ދުނިޔޭގެ ޤައުމުތަކުގައި މިހާރު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސްއާއި ގުޅޭގޮތުން މަޖިލީހަށް މަޢުލޫމާތު ހިއްސާކުރެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް އެދި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން އެދިވަޑައިގެންފިއެވެ.
މިކަމަށް އެދިވަޑައިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް މިނިސްޓަރ ފޮނުއްވި ސިޓީގައި ވަނީ ނޮވެލް ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށްޓަކައި ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަމަށެވެ.
އެގޮތުން މިހާތަނަށް އެޅިފައިހުރި ފިޔަވަޅުތަކާއި، އިތުރަށް ކުރުމަށް ރާވާފައި ހުރި މަސައްކަތްތަކާއި ބެހޭގޮތުންނާއި އަދި މި ވައިރަސްއާއި ބެހޭ އެހެނިހެން މަޢުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުންނަށް ޙިއްސާކުރުމަކީ މުހިންމު ކަމެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ވެސް ސިޓީގައިވެއެވެ. އެހެން ކަމުން މިނިސްޓަރގެ ސިޓީގައި އެދިވަޑައިގެންފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކަމާއިބެހޭ މެންބަރުންނާއި ބައްދަލުކޮށް މަޢުލޫމާތު ހިއްސާކޮށްދެވޭނެ އިންތިޒާމެއް ހަމަޖައްސައިދެއްވުމަށެވެ.
ބުދަ ދުވަހު، ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖެއިން މިހާތަނަށް އަޅާފައިވާ ރާއްކާތެރިކަމުގެ ފިޔަވަޅުތަކަށް ބަލާލާއިރު، ހެލްތު އެމެޖެންސީ ކޮމިޓީ އަދި ހެލްތު އެމެޖެންސީ އޮޕަރޭޓިންގ ސެންޓަރ (ޓާސްކްފޯސް) އެއް ވަނީ އެކުލަވާލާފައެވެ. އަދި ކޮންމެ ދުވަހަކު ޤަވާއިދުން މަޝްވަރާ ބައްދަލުވުން ބާއްވައެވެ. މީގެއިތުރުން ކޮރޯނާ ވައިރަސްގެ ރިސްކް އެސެސްމަންޓް ހަދާފައިވާއިރު، ރާއްޖެއަށް މި ބަލީގެ "އައުޓްބްރޭކް" އެއް ފެނުމުގެ ފުރުޞަތު ބޮޑު (ހައި ރިސްކް) ކަމަށް ނަތީޖާއިން ވަނީ ދައްކާފައެވެ.
ހެލްތު މިނިސްޓަރ އަމީން މީގެކުރިން ވިދާޅުވީ، ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފުރިހަމަ ފިޔަވަޅުތައް އަޅާ ތައްޔާރީ ޙާލަތަށް އައިސްފައިވާ ކަމަށެވެ.