މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އެމަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓުގައި މަސީހު ބޭރުކުރުމަށް ތްރީ ލައިން ވިޕް ނެރެން ޖުމްހޫރީ ޕާޓީން ނިންމައިފިއެވެ.
އެޕާޓީން އެގޮތަށް ނިންމީ އެޕާޓީގެ ޤައުމީ ހިންގާ ކޮމެޓީން ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި އެގޮތަށް ފާސްކޮށްގެންނެވެ.
ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވަނީ ރާއްޖެ އެމްވީއަށް އެކަން ކަށަވަރުކޮށްދެއްވާފައެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ސަމީރު ވިދާޅުވީ މަސީހުގެ އިތުބާރު ނެތްކަމަށް ހުށަހެޅިފައިވާ ވޯޓުގައި މަސީހާ ދެކޮޅަށް ވޯޓު ދިނުމަށް ފެންނަ ކަމަށް އެޕާޓީގެ ޕީޖީއަށް ލަފާ ދެއްވުމަށް ޤައުމީ ހިންގާ ކޮމެޓީން ނިންމާފައިވާ ކަމަށެވެ.
ސަމީރު ވިދާޅުވީ އެކަމަށް އެކޮމެޓީގައި ނެގުނު ވޯޓުގެ ކުރިން މެންބަރުން ފާޅުކުރެއްވި ޚިޔާލުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީސް މިހާރު ވަނީ ސަރުކާރުން ބޭނުންވާހާ ކަމެއް ބޭނުން ގޮތަކަށް ކުރުމަށް ބޭނުންކުރާ ރަބަރ ސްޓޭމްޕަކަށް ކަމަށާއި ޤައުމު އިސްލާހުކޮށް ޤައުމަށް ބަދަލު ތަކެއް ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް އެކަށޭނަ އިސްލާހު ތަކެއް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން އެމަޖިލީސް އިސްލާހު ކުރުމުގެ މަސައްކަތް ކުރެވެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެމަޤާމުން ދުރުކޮށް ރައްޔިތުންނަށް ޓަކައި ކަންކަން ކުރެވޭނެ މަގު ފަހިކޮށްދެއްވާނެ ރައީސަކު ގެނެސްގެން ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
ސަމީރު ވިދާޅުވީ އެކަމަށްޓަކައި އިދިކޮޅު ޕާޓީތަކުން ކުރަމުންދާ މަސައްކަތައް އެއްބާރުލުންދީ އެވޯޓުގައި މަސީހާ ދެކޮޅަށް ވޯޓު ދެއްވުމަށް އެޕާޓީގެ ޕީޖީއަށް ލަފާއެރުވުމަށް އެކޮމެޓީން ނިންމެވީ 25 މެންބަރުންގެ އިއްތިފާގުން ކަމަށެވެ.
އެމްޑީޕީއާއި އަދާލަތު ޕާޓީ އަދި ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަން އަދި ޖުމްހޫރީ ޕާޓީވެސް ބައިވެރިވެގެން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވެފައިވަނީ މަސީހު ބޭރުކުރުމުގެ ވޯޓު ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ލިބިފައިވާ ކަމަށެވެ.