ހަލުވިކަމާއެކު ޗައިނާގައި ކޮރޯނާވައިރަސް ފެތުރެމުންދާއިރު މިވައިރަސް ފެނުނު ހޫބޭ ޕްރޮވިންސް ވަނީ އެއްކޮށް ބަންދުކޮށްފަ އެވެ. އެ ޕްރޮވިންސަށް އެއްވެސް މީހަކަށް ނުވަދެވެއެވެ. އަދި އެ ޕްރޮވިންސުން އެއްވެސް މީހަކަށް ބޭރަކަށްވެސް ނުދެވެއެވެ. އެއާއެކު ހޫބޭ ޕްރޮވިންސްގައި ދިރިއުޅޭ 59 މިލިއަން މީހުން ވަނީ އެޕްރޮވިންސްގެ ތެރޭގައި ތާށިވެފައެވެ. ކިތަންމެ މުހިންމު ކަމަކު އެ ޕްރޮވިންސުން ބޭރަށްދާން ބޭނުންވިޔަސް އެމީހުންނަކަށް އެފުރުސަތެއް މިއަދަކު ނެތެވެ. އެ ޕްރޮވިންސުން ފެންނަ ހަމަހިމޭންކަމާއެކު އެތައް މިލިއަން މީހުންގެ ދިރިއުޅުންވެސް މިވަނީ އެކިގޮތްގޮތަށް ހުއްޓުމަކަށް އައިސްފައެވެ. ހަމައެއާއެކު އެ ޕްރޮވިންސްގެ ތެރެއިން އަންނަނީ އެތައް ހިތްދަތި މަންޒަރުތަކެއްވެސް ފެންނަމުންނެވެ.
އޭގެތެރެއިން އެއް މަންޒަރަކީ ހޮނިހިރު ދުވަހު ހޫބޭ ޕްރޮވިންސުން ނިކުތުމަށް ޖަހާފައިވާ ޗެކްޕޮއިންޓުގައި މަންމައަކު އޭނާގެ ކެންސަރު ޖެހިފައިވާ ދަރިފުޅަށް ފަރުވާ ހޯދައިދިނުމަށް ޕްރޮވިންސުން ބޭރަށް ފޮނުވައިދޭން ކުރި އާދޭހުގެ މަންޒަރެވެ. އެތައް ގަޑިއިރުތަކެއް ވަންދެން އުމުރުން 50 އަހަރުގެ ލޫ ޔުޖެއިން ޕޮލިސް ޗެކްޕޮއިންޓުގައި ހުރެގެން ރޮއި އާދޭސް ކުރަމުންދިޔައީ އޭނާގެ 26 އަހަރުގެ ދަރިފުޅު އެޕްރޮވިންސުން ބޭރުކޮށްދިނުމަށް އެދިއެވެ. އޭނާގެ ދަރިފުޅު ހޫ ޕިންގ އަކީ ލޫކީމިއާޖެހިގެން ފަރުވާހޯދަމުން އަންނަ ކުއްޖެކެވެ. ހޫބޭ ޕްރޮވިންސްގެ މައި ރަށްކަމުގައިވާ ވުހާންގެ ހޮސްޕިޓަލްތައް ވަނީ ކޮރޯނާވައިރަސް ޖެހިފައިވާ މީހުންނާއިގެން ފުރިފައެވެ. އެހެންކަމުން ޔުޖެއިންގެ ދަރިފުޅަށް ދެވަނަ ފަހަރަށް ބޭނުންވާ ކީމޯތެރަޕީ ވަނީ ލިބޭގޮތްނުވެފައެވެ.
އަހަރެންގެ ދަރިފުޅު ޖުޖިއާންގެ ހުރި ހޮސްޕިޓަލަށް ކޮންމެހެންވެސް ދާންޖެހޭ. އެދަރިފުޅަށް ބޭނުންވާ ފަރުވާ ލިބޭނީ އޭރުން. ނަމަވެސް އެމީހުން އަހަރުމެން ބޭރަކަށް ނުފޮނުވިލޫ ޔުޖެއިން
ޔުޖެއިންގެ ދަރިފުޅު ރަޖާގަނޑެއް ގައިގައި އޮޅާލައިގެން ބިންމަތީގައި އިންއިރު ޔުޖެއިން ދިޔައީ ހުއްޓުމެއްނެތި ފުލުހުން ކައިރީގައި އާދޭސް ކުރަމުންނެވެ.
ހެޔޮނުވާނެ އަހަރެންގެ ދަރިފުޅު މިތަނުން ނެރެދީ. އަހަރެން ދާކަށް ނޫން. ނަމަވެސް އަހަރެންގެ ދަރިފުޅު މިތަނުން ބޭރަށް ފޮނުވަދީ. އާދޭސްކުރަންލޫ ޔުޖެއިން
އެހެންނަމަވެސް ޔުޖެއިންގެ މިރުއިމުގެ އާދޭސްތައް ލައުޑް ސްޕީކަރުން ރިޕީޓްކޮށް ޖޫޖިއާން އަށް ނުވަދެވޭނެކަމަށް ގޮވަމުންދިޔަ އަޑާއެކު ވައިގެ ތެރެއަށް ދަމުންދިޔައެވެ. އެއަޑު އިވޭނެ މީހެއް އަހާނެ މީހެއް އަދި އެކަން ކޮށްދެވޭނެ މީހަކު މިއަދު އެތާ ނެތްފަދައެވެ. އެތައް ހާސް ބަޔަކު ފާއިތުވި ދުވަސްތަކުގައިވެސް ވަނީ އެޗެކް ޕޮއިންޓުން ޖުޖިއާނަށް ދެވޭތޯ މަސައްކަތްކޮށްފަ އެވެ. އެކަން ކިރިޔާވެސް ކާމިޔާބުވެފައިވަނީ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުގެ ކުރިން ޓްރެއިން ނުވަތަ މަތިންދާބޯޓެއްގެ ޓިކެޓް ގަނެފައިވާ މީހުންނަށެވެ. ނަމަވެސް އޭގެ ތެރެއިންވެސް މަދުބަޔަކަށް ނޫނީ ޖުޖިއާންގެ ތެރެއަށް ވަދެވިފައެއް ނުވެއެވެ.
ކަމާބެހޭ ފަރާތްތަކުގައި ޔުޖެއިން ކުރަމުންދިޔަ އާދޭސްތަކާއެކު އެންމެ ފަހުން އޭނާގެ އާދޭސްތައް ފުލުހުން އަޑުއެހިއެވެ. އަދި އެމްބިޔުލެންސެއް ގެނެސް ޔުޖެއިން އާއި އޭނާގެ ދަރިފުޅު ހޫ އަށް ޖޫޖިއާން އަށް ދެވޭގޮތް ވެއްޖެއެވެ.
ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ މިފަދަ އެތައް މިލިއަން ބަޔަކު މިއަދު ހޫބޭ ޕްރޮވިންސްގެ ތެރޭގައި ތާށިވެފައި ތިބިކަމެވެ. އެމީހުން ކޮންމެހެން ބޭނުންވާ ކަންކަން ނުކުރެވި މުޅި ދުނިޔެއާ އެކަހެރިކޮށް މިއަދު ވަނީ އުޅެން މަޖުބޫރުވެފައެވެ. ނުރައްކާތެރި ކޮރޯނާވައިރަސް އަދިވެސް އަންނަނީ ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންނެވެ. އެކަން ކޮންޓްރޯލްވަންދެން އެމީހުންނަށް ޖެހިފައިވަނީ އެތާނގެ ތެރޭގައި ތާށިވެފައި ތިބޭށެވެ.