ދިވެހި ޤައުމުގެ ހާލަތު ބަދަލުކޮށް އިސްލާހު ކުރުމަށް އެމްޑީޕީއާ އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫނާ ގުޅިގެން މަސައްކަތްކުރުމަށް ޖުމްހޫރީ ޕާޓީން ނިންމައިފިއެވެ.
އެޕާޓީން މިގޮތައް ނިންމީ ދާދި ދެންމެއަކު އެޕާޓީގެ ޤައުމީ ހިންގާ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި 25 މެންބަރުންގެ އިއްތިފާގުންނެވެ.
ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވަނީ މިކަން ރާއްޖެ އެމްވީއަށް ކަށަވަރުކޮށް ދެއްވާފައެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ސަމީރު ވިދާޅުވީ ޤައުމީ ހިންގާ ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި މެންބަރުން ވަނީ ޤައުމު މިއަދު އޮތް ހާލަތާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައި ކަމަށެވެ. އެގޮތުން ސަރުކާރުގެ އަނިޔާވެރިކަމާއި ހުރިހާ މިނިވަން މުއައްސަސާތަކަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވުމުގެ އިތުރުން ވިޔަފާރި ވެރިންނަށް ކުރަމުންދާ ބޭއިންސާފް ދުއްތުރާތައް މެންބަރުން ފާހަގަ ކުރެއްވިކަމަށް ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ ޤައުމު މިހާލަތުން ސަލާމަތްކޮށް އެކަށޭނަ ހެޔޮބަދަލު ޤައުމަށް ގެނައުމަށް ޓަކައި ޖޭޕީގެ ޤައުމީ ހިންގާ ކޮމެޓީން ނިންމެވި ކަމަށާއި އެކަމަށްޓަކައި އެމްޑީޕީ އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫނށާއި ގުޅިގެން ކުރަންޖެހޭ ކޮންމެ ކުރުމުގެ ބާރު ޤައުމީ ހިންގާ ކޮމެޓީން ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމަށް ދެއްވަން ނިންމެވި ކަމަށެވެ.
ޖުމްހޫރީ ޕާޓީން ދަނީ މިހާރު ސަރުކާރަށް ފާޅުގައި ފާޑު ކިޔަމުންނެވެ. އަދި ބުރާސްފަތި ދުވަހުގެރޭ އެޕާޓީގެ މައި އޮފީސް މ. ކުނޫޒުގައި ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.
ޖުމްހޫރީ ޕާޓީއަކީ އަދި އެޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމަކީ މިހާރު އޮތް ސަރުކާރު ވެރިކަމަށް ގެންނެވުމުގައި ވަރަށް ބޮޑު އެހީތެރިކަމަކާއި މަދަދެއް ދީފައިވެއެވެ. ނަމަވެސް ވެރިކަމުގެ ވަރަށް ކުރީކޮޅު ސަރުކާރު ކޯލިޝަނުން ޖޭޕީ ވަނީ ބޭރުކޮށްލާފައެވެ.