބަރު އަރީފް މިގޮތަށް ވިދާޅުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ހޯމަ ދުވަހު ވޯޓުލާން ތައްޔާރުވެފައި ވަނިކޮށެވެ.

މަސީޙުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ، އެމަނިކުފާނުގެ ރިޔާސަތުގައި މަޖިލީހުގެ ތެރެއިން، ރައްޔިތުންގެ އެތައް އަސާސީ ހައްޤުތަކެއް ގެއްލުވާލަން ފުރުޞަތުދީ، ރައްޔިތުން ތަމްޞީލު ކުރުމުގެ ފުރުޞަތު، މަޖިލީހުގައި ތިއްބެވި ސަރުކާރާއި ޚިޔާލު ތަފާތުވާ ފަރާތްތަކަށް ނުދޭތީ ކަމަށް އެ މައްސަލަ ހުށަހެޅި ފަރާތްތަކުން ވަނީ ބުނެފައެވެ.

އެގޮތުން، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ނަމުގައި ޤާނޫނެއް ފާސްކޮށް، ޤާނޫނު އަސާސީގެ 27 އަދި 28 ވަނަ މާއްދާއިން ލިބިދޭ ޙައްޤުތައް ވަނީ ގެއްލުވާލާފައެވެ. އަދި ސިޔާސީ ހަރަކާތް ހިންގުމާއި، އެއްވެ އުޅުމުގެ ހައްޤު ހަނިކޮށް، ޤާނޫނު އަސާސީގެ 32 ވަނަ މާއްދައިން ލިބިދޭ ހައްޤުތައްވެސް ނަގާލާފައިވާ ކަމަށް މެންބަރުން ތުޙުމަތުމަތުކުރެއެވެ. އަދި ހަމަމިއާ އެކު ސަރުކާރު ޒިންމާދާރު ކުރުވުމުގެ ގޮތުން މިނިސްތަރުންނާއި ސުވާލު ކުރުމުގެ ފުރުޞަތު އިދިކޮޅު ފަރާތްތަކަށް ދިނުމުގައި އުޞޫލުން ބޭރުން އަމަލުކުރައްވާ ކަމުގެ ތުހުމަތުވެސް މަސީޙުގެ މައްޗަށް ވަނީ ކޮށްފައެވެ.

މީގެ އިތުރުން، މެންބަރުން ވެސް އަނދިރިކަމެއްގައި ބައިތިއްބައިގެން، ފްރީ ހޯލްޑް އުޞޫލުން ބިން ދޫކުރުމުގެ ނަމުގައި، ރާއްޖޭގެ ބިން ބިދޭސީ ބާރުތަކަށް ވިއްކައި، ރާއްޖޭގެ ސިޔާދަތު ނަގާލުމުގެ ފުރުޞަތު ހުޅުވާލުމުގައިވެސް މަސީޙު އިސް ދައުރެއް އަދާކުރައްވާފައިވާ ކަމަށް މެންބަރުން ތުޙުމަތު ކުރެއެވެ.

މިހާރު އޮތް ރައްޔިތުންގެ މަޖިލިސް، 2014 ވަނަ އަހަރު އިންތިޚާބުވީއްސުރެ މިހާތަނަށް ކޮށްފައިވާ ގިނަ މަސައްކަތްތަކަށް ރައްޔިތުންގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، އެ މަޖިލީހުން ފާސްކޮށްފައިވާ ގިނަ ޤާނޫނުތަކުން، ރައްޔިތުންގެ އެކި ޙައްޤުތައް ވަނީ ގެއްލިގެން ގޮސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް