މިހާރު ފެތުރެމުންދާ ރޯގާތަކާ ގުޅިގެން އައިޖީއެމްއެޗުން ތާޖުއްދީނު ސްކޫލުގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކް ހުކުރު ދުވަހު އައިޖީއެމްއެޗަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިޔާގެ ޑިރެކްޓަރ އަހްމަދު މައުސޫމް ވިދާޅުވީ، ސްކޫލުތަށް އަންނަ ހަފްތާގެ އާދިއްތަ ދުވަހު ހުޅުވުމަށް ނިންމާފައި ވުމާ އެކު, ތާޖުއްދީން ސްކޫލުގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކް އެ ހޮސްޕިޓަލަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެގޮތުން ހުކުރު ދުވަހު ފްލޫ ކްލިނިކް މުޅިން އެ ހޮސްޕިޓަލަށް ބަދަލު ކުރެވޭނެ ކަމަށެވެ.
މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެން އެ ހޮސްޕިޓަލުގެ އައިސީޔޫގައި ނުވަ މީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ބަޔަކު އެ ހޮސްޕީޓަލުގެ ފްލޫ ކްލިނިކަށް ދައްކަމުންދާ އިރު މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުވަން ފަށާފައިވާ ކަމަށް މައުސޫމް ވަނީ ވިދާޅުވެފަ އެވެ.
މިހާރު ފެތުރެމުންދާ ރޯގާތަކާ ގުޅިގެން އައިޖީއެމްއެޗުގައި ފްލޫ ކްލިނިކް ގާއިމްކޮށްފައިވަނީ މާރޗު 11 ވަނަ ދުވަހު އެވެ.
އެހޮސްޕިޓަލުގެ އައިސީޔޫގައި ރޯގާއާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކަށް ފަރުވާދެމުންދާ އިރު އެމަރޖެންސީން ނޫން، އެހެން ނަމަވެސް އައިސީޔޫގައި ފަރުވާންދޭން ޖެހޭ ސަރޖެރީތައް އެ ހޮސްޕިޓަލުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ. މިގޮތަށް މެދުކަނޑާލަން ޖެހުނީ އެ އައިސީޔޫގައި ވެސް ރޯގާއާ ގުޅިގެން އެޑްމިޓް ކުރެވޭ މީހުންނާ އެހެން ބަލިތަކުގެ މީހުންނާ، ވަކި ކުރުމުގެ ބޭނުމުގައި ކަމަށް އެހޮސްޕިޓަލުން ބުނެ އެވެ.
މިބަދަލު ގެނެވުނު ނަމަވެސް ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެކަން ކުރިން ވެސް ކުރިއަށްދިޔަ ގޮތަށް ބަދަލުވެގެންދާނެ ކަމަށް ބެލެވޭކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.
އައިޖީއެމްއެޗްގެ އައިސީޔޫގެ ޖާގައަކީ 15 އެވެ.